ރައީސް ނަޝީދު މިނިވަން ކުރުމަށް ގޮވާލައި ފުވައްމުލަކުގައި ފްރީ ގްލޯބަލް ޕްރެޒިޑެންޑްގެ ނަމުގައި މިއަދު ހަވީރު ހާއްސަ މޫދު ޙަރަކާތްތަކެއް ބާއްވަނީ

ދުނިޔޭގެ ތިމާވެށީގެ ދުވަހާއި ގުޅުވައިގެން ފްރީ ގްލޯބަލް ޕްރެޒިޑެންޓުގެ ނަމުގައި ފުވައްމުލަކުގައި ޚާއްސަ މޫދު ހަރަކާތްތަކެއް ބޭއްވުމަށް ހަމަޖައްސައިފިއެވެ.

އެމްޑީޕީގެ ޒުވާނުންގެ ހިއްވަރުގެ ރައީސް މުޙައްމަދު އަޒްމީލް ވެސް ބައިވެރިވެލައްވާ މި އިވެންޓަކީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރައީސް މުޙަންމަދު ނަޝީދު މިނިވަން ކުރުމަށް ގޮވާލައި ބާއްވާ ހަރަކާތެކެވެ.
އެމްޑީޕީގެ ޒުވާނުންގެ ގޮފީގެ ރައީސް މުޙައްމަދު އަޒްމީލް (އަޒޫ) ވިދާޅުވީ ފުވައްމުލަކުގެ ހޯދަނޑު އަވަށުގެ އަނބުލެ އަތިރި އާއި، ދިމާ ފަޅު ތެރޭގައި ބާއްވާ މި އިވެންޓްގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖެ އާއި، މުޅި ދުނިޔޭގެ ތިމާވެއްޓަށް އަގުހުރި މަސައްކަތްޕުޅުތަކެއް ކޮށްދެއްވަމުން ގެންދަވާ ރައީސް ނަޝީދު މިނިވަން ކުރުމަށް ގޮވާލުން ކަމަށާއި، މި ހަރަކާތް ފެށުމުގެ ގޮތުން ބާއްވާ ޑައިވް އިވެންޓެއް މިއަދު ހަވީރު 3:30 ން ހަވީރު 5:30 ށް އޮންނާނޭ ކަމަށެވެ. އަދި މި ޑައިވް ކުރުމުގައި ޖުމްލަ 50 ޑައިވަރުން ބައިވެރި ވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އަޒޫ ވިދާޅުވިއެވެ.
ފުވައްމުލަކުގެ ކައުންސިލް މެންބަރުންނާއި، ހުރިހާ އަވަށްތަކުން ބައިވެރިވާ މި އިވެންޓް ކުރިއަށް ދާނީ ސްނޯކްލިންނާއި، ބީޗް ގޭމްސްތަކަކާއި އެކު ކަމަށް އަޒޫ މައުލޫމާތުދެއްވިއެވެ.