އަނިޔާވެރިކަމާ ދެކޮޅު ހަރަކާތް މިރޭ އޮންނާނީ ހުޅުމާލޭ ގައި

އަނިޔާވެރިކަމާ ދެކޮޅަށް ދިވެހީން އުފައްދާފައިވާ ގައުމީ ހަރަކާތުން ކުރިޔަށް ގެންދާ ސިލްސިލާ ހަރަކާތް މިރޭ އޮންނާނީ ހުޅުމާލޭގައި ކަމަށް އެ ހަރަކާތުން ބުނެފިއެވެ.
މިރޭ 9 ޖަހާއިރު ފަށާ މި ހަރަކާތް އޮންނާނީ ހުޅުމާލޭ ކޮރަލްވިލް C2 ކުރިމަތީގައި ކަމަށާއި، އެއީ އެއަރޕޯޓަށް ދާން އޮންނަ މަގުގައި ރެޕިއުޓާ ޖެހިގެން އޮންނަ ހުސް ބިމުގައި ކަމަށް އެ ހަރަކާތުން މައުލޫމާތުދެއެވެ.
ހުޅުމާލެއަށް ދާން ފުރަން ހަމަޖެހިފައިވަނީ މިރޭ 8 ޖަހާއިރު، އައިފާނު ބިލްޑިންގ ކުރިމަތިން ކަމަށާއި، މި ހަރަކާތުގައި ބައިވެރިވާން ބޭނުން ކޮންމެ މީހަކަށް ވެސް ހިލޭ ހުޅުމާލެއަށް ދިއުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް ވެސް ގައުމީ ހަރަކާތުން މައުލޫމާތުދެއެވެ.
މި ހަރަކާތުން ވަނީ ރޭ ވެސް މާލޭގައި އަނިޔާވެރިކަމާ ދެކޮޅަށް ދިވެހީންގެ ނަމުގައި ސުލްހަވެރި މުޒާހަރާ ބާއްވާފައެވެ. ނަލަހިޔާ ކައިރިން ފެށި ރޭގެ މުޒާހަރާއަށް ފުލުހުން ހުރަސްއަޅައި އެ މުޒާހަރާއިން 4 މީހަކު ހައްޔަރުކޮށްފައިވެއެވެ. އޭގެ ތެރޭގައި އެމްޑީޕީ ގައުމީ މަޖިލީހުގެ މެންބަރު އަދި އެމްޑީޕީ ހުޅުހެންވޭރު ދާއިރާގެ ރައީސް އިބްރާހީމް މުއިއްޒު ވެސް ހިމެނެއެވެ. ނަމަވެސް މި އެންމެން ވެސް މިހާރު ވަނީ ދޫކޮށްލާފައެވެ.