އިންޒާރާކާ ނުލާ އަމީނިއްޔާ ސްކޫލްގެ ޕްރިންސިޕަލް މަޤާމުން ވަކިކުރުން

އަމީނިއްޔާ ސްކޫލްގެ ޕްރިންސިޕަލް އާއިޝަތު އާތިޔާ ނަސީރު އެއްވެސް އިންޒާރަކާ ނުލާ މަޤާމުން ވަކިކުރައްވައިފިއެވެ. 13 އެޕްރިލް 2015 ވަނަ ދުވަހު މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ސިޓިއަކަށް ހަވާލާ ދެއްވާ ސިވިލްސާވިސް ކޮމިޝަނުން އާޠިޔާ މަޤާމުން ވަކިކުރައްވައި ފޮނުއްވި ޗިޓްގައި ބަޔާންކުރައްވާފައިވަނީ އެ މަޤާމުގައި އޭނާ ހުންނަވައިފިނަމަ އެ ސްކޫލަށް އިތުރަށް ގެއްލުން ވެދާނެކަމަށެވެ. ނަމަވެސް، އެއީ ކޮންގޮތަކުން ވާ ކޮން ގެއްލުމެއްކަމެއް ހާމަކުރައްވާފައެއެއް ނުވެއެވެ. އެފަދަ ގެއްލުމަކާ ގުޅޭގޮތުން އެޑިޔުކޭޝަން މިނިސްޓްރީން ނުވަތަ ސިވިލް ސަރވިސް ކޮމިޝަނުންވެސް އެއްވެސް ވާހަކައެއް އާތިޔާ އާ ދައްކަވައިފައެއް ނުވެއެވެ. އަދި އާތިޔާ އާއި ގުޅޭ މައްސަލައެއް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ނުވަތަ ސިވިލްސާރވިސް ކޮމިޝަނުންވިޔަސް ތަޙްޤީޤެއް ކުރައްވާފައެއް ނުވެއެވެ.
އާތިޔާ އަމީނިއްޔާ ސްކޫލްގެ ޕްރިންސިޕަލެއްގެ މަޤާމު ފުރުއްވަމުން ގެންދަވާތާ މިހާރު ވަނީ 5 އަހަރު ވެފައެވެ. އެ މުއްދަތުގެ ތެރޭގައި އޭނާ ވަނީ ސްކޫލުން ދަރިވަރުންނަށް ލިއްބައިދޭ ތަޢުލީމާއި ތަރުބިއްޔަތުގެ ފެންވަރު ރަންގަޅުކޮށް ބެލެނިވެރިންނާ ސްކޫލާ ދެމެދު އޮންނަ ގުޅުން ހަރުދަނާ ކުރައްވާފައެވެ. އާތިޔާ ވަނީ 2014 ވަނަ އަހަރު އަމީނިއްޔާ ސުކޫލް އިން އޯލެވެލް އިމްތިހާނުގައި ބައިވެރިވި ކުދިންގެ ތެރެއިން 5 މާއްދާ އިން ފާސްވި ކުދިންގެ ނިސްބަތް 82 އިންސައްތައަށް ބަދަލު ކުރަށްވާފައެވެ. އާތިޔާ ތަޢުލީމީ ދާއިރާގައި ވަޒީފާ އަދާކުރައްވަން ފެއްޓެވީ 1995 ވަނަ އަހަރު ޓީޗަރެއްގެ ގޮތުގައެވެ. އޭގެ ފަހުން ސުކޫލްތަކުގެ ހުރިހާ ލެވެލް އެއްގެ މަޤާމު ފުރުއްވާފައިވެއެވެ.
ނުހަނު ޚިދުމަތްތެރި ޕްރިންސިޕަލަކު، ކުރިން އެއްވެސް އިޝާރާތެއް ނެތި ކުއްލިގޮތަކަށް، ސްކޫލުން ވަކިކުރެއްވުމުގެ ގެއްލުން އެޑިޔުކޭޝަން މިނިސްޓްރީން އަމީނިއްޔާ ސްކޫލަށް ދެއްވި އިރު، ސަރުކާރުން ވަނީ އަމީނިއްޔާ ސްކޫލަށް ވަރަށް ބޮޑަށް އިހުމާލުވެފައެވެ. އަމީނިއްޔާ ސްކޫލްގެ އިރުމަތީ ފަރާތުގައި ހުރި އިމާރާތް ބާވެގެން ތަޅައިލައި އެތަނުގައި އައު އިމާރާތެއް އެޅުމަށް ނިންމިފަހުން މިހާރު ވަނީ ދެއަހަރެއްހާ ދުވަސް ވެފައެވެ. އަމީނިއްޔާސްކޫލްގެ އެންމެގިނަ ދަރިވަރުން ބޭނުންކުރާ ޑަބްލިޔު ބޮލޮކަކީ ބައުވުމުގެ ސަބަބުން ބޭނުންކުރުން ރައްކާތެރިނޫން ތަނެއްކަމަށް އިންޖިނިއަރުން ލަފާ ދީފައިވާ އިމާރާތެކެވެ. އަމީނިއްޔާ ގްރޭޑް 1 ން 10 ށް ކިޔަވަމުންދާ 1500 އެންހާ ދަރިވަރުންނަށް ޖާގައިގެ ދަތިކަމުން އެ ސްކޫލްގެ ދެ ގުދަނެއް ވެސް ވަނީ ކްލާސްރޫމަށް ބަދަލުކޮށްފައެވެ.
އަމީނިއްޔާ ސްކޫލްގެ ޕްރިންސިޕަލް ކުއްލިގޮތަކަށް ސްކޫލުން ވަކިކުރެއްވީ އެ ކަމަނާއަކީ އެމް.ޑީ.ޕީއަށް ނިސްބަތްވާ އިހަވަންދޫ ދާއިރާގެ ކުރީގެ ޢިއްޒަތްތެރި މެންބަރެއްކަމުގައިވާ އަޙުމަދު ޢަބުދުﷲގެ އަބިކަނބަލުންކަމުގައި ވާތީކަމަށް މި ޕާޓީން ދެކެމެވެ. އަދި، އަމީނިއްޔާ ސްކޫލްގެ ވަސީލަތްތަކުގެ މައްސަލަތަކަށް ބެލެނިވެރިން ސަމާލުކަން ދެއްވައި އެކަމާ އުޅުއްވަން ފެއްޓެވުމުން ބެލެނިވެރިންގެ ފޯކަސް ބަދަލުކޮށްލަންވަން އެޅުއްވި ފިނޑި ސިޔާސީ ފިޔަވަޅެއްކަމަށް ވެސް ދެކެމެވެ. މި ޢަމަލު މި ޕާޓީގެ ފަރާތުން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ. ސިވިލް ސަރވިސްގެ ޚިދުމަތްތެރި މުއައްޒަފަކަށް ނަޙައްޤުން މި ދެވުނު އަނިޔާގެ މައްސަލަ ތައް ބައްލަވައި އެކަމާ ދޭތެރޭގައި އިންސާފުވެރި ފިޔަވަޅެއް އަޅުއްވައި ދެއްވުމަށް ސިވިލްސަރވިސް ކޮމިޝަނަށް މި ޕާޓީގެ ފަރާތުން ގޮވައިލަމެވެ.