ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) ގެ ޕާރލަމެންޓްރީ ގްރޫޕުގެ ޑެޕިޔުޓީ ލީޑަރ، އައްޑޫ މީދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރ ރޮޒައިނާ އާދަމާ ބެހޭގޮތުން، 15 އޭޕްރިލް 2015 ވަނަ ދުވަހު ހިނގި ހާދިސާއަކާ ގުޅިގެން، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ނެރުނު ނޫސް ބަޔާނަށް ރައްދު ދިނުމުގެ ގޮތުން ދަންނަވަމެވެ.
ރޮޒައިނާ އާދަމާ ބެހޭގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސް ގެ ފަރާތުން ނެރުނު ނޫސް ބަޔާނުގައި ވަނީ ކަނޑައެޅިގެން ޙަޤީޤަތާ ޚިލާފު ވާހަކަތަކެކެވެ. އަދި މިކަމުން ވެސް އެނގެނީ އެފަދަ ނޫސް ބަޔާންތައް ނެރެމުންދާ އެ ސަރވިސް ގެ ވެރިން ސިޔާސީ ވެފައިވާ މިންވަރާއި، އިދިކޮޅު ސިޔާސީ ފަރާތްތަކާމެދު ޒާތީވެފައިވާ މިންވަރެވެ.
އެ ދުވަހު ކަން ހިނގި ގޮތަކީ، ރޮޒައިނާ އާދަމް ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީއަކަށް ވަޑައިގަތް މަގުމަތިން ދަރުމަވަންތަ ސްކޫލު ކައިރިން ބެރެކޭޑް ޖަހައި މަގު ބަންދުކޮށްފައިވުމާގުޅިގެން ޓްރެފިކް ޕޮލިހުން ރޮޒައިނާ އާދަމް އިންނެވި ކާރުކޮޅު ހުއްޓުވުމުން، ޑްރައިވަރު ނުކުމެ އެކަމަނާ މަޖިލީހަށް ވަޑައިގަންނަވަނީކަމަށް ފުލުހުން ގާތު ބުނުމުން ފުލުހުން އެންމެ ފުރަތަމަ ވެސް ޖަވާބު ދިނީ ނުފޮނުވޭނޭކަމަށެވެ. އެއަށްފަހު އެކަމަނާ ކާރުކޮޅުން ނުކުމެވަޑައިގެން ފުލުހުން ގާތު އެގޮތަށް ވިދާޅުވުމުން، އެތަނުން އެއް ފުލުހަކު ބެރެކޭޑް ދުރައްޖައްސައި ތަން ދެއްކުމަށް އުޅުނު ވަގުތު، ދެން ހުރި ފުލުސް މީހާ އެކަން ހުއްޓުވައި، އެގޮތަށް ތަން ނުދެއްކޭނޭ ކަމަށާއި އަދި ވެރިއެއްގެ ގާތު އަހާފައި މެނުވީ ތަން ނުދެއްކޭނޭ ކަމަށް ބުނެ، އެކަމަނާ މަޖިލީހަށް ވަޑައިގަތުމަށް ހުރަސް އަޅާފައިވެއެވެ. އަދި އެ ފުލުސް މީހާ ވޯކިޓޯކިން އެހެން މީހަކާ ވާހަކަ ދެއްކުމަށް ފަހު ތަން ދައްކާފައިވެއެވެ. އަދި މި މަޢުލޫމާތު ރޮޒައިނާ އާދަމް ވަނީ މަޖިލީހުގެ އަމީންއާންމާ ޙިއްސާކުރައްވައި، އެފަދަ ކަންތައްތައް ތަކުރާރުވިޔަ ނުދިނުމަށް ފުލުހުންނަށް އެންގެވުމަށް އެދިވަޑައިގެންފައެވެ.
ރޮޒައިނާ އާދަމަށް ފުރައްސާރަ ކުރާގޮތަށް އެދުވަހު ފުލުހުން ޢަމަލުކުރި ނަމަވެސް އެކަމަނާ ޓްވީޓްކުރައްވާފައިވަނީ އެމޭރުމަކުން ނޫންކަން ފާހަގަކުރަމެވެ. އެއާ ޚިލާފަށް އެކަމަނާގެ ޓްވީޓްގައި އެދިވަޑައިގެންފައިވަނީ ބެރިކޭޑް ކައިރިއަށް ފުލުހުން ނެރޭއިރު އެ ފުލުހުންނަށް ޤާނޫނު އޮޅުން ފިލުވާދީފައި ނެރުމަށެވެ. އަދި ފުލުހުންނަށް އޮޅުން ފިލުވާދެއްވުމަށްޓަކައި، އެކަމާ ގުޅޭ ޤާނޫނުގެ މާއްދާއެއް ވެސް އެ ޓްވީޓްގައި ހިމަނުއްވާފައިވެއެވެ. އަދި އެ ފުލުސް މީހާގެ ފޮޓޯ ނަންގަވައި މޯލްޑިވްސް ޕޮލިސް ސަރވިސަށް ޓެގްކުރައްވާފައިވަނީ އެ ސަރވިސް އަށް އެއީ ކާކުކަން އެންގުމުގެ ގޮތުންނެވެ.
އެހެންކަމުން، ރޮޒައިނާ އާދަމް ޓްވީޓް ކުރެއްވީ ފުލުހުންނަށް ބިރުދެއްކެވުމުގެ ނިޔަތުގައިކަމަށާއި، އެއީ ފުލުހުންގެ އިތުބާރު ގެއްލުވާލައި، ފުލުހުންގެ ނަން ކިލަނބުކޮށްލުމުގެ ގޮތުންކަމަށް ބުނެ، މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބަޔާން ނެރެފައިވަނީ އެ ސަރވިސްގެ ވެރިން ވަރަށް ބޮޑަށް ސިޔާސީވެ ތިބެގެންކަން ފާހަގަކުރަމެވެ. އަދި އެ ބަޔާން ނެރުނު އިރު ރޮޒައިނާ އާދަމުގެ އަރިހުން އެއްވެސް ކަމެއް ފުލުހުން އޮޅުންފިލުވުމަކާ ނުލައި އެފަދަ ބަޔާނެއް ނެރުމަކީ އެ ބަޔާން ނެރުނު ފުލުހުންގެ ނިޔަތް އޮތްގޮތް ހާމަވާކަމެކެވެ.
ފުލުހުންގެ ވެރިން ސިޔާސީ ވުމަކީ އެ މުވައްސަސާގެ އިތުބާރު އުފެއްދޭނޭ ކަމެއް ނޫންކަން ހަނދުމަފުޅުކޮށް އަރުވަމެވެ. އަދި ފުލުހުންގެ ނަން ކިލަނބު ނުވެ އިތުބާރު އުފެއްދޭނީ، އެ މުވައްސަސާގައި ޕްރޮފެޝަނަލްކޮށް މަސައްކަތްކުރާ ފުލުހުންގެ މައްޗަށް ސިޔާސީ ނުފޫޒު ނުފޯރުވައި، ބެރެކޭޑް ކައިރިއަށް ފޮނުވާ ފުލުހުންނަށް ވެސް ޤާނޫނުގައި އޮންނަ އެއްޗެއް އޮޅުންފިލުވައިދީ، އަދި ޤާނޫނާ ޚިލާފަށް ފުލުހަކު ޢަމަލުކުރުމުން އެކަމަށް ހިތްވަރު ދިނުމުގެ ބަދަލުގައި ފުލުހުންގެ ވެރިން އެކަންކަން ހުއްޓުވުމުން ކަމަށް ދަންނަވަމެވެ.