މި ސަރުކާރު ތުރުތުރުއަޅުވާލުމަށް މެއިޑޭއަށް މާލެ އައިސް މަގުތަކަށް ނިކުތުމަށް އިންތި ގޮވާލައްވައިފި

މި ސަރުކާރު ތުރުތުރުއަޅުވާލުމަށް މެއިޑޭއަށް މާލެ އައިސް މަގުތަކަށް ނިކުތުމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ދިވެހި ރައްޔިތުންނަށް ގޮވާލައްވައިފިއެވެ.
މިރޭގެ މުޒާހަރާގެ ތެރެއިން ރާއްޖެ ޓީވީއަށް ދެއްވި ބަސްދީ ގަތުމެއްގައި އިންތި ވިދާޅުވީ ފެބްރުއަރީ 27 ވަނަ ދުވަހު ދިވެހިރައްޔިތުން މަގުތަކަށް ނިކުމެ އަދަދު ދައްކައިގެން ސަރުކާރު ސިއްސުވާލި ފަދައިން މިސަރުކާރު ތުރުތުރު އެޅުވުމަށް 1 މެއި ގައި މާލެ އައިސް މަގުތައް ފުރާލަންޖެހޭ ކަމަށެވެ.
މި ސަރުކާރުން ލާމަރުކަޒީ ގާނޫނާއި ޚިލާފަށް ސިޓީ ކައުންސިލަށް ޖެއްސުން ކުރަމުން ގޮސް އެންމެ ފަހުން ސިޓީ ކައުންސިލް އިމާރާތާއި ބިން ވެސް ނަގަން ނިންމީ ކަމަށާއި، އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށް ވެސް އިންތި މިރޭ ވިދާޅުވިއެވެ. މީގެ އިތުރުން ގައުމަށް ދިމާވެފައިވާ އެންމެ ނުރައްކާތެރި އެއް ކަމަކީ މީހަކު ބުނާ ބަހަކީ ގާނޫނަށް ވެގެން ދިއުން ކަމަށެވެ. އެގޮތުން މުޒާހަރާ ނުކުރެވޭނޭ ތަންތަނުގެ ގޮތުގައި ގްރީން ޒޯން ކަނޑައަޅާފައިވާއިރު އެނޫން ތަންތަނުގައި އެއްވެއުޅުމަށް ވެސް ފުލުހުން ހުރަސްއަޅަމުންދާ ކަމަށެވެ. އެގޮތުން މިރޭ ވެސް މަގުމަތީގައި ނުތިބެ މުޒާހަރާކުރުމަށް ޕޭވްމެންޓް މައްޗަށް އެރުމަށް ފުލުހުން އަމުރުކުރަމުން ދިޔަ ކަމަށާއި، ޤާނޫނު އަސާސީ އާއި ޚިލާފު، ޣައިރު ޤާނޫނީ އަމުރުތަކަށް ތަބާވެ ފުލުހުން ރައްޔިތުންގެ އިހުތިޖާޖުތައް ހުއްޓުވުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ. އަދި ފުލުހުން ބުނާ ކޮންމެ ތަނަކީ ގްރީން ޒޯނަށްވެ، ފުލުހުންގެ އިސްވެރިން ބާއްވާ ކޮންމެ ނޫސް ކޮންފަރެންސަކީ ރައްޔިތުންގެ އަނގަބަންދުކުރުމަށް ބާއްވާ ނޫސްކޮންފަރެންސްތަކަކަށް ވެގެން ގޮސްފައިވާ ކަމަށް އިންތި ވިދާޅުވިއެވެ.
އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދަށް އެންމެ 19 ދުވަހުގެ ތެރޭގައި ޝަރީޢަތް ނިންމައި ހުކުމްކުރުމަކީ މުޅި ދުނިޔޭގެ މަލާމާތް ރާއްޖޭގެ ޖުޑިޝަރީއަށް އަމާޒުވި ކަމެއް ކަމަށާއި، އެހެން ނަމަވެސް ރާއްޖޭގެ ފަނޑިޔާރުން ދަނީ އެ ޝަރީޢަތުގެ ހަލުވިމިނާ މެދު ފަޚުރުވެރިވެ އެކަމުގެ ސަބަބުން ޚާއްސަ އެލަވެންސެއް ފަނޑިޔާރުންނަށް ދޭން ޖެހޭ ކަމަށް ވިދާޅުވަމުން ކަމަށާއި، އެކަމުން ދޭހަވަނީ ފަނޑިޔާރުން ޣާފިލްވެފައިވާ މިންވަރުކަމަށް އިންތި ވިދާޅުވިއެވެ.
މިރޭގެ މުޒާހަރާގެ ތެރެއިން އިންތިގެ އިތުރުން އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު ރޮޒައިނާ އާދަމް ވެސް ވަނީ ރާއްޖެ ޓީވީ މެދުވެރިކޮށް ވާހަކަފުޅުދައްކަވާފައެވެ. އެގޮތުން ފުލުހުން މުޒާހަރާތަކަށް ހުރަސްއަޅަމުން ދާތީ އެކަން ކުށްވެރިކުރައްވައި ރޮޒައިނާ ވިދާޅުވީ ކޮންމެ ރެއަކު ވެސް އާ ވާހަކައެއް ދައްކައިގެން ރައްޔިތުންގެ ހައްގުތައް ހަނިކޮށް މުޒާހަރާތައް ހުއްޓުވުމަށް ފުލުހުން މަސައްކަތްކުރަމުންދާ ކަމަށެވެ. މިރޭ ވެސް މަގުމަތީގައި ނުތިބެ ޕޭމަންޓް މަތީގައި މުޒާހަރާކުރުމަށް ފުލުހުން އަމުރުކުރި ކަމަށާއި، ރައްޔިތުންގެ ޝުޢޫރުފާޅުކުރަން އޮންނަނީ ޕޭމަންޓް މަތީގައި ތިބެގެން ނުވަތަ މައިކްރޯ ފޯބނެއް ހިފައިގެން ގޭގެ ކުޑަދޮރުކައިރީ ހުރެގެން ނޫން ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.
މެއި 1 ވަނަ ދުވަހަށް ރައްޔިތުން މާލެ އަންނަން ޖެހޭ އެންމެ ބޮޑު ސަބަބަކީ ކަންތައް ހައްލުކުރުމުގެ ބަދަލުގައި ރައްޔިތުންނަށް ދަތިކޮށް ދިވެހި ރައްޔިތުންގެ ލޭ އޮހޮރުވާ ވާހަކަ ދައްކާތީ ކަމަށް ވެސް ރޮޒޭނާ ވިދާޅުވިއެވެ. އެހެން ކަމުން ރައްޔިތުންނަށް އަނިޔާވެރިވެ، ދައުލަތުގެ މުޥައްސަސާތައް ހަލާކުކުރާ ތަން ބަލަން ނުތިބެ މެއި 1 ވަނަ ދުވަހު ވީހާ ވެސް ގިނަ ބަޔަކު މާލެ އައިސް މެއިޑޭ އެއްވުމުގައި ބައިވެރިވުމަށް ދިވެހިރައްޔިތުންނަށް ރޮޒައިނާ ގޮވާލެއްވިއެވެ.