އެމް.ބީ.ސީ ގެ ނިއުސް އެޑިޓަރ މުޙައްމަދު އަފުޒަލާމެދު އެކުންފުނިން ފިޔަވަޅުއެޅި އެޅުން ކުށްވެރިކުރުން

ދައުލަތުގެ މީޑީއާ ކުންފުނި ކަމުގައިވާ އެމް.ބީ.ސީ ގެ ނިއުސް އެޑިޓަރ މުޙައްމަދު އަފުޒަލާމެދު އެކުންފުނިން ނުޙައްޤުން ފިޔަވަޅުއެޅި އެޅުމާމެދު ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން އެކަމުގެ ކަންބޮޑުވުން ފާޅުކޮށް އެކަން އެންމެ ހަރުއަޑުން ކުށްވެރިކުރަމެވެ.

މުޙައްމަދު އަފްޒަލް ނޫސްވެރިއެއްގެ ވާޖިބު އަދާކުރަމުން ގެންދަނިކޮށް ކްރިމިނަލް ކޯޓުން އޭނާއަށް ކުރިމަތިކުރުވި ބިރުވެރިކަމެއްގެ ސަބަބުން އެކަމުގައި އިންސާފު ހޯދުމަށް ފުލުހުންނަށް އެ މައްސަލަ ހުށަހެޅުމާ ގުޅިގެން އެމް.ބީ.ސީ އިން އޭނާ އާމެދު އިދާރީ ފިޔަވަޅުއަޅައި، ކުރިން އޭނާއާ ޙަވާލުކޮށްފައިވާ މަސައްކަތް ބަދަލުކޮށްފައިވާކަމީ ނޫސްވެރިއެއްގެ މިނިވަންކަމަށް އަރައިގަތް އަރައިގަތުމެއްކަމަށް ދެކެމެވެ.

ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ކްރިމިނަލް ކޯޓުން ޙުކުމްއިއްވި ރޭ، މުޙައްމަދު އަފްޒަލާއި އަދި އިތުރު ނޫސްވެރިންތަކެއް ޝަރީޢަތް އަޑުއެހުމަށް ކޯޓަށް ވަދެ ތިއްބައި، ޝަރީޢަތް މެދުކަނޑައިލި ގަނޑީގައި އެނޫސްވެރިން ވެއިޓިންގ ރޫމުގައި ބެއިތިއްބުމަށްފަހު އެތަނުން އެނޫސްވެރިން ނުކުތަ ނުދީ ނުވަތަ ގެއަށް ދިއަނުދީ 2 ގަޑިއެއްހާއިރު ގަދަކަމަށް ހިފަހައްޓައި ހިސޯރުކޮށްފައިވުމުގެ ސަބަބުން އެމައްސަލަ އެ ނޫސްވެރިން ފުލުހުންނަށް ހުށަހެޅުމާގުޅިގެން ކްރިމިނަލް ކޯޓުގެ އެހެން މައްސަލަތަކުގެ އަޑުއެހުންތަކަށް ވެސް އެ ނޫސްވެރިން ވަނުން އެ ކޯޓުން މަނާކޮށްފައިވާކަން ފާހަގަކުރަމެވެ. އަދި ހިސޯރުކުރި މައްސަލަ ބެލުމަށް ފުލުހުން އިންކާރުކުރިކަން ވެސް ފާހަގަކުރަމެވެ.

މިކަން މިގޮތަށް ހިނގާފައިވަނިކޮށް، މުޙައްމަދު އަފްޒަލް އެމް.ބީ.ސީ އަށް އެންގުމަކާނުލައި އެ މައްސަލަ ފުލުހުންނަށް ހުށަހެޅިކަމަށް ބުނެ، އަދި އެ މައްސަލާގައި އެކުންފުނިން އޭނާއާ އެއްވެސް ސުވާލެއް ކުރުމެއްނެތި، އަދި ނޫސްވެރިއެއްގެ ޙައިސިއްޔަތުން އޭނާގެ ވާޖިބުއަދާކުރަމުން ދަނިކޮށް ކްރިމިނަލް ކޯޓުން އޭނާ ހިސޯރުކޮށްފައިވީހިނދު، އެމް.ބީ.ސީ އިން އޭނާގެ ޙައްޤުގައި އެއްވެސް މަސައްކަތެއްކުރުމެއް ނެތި، އޭނާގެ ޙައްޤުގެ މައްޗަށް ޙައްޤު ނިގުޅައިގަނެފައިވާކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ.

ހުޅުވިގެންވާ މިނިވަން ޑިމޮކްރެޓިކް މުޖުތަމަޢުތަކުގައި ޝަރީޢަތުގެ އަޑުއެހުންތަކަށް ވަދެ ނުކުތުމުގައި ޢަމަލުކުރެވޭ ގޮތަކީ، ޝަރީޢަތް ހިނގަގާ އޮއްވައި ވެސް ބޭނުން އިރެއްގައި ވަދެ ނުކުތުމުގެ މިނިވަންކަން ލިބިގެން ވުމެވެ.

ރާއްޖޭގެ ނޫސްވެރިންނަށް ނުޙައްޤުން ކުރިމަތިކުރުވާ ގޯނާތަކާއި ފުރައްސާރަތަކާއި އަދި ދެމުންދާ ޙަމަލާތަކުގެ ސަބަބުންނާއި، ނޫސްވެރިންގެ ޙައްޤު ރައްކާތެރިކޮށް ނުދޭތީ، ބައިނަލް އަޤުވާމީ ނޫސްވެރިންގެ ޖަމިއްޔާތަކުން ތަކުރާރުކޮށް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މިގޮތުން ރިޕޯރޓާރސް ވިތައުޓް ބޯރޑާރސް އިން މިއަހަރު އެންމެ ފަހުން ނެރުނު ރިޕޯރޓުގައި ވެސް ފާހަގަކޮށްފައިވާގޮތުން މިރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަން ދަށަށް ވެއްޓެމުން ގޮސް މިހާރު 2008 ވަނަ އަހަރުގެ ކުރިން އޮތް ދަރަޖައާ ގާތަށް ދަށަށް ވެއްޓިފައިވާކަން ފާހަގަކޮށްފައިވެއެވެ.