ފެބުރުއަރީ 27 ގައި ނުކުތް މީހުންގެ ދެ ގުނަ މެއިޑޭ ގައި ނިކުންނާނެ ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ނައިބު އަލީ ނިޔާޒު ވިދާޅުވެއްޖެ

އަނިޔާވެރިކަމާ ދެކޮޅަށް ފެބްރުއަރީ 27 ވަނަ ދުވަހުގެ އެއްވުމުގައި ބައިވެރިވި މީހުންގެ ދެ ގުނަ މެއިޑޭ ގައި މަގުތަކަށް ނިކުންނާނޭ ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ނައިބު (މާލީ) އަލީ ނިޔާޒު (ނިޔާ) ވިދާޅުވެއްޖެއެވެ.

ގައުމީ ހަރަކާތުން މިރޭ ކ. ދިއްފުށީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ނިޔާ ވިދާޅުވީ ކިތަންމެ ވަރަކަށް ބިރުދައްކަން މަސައްކަތް ކުރިޔަސް މި ސަރުކާރަށް ދެން ދެއްކޭނޭ ބިރެއް ނޯންނާނޭ ކަމަށާއި، ފެބްރުއަރީ 27 ގައި ބައިވެރިވި ފަރާތްތަކަށް ވެސް ބިރުދެއްކި ކަމަށެވެ. އެހެން ނަމަވެސް އެ އެއްވުމުގައި ވެސް އެތައް ހާސް ބަޔަކު ބައިވެރިވި ކަމަށެވެ.

“ފެބްރުއަރީ 27 އަށް ރަށްރަށުން މާލެ އަންނަ ޚަބަރު ލިބުމުން (ސަރުކާރުން) ރާއްޖެތެރޭ މީހުން މާލެ އަރައި މާލޭގެ މީހުންނަށް އުނދަގޫ ކުރާނަމަ ފިޔަވަޅުއަޅާނެ ކަމަށް ބުނެ މިދަރަޖައަށް ބިރުދެއްކި. އެހެން ނަމަވެސް ރަށްރަށުން މީހުން އައި. މިފަހަރު ވެސް އަންނާނެ”. ނިޔާ ވިދާޅުވިއެވެ.

ނިޔާ ވިދާޅުވީ އިރާދަކުރެއްވިއްޔާ މެއި މަހުގެ އެއް ވަނަ ދުވަހަކީ ނަތީޖާ ނެރެވޭނޭ ދުވަހެއް ކަމުގައެވެ.

މިރޭގެ ޖަލްސާ ގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު މުޙައްމަދު ފަލާހު (ފަލާ) ވެސް ވާހަކަފުޅުދެއްކެވިއެވެ. ފަލާ ވިދާޅުވީ ސަރުކާރުގެ އަނިޔާވެރިކަން އިންތިހާއަށް ގޮސް މާލެސިޓީ ކައުންސިލްގެ އިމާރާތާއި ބިން ނެގި ގޮތަށް، ދިއްފުށީ ކައުންސިލަކީ ވެސް އެމްޑީޕީގެ ކައުންސިލަކަށް ވާތީ އާއި، އަދި އެރަށުގައި މިރޭ ގައުމީ ހަރަކާތުގެ ޖަލްސާ ބޭއްވީތީ އެ ކައުންސިލާ މެދު ފިޔަވަޅުއެޅުން ގާތްކަމަށެވެ. މީގެ އިތުރުން އެމްޑީޕީގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިނިވަންވެ، އަދި އެމްޑީޕީން މި ރާއްޖޭގެ ވެރިކަންކުރާނޭ ކަމަށެވެ.