ގދ.ގައްދޫ ދާއިރާ އާއި ޅ.ހިންނަވަރު ދާއިރާ ގއ. ކަނޑުހުޅުދޫ އަދި މ.މަޑުއްވަރީން އެމްޑީޕީއާ ޕެޓިޝަން ފޯމު ހަވާލުކޮށްފި

ރައީސް މުޙައްމަދު ނަޝީދު މިނިވަންކުރުމަށް ގޮވާލާ ޕެޓިޝަން ފޯމު ގދ.ގައްދޫ ދާއިރާ އާއި ޅ.ހިންނަވަރު ދާއިރާ އާއި ގއ.ކަނޑުހުޅުދޫ އަދި މ.މަޑުއްވަރީން މިއަދު އެމްޑީޕީ އޮފީހާ ހަވާލުކޮށްފިއެވެ.
މިއަދު މެންދުރު އެމްޑީޕީ އޮފީހުގައި ވަކިންވަކިން ބޭއްވި ޕެޓިޝަން ފޯމު ހަވާލުކުރުމުގެ ރަސްމިއްޔާތުގައި އެމްޑީޕީގެ އޮފީހާ ގައްދޫ ދާއިރާގެ ފޯމުތައް ހަވާލުކުރެއްވީ އެމްޑީޕީ ގައްދޫ ދާއިރާގެ ރައީސް އަހުމަދު ޒާހިރާއި އެ ދާއިރާގެ ސެކްރެޓަރީ ރައްޔާން ޖަމާލެވެ. ހިންނަވަރު ދާއިރާގެ ފަރާތުން ޕެޓިޝަން ފޯމު ހަވާލުކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ ކުރީގެ މެންބަރު ރުގިއްޔާ މުޙަންމަދެވެ. ކަނޑުހުޅުދޫގެ ފޯމުތައް ހަވާލުކުރެއްވީ އެރަށު ވީނަސް މުއައްލިމް ހަސަން އެވެ. އަދި މަޑުއްވަރީގެ ޕެޓިޝަން ފޯމުތައް ހަވާލުކުރެއްވީ މ.މަޑުއްވަރީ ނަފާ، އިބްރާހީމް އިސްމާއީލް އެވެ. އެމްޑީޕީގެ ފަރާތުން މި ޕެޓިޝަން ފޯމުތަކާ ހަވާލުވެވަޑައިގެންނެވީ އެ ޕާޓީގެ ޗެއަރޕާސަން ނައިބު (މާލީ) ޢަލީ ނިޔާޒެވެ.
ކޮންމެ ދުވަހަކު ވެސް ގިނަ ދާއިރާތަކުންނާއި ވަކިވަކި ރަށްރަށުން އެމްޑީޕީ އޮފީހާ ގިނަ އަދަދެއްގެ ޕެޓިޝަން ފޯމުތައް ހަވާލުކުރަމުންދާކަން ފާހަގަކުރެވެއެވެ.