ކިތަންމެ ވަރަކަށް އިންޒާރު ދިނަސް މެއި އެއް ވަނަ ދުވަހު މާލޭގެ މަގުތައް ފުރާލާނޭ ކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއަރޕާސަން އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
އަނިޔާވެރިކަމާ ދެކޮޅަށް ދިވެހިންގެ ނަމުގައި ގައުމީ ހަރަކާތުން ހިންގާ ސިލްސިލާ ހަރަކާތްތަކުގެ ތެރެއިން މިރޭ ހުޅުމާލޭ ގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އަލީ ވަހީދު ވިދާޅުވީ ކިތަންމެ ވަރަކަށް އިންޒާރު ދިނަސް ކިތަންމެ ވަރަކަށް ގޭންގްތައް ނެރެން އުޅުނަސް މެއިޑޭގައި ގައުމީ ހަރަކާތުން ނިކުންނާނޭ ކަމަށާއި، އެސްއޯ ފުލުހުންނާއި، ދިވެހި ރައްޔިތުން ވެސް އަމަލުކުރަން ވާނީ ގާނޫނީ އިމުގެ ތެރެއިން ކަމަށާއި، ދިވެހި ރައްޔިތުންނާ ނުހައްގުން ގާނޫނާއި ޚިލާފަށް ކުރިމަތިލާ ކޮންމެ ފުލުހަކީ ވެސް ޓެރަރިސްޓަކަށް ވެގެންދާނޭ ކަމަށެވެ.
ހުޅުމާލޭ ކޮރަލްވިލްC2ކުރިމަތީގައި، އެއަރޕޯޓަށް ދާން އޮންނަ މަގުގައި ރެޕިއުޓާ ޖެހިގެން އޮންނަ ހުސް ބިމުގައި މިރޭ ބޭއްވި ޖަލްސާގައި އަލީ ވަހީދު އިތުރަށް ވިދާޅުވީ ނޫސްވެރިޔާ ރިލްވާން ގެއްލުވާލި މީހުން ވެސް، ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މަރުހޫމް ޑރ. އަފްރާޝީމް ޢަލީގެ ގާތިލުން ވެސް އަދި ރާއްޖޭގައި މިހާރު މިހިންގާ ހުރިހާ ޖަރީމާތަކެއް ހިންގާ މީހުން ވެސް އެދަނީ އެއް ގަލަކަށް އަރަމުން ކަމަށެވެ. އަދި މެއި މަހުގެ 1 ވަނަ ދުވަހު ދިވެހި ރައްޔިތުން މި ނިކުންނަނީ މި ހުރިހާ ކަމެއްގެ ހަގީގަތް ހޯދުމަށް ކަމަށެވެ. މީގެ އިތުރުން ނޫސްވެރިކަމުގެ މިނިވަންކަމަށްޓަކައި ވެސް ރިލްވާން އަށް ވީގޮތް ހޯދަން އެބަޖެހޭ ކަމަށް ވިދާޅުވެ، ރިލްވާން ކަނޑު ފެއްތުމަކީވަރަށް ގާތް ކަމެއް ކަމަށާއި، އެ ކަން މިއަދު ތަޙްގީގް ކުރަން ޖެހޭ ކަމަށެވެ. އަދި ޑރ. އަފްރާޝީމްގެ އަލީގެ ގާތިލުން މިހާތަނަށް ވެސް ރައީސް ޔާމީނަށް ހޯދިފައިނުވާ ކަމަށާއި، ޑރ.އަފްރާޝީމް އަލީގެ ގާތިލުން ވެސް ހޯއްދަވާނޭ ކަމަށެވެ.
ފަޓާސްބަރިއެއް ހެން ޝަރީޢަތް ހިންގައި، މިހާރު ދޫނިދޫގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނެވި އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ކުއްލި ގޮތަކަށް މިއަދު ހިންމަފުށީ އައްސޭރި ޖަލަށް ބަދަލުކުރުމާ ބެހޭ ގޮތުން ވާހަކަފުޅުދައްކަވަމުން އަލީ ވަހީދު ވިދާޅުވީ ކ. ހިންމަފުށީ އައްސޭރި ޖަލުން ރައީސް ނަޝީދު ދެން ބަދަލުކުރާނީ އެމަނިކުފާނުގެ ގެކޮޅު ގ.ކެނެރީގެ އަށް ކަމަށެވެ.
ގިނަ އަދަދެއްގެ ބަޔަކު ހާޒިރުވި މި ޖަލްސާ ގައި އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހީމް ދީދީ އާއި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު މުޙައްމަދު އަބްދުލް ކަރީމް (ރުކުމާ އަހުމަދު) ވެސް ވާހަކަފުޅުދެއްކެވިއެވެ.