ރައީސް ޔާމީން ހުވާކުރައްވާފައިވަނީ ޤާނޫނު އަސާސީއާ ޚިލާފަށް: އެމްޑީޕީ ޗެއަރޕާސަން

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމުގައި ހުންނެވި ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާކުރައްވާފައިވަނީ ޤާނޫނު އަސާސީއާ ޚިލާފަށް ކަމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއަރޕާސަން ޢަލީ ވަހީދު ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ އަނިޔާވެރިކަމާ ދެކޮޅަށް އުފައްދާފައިވާ ގައުމީ ހަރަކާތުން މިރޭ އާރޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން، މި ސަރުކާރުން ޤާނޫނު އަސާސީއާ ޚިލާފަށްކުރީ ކޮންކަމެއްތޯ ސަރުކާރަށް ތާޢީދުކުރާ މަދު ބަޔަކު ސުވާލުކުރާކަމަށާއި، ފުރަތަމަ ކަމަކަށް ރައީސް ޔާމީން ވެރިކަމުގެ ހުވާކުރެއްވީ ވެސް ޤާނޫނުއަސާސީއާ ޚިލާފަށް ކަމަށް ވިދާޅުވަމުން ޢަލީ ވަހީދު ވިދާޅުވީ ނޮވެމްބަރު 17 ގައި ރައީސްކަމުގެ ހުވައެއް ނުކުރެއްވޭނޭ ކަމަށެވެ.
މެއިމަހުގެ އެއްވަނަ ދުވަހު ގައުމީ ހަރަކާތުން ބާއްވަން ހަމަޖައްސާފައިވާ މެއިޑޭއަށް އިޝާރާތްކުރައްވައި އަލީ ވަހީދު ވިދާޅުވީ ސަރުކާރުން ކިތަންމެ ވަރަކަށް ބިރުދެއްކި ނަމަވެސް މެއިޑޭ އޮންނާނޭ ކަމަށާއި، އެދުވަހު ސަރުކާރުގެ އަނިޔާވެރިކަމާ ދެކޮޅަށް ނިކުންނާނީ ހަމައެކަނި އެމްޑީޕީއާއި ގުޅިފައިވާ ގައުމީ ހަރަކާތުގެ ޕާޓީތަކުގެ މެންބަރުން ނޫން ކަމަށާއި، ޕީޕީއެމްގެ މެންބަރުން ވެސް މެއި އެއްވަނަ ދުވަހު އަނިޔާވެރިކަމާ ދެކޮޅަށް ނިކުންނާނޭ ކަމަށެވެ. އަދި އެދުވަހު ދިވެހި ރައްޔިތުންގެ ތެރެއިން މަދުވެގެން 25000 ރައްޔިތުން މަގުމައްޗަށް ނުކުމެ ދިވެހިރާއްޖޭގެ ތާރީޚުގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު ސިޔާސީ އެއްވުމަށް އެ އެއްވުން ހައްދަވާނޭކަމަށް ވެސް ޗެއަރޕާސަން އަލީ ވަހީދު ވިދާޅުވިއެވެ. އަދި ވަރަށް އަވަހަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ޖަލުގެ ތޭރިތަކުގެ ފުރަގަހުން ސަލާމަތްކުރައްވާނޭ ކަމަށް ވެސް އަލީ ވަހީދު މިރޭ ވިދާޅުވިއެވެ.
ފުލުހުން ވެސް ހައްގު ބަސް ބުނަން އެބަޖެހޭ ކަމަށް ވިދާޅުވެ، އަލީ ވަހީދު ވިދާޅުވީ ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް މުހައްމަދު ނާޒިމް އާއި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒް އާއި ދެބޭފުޅުންނާއި އެކު ހިތާ ހިތުގެ ގުޅުމެއް އެމްޑީޕީއަށް އުފެއްދޭނަމަ، ފުލުހުންނާއި އެކު ވެސް ހިތާހިތުގެ ގުޅުން އުފެއްދޭނެކަމަށެވެ.
އަނިޔާވެރިކަމަކީ އަބަދު ދެމިއޮންނާނޭ އެއްޗެއް ނޫން ކަމަށާއި، އަތޮޅުތެރޭގައި ތިބި ރައްޔިތުން މެއިޑޭއަށް މާލެ އައުމަށް ވެސް މިރޭގެ ޖަލްސާގައި ޗެއަރޕާސަން އަލީ ވަހީދު ގޮވާލެއްވިއެވެ. މީގެ އިތުރުން ދިއްގަރު ދާއިރާގެ ގޮނޑިއަށް އޭނާ ވާދަނުކުރައްވާނޭ ކަމަށާއި، އެހެން ނަމަވެސް ގައުމީ ހަރަކާތުން އެދާއިރާއަށް އެއް ކެންޑިޑޭޓަކު ނެރުއްވާނޭ ކަމަށް ވެސް އަލީ ވަހީދު ވިދާޅުވިއެވެ.