ރައީސް ނަޝީދު މިނިވަންކުރުމަށް ގޮވާލާ ގިނަ އަދަދެއްގެ ޕެޓިޝަން ފޯމު އެމްޑީޕީއާ ހަވާލުކޮށްފި

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިނިވަންކުރުމަށް ގޮވާލާ ބައެއް ދާއިރާތަކުގެ ޕެޓިޝަން އެމްޑީޕީ އާ މިއަދު ހަވާލުކޮށްފިއެވެ.
މިކަމަށްޓަކައި މިއަދު މާލެ ސިޓީ ހޯލުގައި ބޭއްވި ރަސްމިއްޔާތުގައި ޕެޓިޝަންތައް އެމްޑީޕީ އޮފީހާ ހަވާލުކޮށްދެއްވީ އެ ދާއިރާތަކުގެ ރައީސުންނާއި ޕެޓިޝަންފޯމުތަކާ ހަވާލުވެ ތިއްބެވި އެދާއިރާތަކުގެ އިސް ފަރާތްތަކުންނެވެ.
ޕެޓިޝަންގައި ސޮއިކުރުން މާލޭގެ ހުރިހާ ދާއިރާއެއްގެ އިތުރުން ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި މިއަދު ކުރިޔަށް ދިޔައެވެ. މިއަދު ހެނދުނު 9 ޖެހި އިރު ފެށި ޕެޓިޝަން ފޯމުތަކުގައި ސޮއިކުރުމުގެ ޙަރަކާތް މާލެ ސިޓީގެ ދާއިރާތަކުގައި ކުރިޔަށް ދިޔައީ ކޮންމެ ދާއިރާއެއްގައި ވެސް ވަކި ޕެޓިޝަން ޑެސްކެއް ބަހައްޓައިގެންނާއި ދޮރުންދޮރަށް ހިނގައިގެން ކަމަށް އެމްޑީޕީން އުފައްދާފައިވާ ޕެޓިޝަން ކޮމިޓީން މައުލޫމާތުދީފައިވެއެވެ.
ޕެޓިޝަން ފޯމުތަކާއި އެމްޑީޕީން ހަވާލުވުން މިއަދު ހަވީރު 5 ޖެހި އިރު ފެށިއިރު، އިރުއޮއްސި ހައެއް ޖެހުމާއި ހަމައަށް މާލެ ސިޓީގެ ދާއިރާތަކުގެ ތެރެއިން ހުޅުހެންވެއިރު ދާއިރާ އާއި، ހެންވޭރު އުތުރު ދާއިރާ އާއި، ގަލޮޅު އުތުރު ދާއިރާ އާއި، މާފަންނު ހުޅަނގު ދާއިރާ އާއި، މާފަންނު ދެކުނު ދާއިރާ އަދި ވިލިމާފަންނު ދާއިރާގެ ބައެއް ޕެޓިޝަންތައް ވަނީ ހަވާލުކޮށްފައެވެ.
މިއަދު ޕެޓިޝަން ފޯމު ހަވާލުކުރި އަތޮޅުތެރޭގެ ރަށްރަށުގެ ތެރޭގައި ހއ.އިހަވަންދޫ އާއި، ށ.ފޭދޫ، ކަނޑިތީމު، ގޮއިދޫ، ނޫމަރާ، ފީވައް، ބިލެއްފަހި، ރ.މާކުރަތު، ދުވާފަރު، ހުޅުދުއްފާރު، އަލިފުށި، ބ.މާޅޮސް، ޅ.ނައިފަރު، ހިންނަވަރު، ކ.ގާފަރު، އއ.ތޮއްޑޫ، ވ. ފެލިދޫ، ފުލިދޫ، ކެޔޮދޫ، ރަކީދޫ، ތިނަދޫ، މ.މުލައް، ކޮޅުފުށި، ތ.ގުރައިދޫ، ލ.އިސްދޫ އަދި ގއ.ކޮލަމާފުށި ހިމެނެއެވެ. މީގެ އިތުރުން ރެސިޑެންސް މޯލްޑިވްސް ރިޒޯޓުގެ މުވައްޒަފުންނާއި ލަންކާގައި ދިރިއުޅޭ ދިވެހީންގެ ބައެއް ޕެޓިޝަން ފޯމުތައް ވެސް މިއަދު ވަނީ އެމްޑީޕީއާ ރަސްމީކޮށް ހަވާލުކޮށްފައެވެ.
ފޯމުތައް ބަލައިގަތުން މާލެ ސިޓީ ކައުންސިލްގައި މިހާރު ވެސް ކުރިޔަށް ދާއިރު ގިނަ އަދަދެއްގެ ރަށްރަށުގެ ފޯމުތައް ލިބެމުންދާ ކަމަށާއި، މިފަދަ ބުރަ މަސައްކަތެއްގައި ވަރުބަލިކަމެއް ނެތި ހީވާގިކަމާއެކު މަސައްކަތްކުރަމުންދާ ހުރިހާ ފަރާތްތަކަށާއި، ފޯމުފުރުއްވި ހުރިހާ ފަރާތްތަކަށް ވެސް ޝުކުރުއަދާކުރާ ކަމަށް އެމްޑީޕީގެ ޕެޓިޝަން ކޮމިޓީން ބުނެއެވެ.