އަންހެން ބޭކަނބަލުންނަށް އަނިޔާވެރިވާ މައްސަލަ ކުއްވެރިކުރުން

ރައީސް އަބްދުﷲ ޔާމިން އަބްދުލްޤައްޔޫމްގެ ސަރުކާރުގެ އަނިޔާވެރިކަމާއި ނާއިންސާފާއި ދެކޮޅަށް ރައްޔިތުން ސުލްހަވެރިކަމާއެކު އިޙްތިޖާޖްކުރަމުން ގެންދާހިނދު، އަންހެނެއް، ފިރިހެނެއް ބެލުމެއްނެތި، އަނިޔާގެ މައްޗަށް އަނިޔާވެރިވެ މިގޮތުން ހާއްސަކޮށް އަންހެން ބޭކަނބަލުންނަށް އަނިޔާވެރިވަމުންދާ މައްސަލަ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީޕީ) އިން އެންމެ ހަރުއަޑުން ކުށްވެރިކުރަމެވެ.
ސުލްހަވެރިކަމާއިއެކު އިހްތިޖާޖް ކުރުމުގެ ހައްޤަށް ސަރުކާރުން ހުރަސްއަޅައި، ފުލުހުން މެދުވެރިކޮށް އަންހެން ބޭކަނބަލުން ހައްޔަރުކޮށް ، އަދި މިގޮތުށް ހައްޔަރުކުރުމުގައި އަނިޔާވެރި ގޮތަށް ފިރިހެން ފުލުހުން ، އަންހެން ބޭކަނބަލުން ހައްޔަރުކުރާކަން ކަންބޮޑުވުމާއިއެކު ފާހަގަ ކުރަމެވެ. އަދި ވަރަށް ގިނަ އަދަދެއްގެ އަންހެން ބޭކަނބަލުންގެ މައްޗަށް ނުހައްޤު ދައުވާކޮށް، ބިރުދެއްކުމުގެ އަމަލުތައް ސަރުކާރުން ހިންގަމުންދާކަން ފާހަގަކުރަމެވެ.
އެހެންކަމުން އަންހެން ބޭކަންބަލުންނަށް ސަރުކާރުން ކުރަމުންގެންދާ އަނިޔާ ވަގުތުން ހުއްޓާލުމަށާއި ، އެބޭކަނބަލުންގެ މައްޗަށް ނުހައްޤުން އުފުލަމުން ގެންދާ ދައުވާތަށް ހުއްޓާލުމަށް ގޮވާލަމެވެ. އަދި ޑިމޮކްރަސީގެ މަގުގައި އެބޭކަނބަލުން ކުރައްވަމުން ގެންދަވާ މަސައްކަތަށް ހުރަސްނޭޅުމަށް ސަރުކާރަށް ގޮވާލަމެވެ.

9 އޭޕްރިލް 2015
ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް