އަޙްމަދު މަޙްލޫފަށާއި އެމަނިކުފާނުގެ ޢާއިލާއަށް އަނިޔާވެރިވެ، ފުރައްސާރަކުރާކުރުން ކުށްވެރިކުރުން

އަނިޔާވެރިކަމާ ދެކޮޅަށް ކުރަމުންދާ މުޒާހަރާގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރ ޢަޙްމަދު މަޙުލޫފް ހައްޔަރުކުރުމަށްފަހު މިހާރު ކްރިމިނަލް ކޯޓުން ފާޅުކަންބޮޑުގޮތެއްގައި އެމަނިކުފާނަށް އަނިޔާވެރިވެ، އަދި ފުލުހުން ފާޅުކަންބޮޑުގޮތެއްގައި އެމަނިކުފާނުގެ ޢާއިލާއަށް އަނިޔާވެރިވެ ފުރައްސާރަކުރަމުންދާ ދިއުމާމެދު ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން އިންތިހާއަށް ކަންބޮޑުވުން ފާޅުކޮށް އެކަން އެންމެ ހަރުއަޑުން ކުށްވެރިކުރަމެވެ.

ދަޢުވާކުރުމަކާ ނުލައި އަޙްމަދު މަޙްލޫފުގެ ބަންދު މުއްދަތަށް ޖުމްލަ 25 ދުވަސް ކްރިމިނަލް ކޯޓުން މިހާތަނަށް ޖަހާފައިވުމަކީ އެކަމުގައި ބަހުސްކުރުމުގެ އެއްވެސް ޖާގައެއް ނެތް، އަދި ފާޅުގައި ވެފައިވާ އަނިޔާވެރިކަމެއްކަމުގައި ދެކެމެވެ. އެބާވަތުގެ މައްސަލަތަކުގައި، އަދި ދަޢުވާކުރުމަކާ ވެސް ނުލައި ޙައްޔަރުގައި ބެހެއްޓުމަކީ ރާއްޖޭގެ ޤާނޫނު އަސާސީއާއި މިނިވަން ޑިމޮކްރެޓިކް މުޖުތަމަޢުތަކުގައި ކަނޑައަޅާފައިވާ މިންގަނޑުތަކާއި ހަމަތަކާ ކަނޑައެޅިގެން ޚިލާފުކަމެކެވެ. ނުވަތަ އެ ބަންދަކީ ސީދާ ޣައިރު ޤާނޫނީ ބަންދެކެވެ. އަދި މުޒާހަރާތަކަށް ނުދިއުމަށާއި އޭގެ އިތުރުން 4 މީހުންނަށްވުރެ ގިނަ މީހުން ތިބޭ ތަނަކަށް ނުދިއުމަށް ކޯޓުން ޝަރުތުކުރުމަކީ އަސާސީ ޙައްޤުތަކާއި ޤާނޫނީ ހަމަތަކާމެދު ޣާފިލުވެފައިވާ މިންވަރު ވެސް ހާމަވެގެންދާކަމެކެވެ.

އަޙްމަދު މަޙުލޫފަށް މިފަދައިން ނުޙައްޤުން އަނިޔާވެރިވެފައިވީހިނދު، އެމަނިކުފާނުގެ އަނބިކަނބަލުން ކްރިމިނަލް ކޯޓު ސަރަޙައްދުގައި ހުންނަވަނިކޮށް ފިރިހެން ފުލުންތަކެއް އަރައިގަނެ، އެކަމަނާގެ ބަނޑުކޮޅާއި އަދި ހަށިކޮޅުގެ އެނޫން ތަންތާނގައި ހިފައި، ފުރައްސާރަކޮށް، އަދި އެކަމަނާގެ އަތް އަނބުރާލައި، އިނިގިލި ބިންދާލަން މަސައްކަތްކޮށްފައިވެއެވެ. އަދި މި މުޑުދާރު ނުބައި ޢަމަލު ހިންގާފައިވަނީ މީހުންގެ ކުރިމަތީގައި ފިރިހެން ފުލުހުންތަކެއްކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ. މިފަދަ އަނިޔާވެރިކަމާއި ފުރައްސާރަކުރުން ޢަޙްމަދު މަޙުލޫފުގެ އިތުރުން އަނބިކަނބަލުންނަށް ވެސް ފާޅުކަން ބޮޑުގޮތެއްގައި ރައްދުކުރާކުރުމަކީ މިރާއްޖޭގައި ދެން ދިބި ރައްޔިތުންނަށް މި ސަރުކާރުން ދޭ ނުރައްކާތެރި އިންޒާރެއްކަމުގައި ދެކެމެވެ.

އެހެންކަމުން، މި މައްސަލަތައް ދައުލަތުގެ ކަމާބެހޭ މުވައްސަސާތަކުން އިޙްމާލުވުމެއް ނެތި ވަގުތުން ބަލައި ފިޔަވަޅުއެޅުމަށް އެމް.ޑީ.ޕީ އިން ގޮވާލަމެވެ.

4 އޭޕްރިލް 2015
ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް