ރައީސް ނަޝީދުގެ ދޫކޮށްލުމަށް އެދި ޕެޓިޝަނުގައި ސޮއިކުރުން

ރައީސް ނަޝީދު ދޫކޮށްލުމަށް އެދި ވީހާވެސް ގިނަ ރައްޔިތުން ރައީސުލްޖުމްހޫރިއްޔާއަށް އެދުމަކީ، ރައީސް ނަޝީދު ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމެކެވެ. އަދި އެކަމަށް އެދި ޕެޓިޝަނުގައި ރައްޔިތުން ސޮއިކުރައްވަމުން ގެންދަވާކަމީ ރައީސް ނަޝީދު ނިހާޔަތަށް ޝުކުރުވެރިވާ ކަމެކެވެ.

ޤާނޫނު ނަންބަރު 2010/2 (މަޢާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ އަލީގައި، ރައީސް ނަޝީދުގެ މައްޗަށް ކްރިމިނަލް ކޯޓުން ސާބިތުކޮށްފައިވަނީ ޓެރަރިޒަމްގެ ކުށް ކަމަށްވާހިނދު، އެކުށަކީ، އިސްވެ ދެންނެވުނު ޤާނޫނުގައިވާ ބަޔާންކޮށްފައިވާ ޢާންމު އުޞޫލުގެ ދަށުން ކުށް މަޢާފުކޮށްދެވިގެން ނުވާނެ އަދި އަދަބު ފަސްކޮށްދެވިގެން ނުވާނެ ކުށްކުށުގެ ތެރޭގައި ހިމެނޭ ކުށެކެވެ.

އެހެން ނަމަވެސް، އިސްވެ ދެންނެވުނު ޤާނޫނުގެ ދަށުން ޚާއްޞަ ހާލަތުގައި، އަދަބު ލުއިކޮށްދިނުމަށްވަނީ ކަނޑައަޅާފައެވެ. އެއީ، އެ ޤާނޫނުގެ 29 ވަނަ މާއްދާގެ އަކުރު (ނ) ގައިވާ ގޮތުގެ މަތިންނެވެ. އެމާއްދާގައި ބުނެފައިވަނީ ޖިނާއީ ކުށުގެ ޙުކުމް އިއްވާފައިވާ މީހެއްގެ ޢުމުރަށް ބަލައި ނުވަތަ އޭނާ ގައިހުރި ބައްޔަކަށް ބަލައި، ނުވަތަ އޭނާ ހޯދަމުންދާ ފަރުވާއަކަށް ބަލައި، ނުވަތަ އޭނާ ހުރި ވަގުތަށާއި ޙާލަތަށް ބަލައި، ނުވަތަ އިންސާނިއްޔަތުކަމުގެ ނަޒަރަކުން ބަލައި، ރައީސުލްޖުމްހޫރިއްޔާގެ އިސްނެގުމުގައި އޭނާގެ އަދަބު ލުއިކޮށްދިނުމުގެ އިޚްތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާކަމަށެވެ.

މަޢާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނުގައި އަދަބު ލުއިކޮށްދިނުންވަނީ އެޤާނޫނުގެ 32 ވަނަ މާއްދާގައި މާނަކޮށްފައެވެ. މި ގޮތުން އެމާއްދާގައި “އަދަބު ލުއިކުރުން” ކަމަށް ބުނެފައިވަނީ އަންނަނިވި ގޮތަށެވެ. އެއީ، މީހެއްގެ މައްޗަށް ކަނޑައަޅާފައިވާ އަދަބެއް، އެއަދަބެއް، އެއަދަބަށްވުރެ ލުއި އަދަބަކަށް ޝަރުޠަކާއެކު ނުވަތަ ޝަރުޠަކާ ނުލައި ނަމަވެސް ބަދަލުކޮށް ދިނުމާއި، މީހެއްގެ މައްޗަށް ކަނޑައަޅާފައިވާ އަދަބެއްގެ މުއްދަތު ކުރުކޮށްދިނުމާއި، މީހެއްގެ މައްޗަށް ކަނޑައަޅާފައިވާ އަދަބެއް ތަންފީޛުކުރުން ފަސްކޮށްދިނުމަށެވެ.

ރައީސް ނަޝީދުގެ އަދަބަކީ، 13 އަހަރު ދުވަހުގެ ޖަލު ޙުކުމެކެވެ. މިޙުކުމުގެ ތެރެެއިން ދެން ބާކީ އޮތީ 12 އަހަރާއި 11 މަސް ދުވަހެވެ. އެހެން ނަމަވެސް، މަޢާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނުގައި ބުނެފައިވާ ޚާއްޞަ ޙާލަތުގެ ދަށުން ރައީސް ނަޝީދުގެ އަދަބު 30 ދުވަހަށް ކުރުކޮށް ދިނުމުގެ އިޚްތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވެއެވެ. މީގެ ކުރިން، މި ޤާނޫނުގެ 5 ވަނަ މާއްދާގައި ބުނާ ކުށްކުށުގެ އަދަބު ތަންފީޛު ކުރަމުންދާ މީހުން ދޫކޮށްލެވިފައިވާކަން ފާހަގަކުރެވެއެވެ.

ވީމާ، ރައީސް ނަޝީދު އެދިވަޑައިގަންނަވާ ގޮތަށް ވީހާވެސް ގިނަ ބޭފުޅުން ޕެޓިޝަނުގައި ސޮއިކުރައްވަމުން ގެންދެވުމަކީ، ރައީސުލްޖުމްހޫރިއްޔާ އަރިހުގައި ޤާނޫނާ ޚިލާފު ކަމެއް ކުރެއްވުމަށް ދެންނެވުން ނޫން ކަމުގައިވެސް ފާހަގަކުރަމެވެ.