އަނިޔާވެރިކަމާ ދެކޮޅު ހަރަކާތުން އައްޑޫސިޓީ އާއި ފުވައްމުލަކުގައި ބޮޑުޖަލްސާ ބާއްވަނީ

އަނިޔާވެރިކަމާ ދެކޮޅު ޙަރަކާތުން މި ހަފްތާ ބަންދުގައި އައްޑޫސިޓީއާއި ފުވައްމުލަކުގައި ބޮޑުޖަލްސާ ބާއްވާނޭ ކަމަށް އެ ހަރަކާތުން ހާމަކޮށްފިއެވެ.
އެމްޑީޕީ ވެބްސައިޓަށް މައުލޫމާތުދެއްވަމުން، އެ ހަރަކާތުގެ އެކްޓިވިޓީސް ކޮމިޓީގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ހުޅުމީދޫ ދާއިރާގެ ކުރީގެ މެންބަރު އިލްޔާސް ލަބީބު ވިދާޅުވީ މި ދަތުރުގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި އަދާލަތު ޕާޓީ އާއި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރޝިޕްގެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނޭ ކަމަށާއި، އެ ހަރަކާތުން ހުކުރު ދުވަހުގެރޭ އައްޑޫ ސިޓީ ހިތަދޫ ރޯޔަލް ޕްލަސް ފަސްގަނޑުގައި ޚާއްޞަ ބޮޑު ޖަލްސާއެއް ބާއްވާނޭ ކަމަށެވެ.
ހިތަދޫ ޖަލްސާއަށް ފަހު ހޮނިހިރު ދުވަހު ހެނދުނު އައްޑޫ ސިޓީ ހުޅުމީދޫގައި ކަންމަތީ ބައްދަލުވުމެއް ބޭއްވުމަށް ފަހު، ހޮނިހިރު ދުވަހުގެ މެންދުރުފަހު ފުވައްމުލަކަށް ވަޑައިގެން އެރަށުގައި އެރޭ ޚާއްޞަ ޖަލްސާއެއް ބާއްވާނޭ ކަމަށް ވެސް އިލްޔާސް ލަބީބު ވިދާޅުވިއެވެ.
މި ދަތުރުގައި އެމްޑީޕީގެ ޗެއަރޕާސަން އަލީ ވަހީދު އާއި ނައިބު ރައީސް މުޙައްމަދު ޝިފާޒްގެ އިތުރުން ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހީމް ވެސް ބައިވެރިވެވަޑައިގަންނަވައެވެ.
މީގެ އިތުރުން އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުންނާއި، އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ ބައެއް މެންބަރުންނާއި، ޖޭޕީގެ ބައެއް ކައުންސިލް މެންބަރުން ވެސް ބައިވެރިވެވަޑައިގަންނަވައެވެ.