އެކެއް މެއި ގައި އައްޑޫގެ ރައްޔިތުންނާއި މުޅި މި ދިވެހި ރާއްޖޭގެ ރައްޔިތުން މާލެ ގޮސް މި ސަރުކާރު ހަމަ ބިމަށް ތިރިކުރާނެ – އިމްތިޔާޒް ފަހުމީ

އެކެއް މެއިގައި އައްޑޫގެ ރައްޔިތުންނާއި މުޅި ދިވެހި ރާއްޖޭގެ ރައްޔިތުން މާލެ ގޮސް މި ސަރުކާރު ހަމަ ބިމަށް ތިރި ކުރާނެކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީގެ ހިތަދޫގައި މިރޭ ބޭއްވި އަނިޔާވެރިކަމާ ދެކޮޅު ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އިންތި ވިދާޅުވީ ދިވެހިރާއްޖޭގައި މިހާރު ހިނގަމުންދަނީ އިންސާފްގެ ކަންފުޅެއް ވެސް ނެތް ޝަރީޢަތްތަކެއް ކަމަށާއި، ރައީސް ޔާމީންގެ އެންމެ ގާތް އެކުވެރިޔާއަށް ހަދާލިގޮތް މިރާއްޖޭގެ ރައްޔިތުންނަށް ފެންނަން އެބަ އޮތް ކަމަށެވެ.
އިންތި ވިދާޅުވީ އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދަށް ދެމުންގެންދާ އަނިޔާތަކަކީ އެހެން ސިޔާސީ ފަރާތްތަކަށް ބިރުދެއްކުމަށް ކުރަމުންދާ އަނިޔާތަކެއް ކަމަށެވެ. އަދި އަނިޔާވެރިވެރިއަކަށް އިންޗިއެއްހާ ތަން ދިނަސް މުށެއްހާތަން ދަމައިގަންނާނޭ ކަމަށާއި، މިހާރު ވެގެން މި އުޅޭ ގޮތަކީ ކުރިމިނަލް އަތްތަކެއްގެ މައްޗަށް މިރާއްޖެ ގޮސްފައިވުން ކަމަށް ވެސް އިންތި ވިދާޅުވިއެވެ.
މި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު ރޮޒޭނާ އާދަމް ވިދާޅުވީ ރަށްރަށުގައި ކުޑަ ޚަރަދަކުން ހެދޭ ފުޓްސަލް ދަނޑު އަޅަނީ ރައްޔިތުންގެ ލޮލުގައި އަނދުންއެޅުވުމަށް ކަމަށެވެ. އަދި މުޅި ފުލުހުންގެ މުޥައްޞަސާ ހަލާކުކުރައްވަނީ ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން ވަހީދު ކަމަށް ވެސް މިރޭ ރޮޒޭނާ ވިދާޅުވިއެވެ.