އަނިޔާވެރިކަމާ ދެކޮޅު ގައުމީ ހަރަކާތުން މިއަދު ވެސް ހިނގާލުމެއް ބާއްވައިފި

އަނިޔާވެރިކަމާ ދެކޮޅު ގައުމީ ޙަރަކާތުން މިއަދު ވެސް މާލޭގައި ބޮޑު ހިނގާލުމެއް ބާއްވައިފިއެވެ.
މިއަދު ހަވީރު 4.30 ގައި އުސްފަސްގަނޑުން ފެށި މިހިނގާލުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ކައިރިއަށް ނިންމާފައިވާ އިރު އެސަރަހައްދުން އަންހެން މެންބަރަކު ވަނީ ހައްޔަރުކޮށްފައެވެ.
އަނިޔާވެރިކަމާ ދެކޮޅު ގައުމީ ހަރަކާތުގެ އިސްސަފުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންގެ ތެރެއިން މިވަގުތު މާލޭގައި ތިއްބެވި ބޭފުޅުންނާއި، މި ހަރަކާތަށް ތާއީދުކުރާ ގިނައަދަދެއްގެ ބަޔަކު ބައިވެރިވި މި ހިނގާލުން މަޖީދީ މަގާއި ޗާންދަނީ މަގު ގުޅޭ ހަތަރުއަނގޮޅިއަށް މަޑުކޮށް އެ ސަރަހައްދުގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ގައުމީ މަޖިލީހުގެ މެންބަރު އަހުމަދު ތަސްމީން އަލީ ވަނީ ހިނގާލުމުގެ ބައިވެރިންނާ މުޚާޠަބުކުރައްވާފައެވެ. ތަސްމީނުގެ ވާހަކަފުޅުގައި މޭ ޑޭ އަކީ ސަރުކާރުން ކުރާ އަނިޔާ ހުއްޓުވާ ދުވަސް ކަމަށާއި، ކިތަންމެ ބޮޑު އަނިޔާއެއް ލިބުނަސް ރައްޔިތުން އެ ދުވަހު ނިކުންނާނޭ ކަމަށް ވިދާޅުވިއެވެ.
މި ހިނގާލުމުގެ ތެރެއިން ރައީސް ނަޝީދު ދޫކޮށްލެއްވުމަށް ގޮވާލާ ޕެޓިޝަންގައި ސޮއިކުރުން ވެސް ކުރިޔަށް ދިޔައެވެ. އަދި އެމްއެމްއޭ ސަރަހައްދުން މި އެއްވުން ނިންމާލީ ރައީސް ނަޝީދުގެ ސަލާމަތާއި ރައްކާތެރިކަމާއި، އެމަނިކުފާނު މިނިވަންވުން އެދި ކުރެވުނު ދުޢާއަކުންނެވެ. އަދި އެއްވުން ނިންމާލަމުން މާދަމާ ހެނދުނު ޕެޓިޝަންގައި ސޮއިކުރުމަށް ދޮރުން ދޮރަށް ހިނގުން އޮންނާނެކަން ވެސް އިއުލާންކޮށްފައިވެއެވެ.