ދިއްފުށިންނާއި މާލެ އަތޮޅުން ގިނަ ބަޔަކު މެއިޑޭއަށް މާލެ އަންނާނެ- އެމްޑީޕީ ޗެއަރޕާސަން އަލީ ވަހީދު

CDIYr79W4AAfT86އަނިޔާވެރިކަމާ ދެކޮޅަށް ދިއްފުށިގައި ބޭއްވި ޚާއްޞަ ޖަލްސާ

އަނިޔާވެރިކަން ނިންމުމަށް މެއި މަހުގެ އެއް ވަނަ ދުވަހު ގައުމީ ހަރަކާތުން ބާއްވާ ބޮޑު އެއްވުމަށް މަދު އާބާދީއެއް އޮންނަ މާލެ އަތޮޅު ދިއްފުށިން އެކަނި ވެސް 100 މީހުން މާލެ އަންނާނޭ ކަމަށާއި، މާލެ އަތޮޅުން ވެސް ގިނަ ބަޔަކު މާލެ އަންނާނޭ ކަމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއަރޕާސަން އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ގައުމީ ހަރަކާތުން މިރޭ ކ. ދިއްފުށީގައި ބޭއްވި އަނިޔާވެރިކަމާ ދެކޮޅު ޚާއްސަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އަލީ ވަހީދު ވިދާޅުވީ މަސްދޯނި ފަހަރުކުއްޔަށް ހިފައިގެން ދަތުރުކުރަން ޖެހިފައިތި ރައްޔިތުންނަށް ކުޑަ އަގެއްގައި ފެރީތަކުގައި ދަތުރުކުރެވޭނޭ ގޮތް ހައްދަވައިދެއްވައި، އެއަރޕޯޓް ހައްދަވައި،ރަށްރަށަށް ގެސްޓް ހައުސް އާއި ހިލޭ ބޭސްފަރުވާ ކުރެވޭ އާސަންދައިގެ ނިޒާމް ތައާރަފްކުރީ އެމްޑީޕީ އާއި، ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީން އުފެއްދި ވަތަން އެދޭ ގޮތަށް އިއްތިހާދުން ގެނައި ރައީސް މުޙަންމަދު ނަޝީދުގެ ސަރުކާރުން ކަމަށާއި، މި ތަރައްގީ އާއި ފަސޭހަތައް ބަލައިގަންނަ ހުރިހާ ދިވެހި ރައްޔިތުން މާލެ އައިސް އެ ރައްޔިތުންނަށް ޓަކައި ވާ ގުރުބާނީގެ ސަބަބުން ޖަލުގައި އޮންނެވި ރައީސް ނަޝީދު މިނިވަންކޮށްދެއްވާނޭ ކަމަށެވެ. އަދި ދިވެހިރައްޔިތުންނަށް ރައީސް ނަޝީދު ފެންނާނެ ދުވަސް ވަރަށް ގާތް ވެއްޖެ ކަމަށާއި، އެކަމާ ޝައްކު ނުކުރުމަށް އަލީ ވަހީދު އެދިވަޑައިގެންނެވިއެވެ.

މިރޭގެ ޖަލްސާ ގައި އަލީ ވަހީދު އިތުރަށް ވިދާޅުވީ މި ސަރުކާރުން ލާމަރުކަޒީ ގާނޫނު ފުނޑާލައި، ރައްޔިތުން ކަސްތޮޅު އަޅުވާފައިވާ ކަމަށެވެ. އަދި މެއި އެއް ވަނަ ދުވަހަކީ އަނިޔާވެރިވުމަށް ނިކުންނަ ދުވަހެއް ނޫން ކަމަށާއި، އަނިޔާއާއި ދެކޮޅަށް، އަނިޔާވެރިކަން ނިންމުމަށް ނިކުންނަ ދުވަހެއް ކަމަށެވެ. އަނިޔާވެރިކަން ނިންމުމަށް އެދުވަހު ރައްޔިތުން ކުރަންވީ ކަމަކީ މައިދާނުގައި އެރައްޔިތަކު ހުންނަންވީ ހިސާބުގައި ހުރުން ކަމަށެވެ. މީގެ އިތުރުން ފުލުހުން ވަކި ކޮޅަކަށް ނުޖެހި ގައުމުގެ ހައްގުގައި ނިންމުންތައް ނިންމަން ޖެހޭ ދުވަސް އެބައަންނަ ކަމަށާއި، ޣައިރު ޤާނޫނީ އަމުރަށް ތަބާވެ އެ ދުވަހު ރައްޔިތުންނާ މެދު އަނިޔާވެރިވާ ފުލުހުންގެ މައްސަލަ އިންޓަރނޭޝަނަލް ކޯޓަކަށް ހުށަހަޅުއްވާނޭ ކަމަށް ވެސް އަލީ ވަހީދު ވިދާޅުވިއެވެ.

އަނިޔާވެރިކަމާ ދެކޮޅަށް ދިވެހީންގެ ނަމުގައި ގައުމީ ހަރަކާތުން ދަނީ އަތޮޅުތަކަށް ޒިޔާރަތްކޮށް ރަށްރަށުގައި ޖަލްސާތައް ބާއްވަމުންނެވެ. އެ ގޮތުން ދާދި ފަހުން އައްޑޫ ސިޓީގައި ވެސް ވަނީ ބޮޑު ޖަލްސާއެއް ބާއްވާފައެވެ. އަދި އިތުރު ބައެއް އަތޮޅުތަކަށް ދަތުރުކުރުމަށް އެ ހަރަކާތުން ދަނީ ތައްޔާރުވަމުންނެވެ.