ޤާނޫނުލް އުޤޫބާތަށް ޢަމަލުކުރުން ފަސްކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރި ކުރުން ކުށްވެރިކުރުން

މީގެ 1 އަހަރު ކުރިން ރައްޔިތުންގެ މަޖިލީހުން ފާސްކޮށް އަދި ރައީސުލްޖުމްހޫރިއްޔާ ތަސްދީގް ކުރެއްވި އައު ޤާނޫނުލް އުޤޫބާތަށް އަމަލުކުރެއްވުމަށް ދެވުނު އެއްއަހަރުގެ މުއްދަތު މާދަމާއަށް ހަމަވާއިރު، ސަރުކާރުގެ ފުރިހަމަ ޢަގުލަބިއްޔަތު އޮއްނަ ރައްޔިތުންގެ މަޖިލީހުން އެއްވެސް ސަބަބަކާއި ނުލައި ކުއްލިގޮތަކަށް މިއަދު އަނެއްކާވެސް އެ ޤާނޫނަށް އަމަލުކުރުން ތިން މަސް ދުވަހަށް ފަސްކުރުމަށް ފާސްކުރި ކުރުން ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ) އިން އެންމެ ހަރުއަޑުން ކުއްވެރިކުރަމެވެ.

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީއިން ޤަބޫލުކުރާ ގޮތުގައި ސަރުކާރުން މިއަދު ޤާނޫނުލް އުޤޫބާތަށް ޢަމަލުކުރަން ފަސްކުރީ ސިޔާސީ ޙަރަކާތްތަކުގައި ބައިވެރިވާ ފަރާތްތަކާ ދެކޮޅަށް ހުށަހެޅިފައިވާ ދަޢުވާތަކުގައި ބޮޑެތި ޙުކުމްތަކެއްކޮށް އިދިކޮޅު ސިޔާސީ އަޑު ނެތިކުރުމުގެ ނުބައި ނިޔަތުގައެވެ.

މީގެ އިތުރުން، ޤާނޫނުލް އުޤޫބާތަށް ޢަމަލުކުރަން ފަސްކުރުމަށް، ފާސްކުރި އިޞްލާޙަކީ މަޖިލީހުގެ ޤަވާޢިދުން ބޭރުން މަޖިލީހުގެ ތަޅުމަށް ހުށަހެޅުމަކާ ނުލައި ފާސްކުރި އިޞްލާޙެކެވެ. އެހެންކަމުން، އެ އިޞްލާޙަކީ ނުބައި ނިޔަތެއްގައި ސަރުކާރުގެ ޢަޣްލަބިއްޔަތު ނަހަމަގޮތުގައި ބޭނުންކޮށްގެން ހިންގާފައިވާ ޖަރީމާއެކެވެ.

މި ޕާޓީއިން ދެކޭގޮތުގައި އައު ޤާނޫނުލް އުޤޫބާތަށް ތައްޔާރުވުމަށް ކަމާބެހޭ އެންމެހައި މުއައްސަސާތަކަށް އެކަށީގެންވާ ވަގުތު ލިބިފައިވާއިރު އައު ޤާނޫނުލް އުޤޫބާތަށް ޢަމަލުކުރަން ފަސްކުރަންޖެހޭފަދަ އެއްވެސް ސަބަބެއް އޮތްކަމަށް ނުދެކޭހިނދު އެ އިޞްލާޙު ރައީސް ޔާމީން ތަޞްދީޤުނުކުރުމަށް މި ޕާޓީން ގޮވާލަމެވެ.

12 އޭޕްރިލް 2015
ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް