މުވައްސަސާތައް ހުތުރުވަނީ ދޫނިތަކުގެ ސަބަބުންނެއް ނޫން. އެ މުވައްސަސާތައް ހިންގުމުގައި ނާގާބިލް މީހުން ތިބީމަ: ވިސާމް އަލީ

މުވައްސަސާތައް ހުތުރުވަނީ ދޫނިތަކުގެ ސަބަބުން ނޫން ކަމަށާއި، އެ މުވައްސަސާތައް ހިންގުމުގައި ނާގާބިލް މީހުން ތިބުމުން ކަމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވިސާމް ޢަލީ ވިދާޅުވެއްޖެއެވެ.
ވިސާމް މިހެން ވިދާޅުވީ އަނިޔާވެރިކަމާ ދެކޮޅަށް ދިވެހީންގެ ނަމުގައި ގައުމީ ހަރަކާތުން މިރޭ އާރޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ދޫނިތަކުން ސަރުކާރުގެ މުވައްސަސާތައް ހަޑިކުރަމުންދާކަމަށް ބުނެ، ޖުމްހޫރީ މައިދާނުގައި އުޅޭ ދޫނިތަކަށް ކާންދިނުން ސަރުކާރުން މަނާކޮށްފައިވާތީ އެކަމަށް އިޝާރާތްކުރައްވައެވެ. އެގޮތުން އޭނާ ވިދާޅުވީ ސަރުކާރުގެ އަނިޔާވެރިކަން މިހާރު ދޫނިތަކަށް ވެސް ޖެހިފައިވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ރ.މަޑުއްވަރީ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާފައިވާ ވިސާމް ވިދާޅުވީ މިނިވަންކަމަށް 50 އަހަރު ފުރޭއިރު ކުރަން މިޖެހޭ ކަމަކީ ސިޔާސީ ލީޑަރުން މިނިވަންކުރުމަށް ގޮވާލުން ކަމަށާއި، މިސަރުކާރުގެ އަނިޔާވެރިކަމުން ސަލާމަތްވާން ޖެހޭ ކަމަށެވެ. އަދި އަނިޔާވެރިކަން ހުއްޓުވޭނީ އެންމެން އެކުގައި މަސައްކަތްކޮށްގެން ކަމަށް ވެސް ވިސާމް ވިދާޅުވިއެވެ.
މެއި އެއްވަނަ ދުވަހު ރާއްޖެ ބަދަލުކުރާނެ ކަމަށާއި، ހިތްހަމަނުޖެހޭ ކަންކަމުގެ ވާހަކަ އަޑުއިއްވަން ޖެހޭ ފަރާތްތަކަށް އެއަޑު އިއްވުމަކީ ފަރުދީ ޒިންމާއެއް ކަމަށާއި، މެއި އެއްވަނަ ދުވަހު މަގުމަތިން ސަރުކާރަށް ރައްޔިތުންގެ އަޑުއިއްވާނޭ ކަމަށް ވިސާމް އަލީ ވިދާޅުވިއެވެ.
” މެއި އެކެއްގަ ރާއްޖެ ބަދަލުކުރާނަން. މެއި އެކެއްގަ މިއަނިޔާވެރިކަމުން ސަލާމަތްވާނަން. މެއި އެކެއްގަ މަގުމަތިން ސަރުކާރަށް ރައްޔިތުންގެ އަޑުއިއްވާނަން. ހިތްހަމަނުޖެހޭ ގޮތަށް ކަންތައްވާނަމަ އެވާހަކަ ދެއްކުމުގެ ފަރުދީ ޒިންމާ ކޮންމެ މީހެއްގެ ވެސް ވާނެ. 1 މެއި ގައި ދިވެހިރައްޔިތުން ނިކުންނަވާ”، ވިސާމް ވިދާޅުވިއެވެ.