އައްޑޫ ސިޓީ އަށް ތަރައްގީ ގެނެސްދިނީ އެމްޑީޕީގެ ސަރުކާރުން ދެންވެސް އައްޑޫ ސިޓީ ތަރައްޤީ ކުރާނީ އެމްޑީޕީ އިން ކަމަށް އަލީ ނިޒާރު ވިދާޅުވެއްޖެ

އައްޑޫ ސިޓީއަށް ތަރައްގީ ގެނެސްދިނީ އެމްޑީޕީގެ ސަރުކާރުން ކަމަށާއި، ދެންވެސް އައްޑޫ ސިޓީ ތަރައްޤީ ކުރާނީ އެމްޑީޕީއިން ކަމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
އަނިޔާވެރިކަމާ ދެކޮޅަށް އުފައްދާފައިވާ ގައުމީ ހަރަކާތުން މިރޭ އައްޑޫ ސިޓީ ހިތަދޫ ރޯޔަލް ޕްލަސް ކުރިމަތިން އޮންނަ ފަސްގަނޑުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އަލީ ނިޒާރު ވިދާޅުވީ އެމްޑީޕީ ސަރުކާރުން ވަނީ އައްޑޫ ސިޓީގައި ފެނާއި ނަރުދަމާ ގާއިމްކޮށްދީފައި ކަމަށާއި، ރައީސް ޔާމީންގެ ވެރިކަމަށް ދޮޅު އަހަރު ވެގެންދާއިރު ވެސް އައްޑޫ ސިޓީއަށް ރައީސް ޔާމީން ކޮށްދެއްވި ކަމެއް ނެތް ކަމަށެވެ.
ގިނަ އަދަދެއްގެ ބަޔަކު ހާޒިރުވި މި ޖަލްސާގައި އަލީ ނިޒާރު ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމަކީ އަނިޔާވެރި ވެރިކަމެއް ކަމަށާއި، މި ސަރުކާރުން އައްޑޫ ސިޓީ ރައްޔިތުންނާއި އައްޑޫ ސިޓީގެ ވިޔަފާރިވެރިންގެ އަޑުވެސް އަހަން ޖެހޭނެ ކަމަށާއި، ރައީސް ޔާމިން ރައްޔިތުންނަން ޖަވާބް ދާރީވާން ޖެހޭނޭ ކަމަށް އަލީ ނިޒާރު ވިދާޅުވިއެވެ.
ރައީސް ނަޝީދު ހައްޔަރުކުރުމަކީ ރައީސް ޔާމީން އަށް ކުރެވުނު މޮޔަ ކަމެއް ކަމަށާއި އެކަމުގެ ހިތިކަން މިސަރުކާރަށް މިހާރު ފެންނަމުންދާ ކަމަށް ވެސް އަލީ ނިޒާރު ވިދާޅުވިއެވެ. އަދި މެއި 1 ވަނަ ދުވަހު ރައްޔިތުން ނުކުމެ އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިނިވަންކުރާނެ ކަމަށާއި، އައްޑޫ ސިޓީގެ ރައްޔިތުން ވެސް މެއި 1 ވަނަ ދުވަހު މާލެ އަރާނެ ކަމަށް އަލީ ނިޒާރު ވިދާޅުވިއެވެ.