ތިން ދާއިރާއަކުންނާއި ފ.ދަރަނބޫދޫ އަދި ހދ.ކުޅުދުއްފުށިން އެމްޑީޕީއާ ޕެޓިޝަން ފޯމު ހަވާލުކޮށްފި

unnamed

unnamed (1)

ރައީސް ނަޝީދު މިނިވަންކުރުމަށް ގޮވާލާ ޕެޓިޝަން ފޯމު ތިން ދާއިރާއަކުންނާއި ހދ.ކުޅުދުއްފުށި އަދި ފ.ދަރަނބޫދޫން އެމްޑީޕީ އޮފީހާ މިއަދު ހަވާލުކޮށްފިއެވެ.
މިއަދު ޕެޓިޝަން ފޯމު ހަވާލުކުރި ދާއިރާތަކަކީ ހދ. ނޮޅިވަރަމް ދާއިރާ އާއި، ށ.ކޮމަންޑޫ ދާއިރާ އާއި ހދ.ކުޅުދުއްފުށީ ދާއިރާއެވެ.
މިއަދު މެންދުރު އެމްޑީޕީ އޮފީހުގައި ވަކިންވަކިން ބޭއްވި ޕެޓިޝަން ފޯމު ހަވާލުކުރުމުގެ ރަސްމިއްޔާތުގައި އެމްޑީޕީގެ އޮފީހާ ށ. ކޮމަންޑޫ ދާއިރާގެ ފޯމުތައް ހަވާލުކުރެއްވީ އެމްޑީޕީ ކޮމަންޑޫ ދާއިރާގެ ރައީސް ޢަބްދުﷲ ރަޝީދެވެ. ހދ. ނޮޅިވަރަމް ދާއިރާ އާއި ކުޅުދުއްފުށީގެ ފޯމުތައް ހަވާލުކޮށްދެއްވީ އެމްޑީޕީ ނޮޅިވަރަމް ދާއިރާގެ ރައީސް އިބްރާހީމް ވަހީދު (އެންސްޕާ) އެވެ. މައްޗަންގޮޅި އުތުރު ދާއިރާގެ ފޯމުތައް ހަވާލުކޮށްދެއްވީ އެ ދާއިރާގެ ރައީސް އިބްރާހީމް އަހުމަދު (މާލިމީ އިބުރާހިމް) އެވެ. އެމްޑީޕީގެ ފަރާތުން މި ޕެޓިޝަން ފޯމުތަކާ ހަވާލުވެވަޑައިގެންނެވީ އެ ޕާޓީގެ ޗެއަރޕާސަން ނައިބު (މާލީ) އަލީ ނިޔާޒެވެ.
ފ.ދަރަނބޫދޫގެ ޕެޓިޝަން ފޯމު ހަވާލުކުރެއްވީ ފާފު އަތޮޅުގެ އެމްޑީޕީ ކޯރޑިނޭޓަރ އަދި އެމްޑީޕީ ހަނިމާދޫ ދާއިރާގެ ރައީސް އަހުމަދު އާދިލް އެވެ. މި ފޯމުތަކާ އެމްޑީޕީގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ އެމްޑީޕީގެ ޗެއަރޕާސަން ނައިބު (މާލީ) ޢަލީ ނިޔާޒެވެ.
މި ދެ ދާއިރާގެ އިތުރުން އެހެން ދާއިރާތަކުން ވެސް މިހާރު ވަނީ ރައީސް ނަޝީދު މިނިވަންކޮށްދެއްވުން އެދި އެމްޑީޕީގެ އޮފީހާ ގިނަ އަދަދެއްގެ ޕެޓިޝަން ފޯމު ހަވާލުކޮށްފައެވެ. އަދި މާލެ އާއި އަތޮޅުތަކުގެ އެކިރަށްރަށުގައި ޕެޓިޝަން ފޯމު ފުރުމުގެ މަސައްކަތް ވަރަށް ފޯރިއާ އެކު ކުރިޔަށްދާކަން ވެސް ފާހަގަކޮށްލެވެއެވެ.