ޢަހްމަދު މަޙުލޫފާއި އަދި އިތުރު ފަރާތްތައް ޙައްޔަރުކުރި ކުރުން ކުށްވެރިކުރުން

އަނިޔާވެރިކަމާ ދެކޮޅަށް ޤައުމީ ޙަރަކާތެއްގެ ގޮތުގައި ރައްޔިތުން ރޭގައި ބޭއްވި މުޒާހަރާގައި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރ ޢަހްމަދު މަޙުލޫފާއި، މުޒާހަރާ ކަވަރުކުރަމުން ގެންދިއަ ރާއްޖެ ޓީވީގެ ނޫސްވެރިޔަކާއި ކެމެރާމަނެއްގެ އިތުރުން އެތައް ބަޔަކު، ފުލުހުން ރޭގައި ޙައްޔަރުކޮށް އަދި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރ ޢަލީ ނިޒާރުގެ ލޯފުޅަށް ޕެޕަރ ސްޕްރޭ ޖަހައި، މުޒާހަރާގައި ބޭނުންކުރި ސައުންޑް ޕިކަޕް އަތުލައި، ޤާނޫނު އަސާސީއާއި އަދި ޤާނޫނާ ޚިލާފަށް އެ މުޒާހަރާއަށް ފުލުހުން ހުރަސް އަޅާފައިވާތީ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން އެކަން އެންމެ ހަރުއަޑުން ކުށްވެރިކުރަމެވެ.

އަނިޔާވެރިކަމާ ދެކޮޅަށް އަޑުއުފުލައި މާލޭގައި ސުލްޙަވެރިކަމާއެކު ސިލްސިލާކޮށް ބާއްވަމުން ގެންދާ މުޒާހަރާގެ ތެރެއިން ރޭގައި ޢަހްމަދު މަޙުލޫފް ޙައްޔަރުކޮށްފައިވަނީ ފުލުހުން އެމަނިކުފާނު ޓާރގެޓަކަށް ހަދައި، އެމަނިކުފާނާ ދިމާއަށް ހަޑިއެއްޗެތި ގޮވުމަށްފަހު އެމަނިކުފާނުގެ ގަމީސް އިރާލައި އަދި ވަރަށް އަނިޔާވެރިގޮތަކަށްކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ. ސަރުކާރު ހިންގާ ޕްރޮގްރެސިވް ޕާރޓީ އޮފް ދަ މޯލްޑިވްސް (ޕީ.ޕީ.އެމް) އިން ޢަހްމަދު މަޙުލޫފް ވަކިކުރުމާއެކު އަދި އެމަނިކުފާނު ސަރުކާރަށް ފާޑުވިދާޅުވަމުން ގެންދަވާތީ، ސަރުކާރަށް ނިސްބަތްވާ ފަރާތްތަކުން ގެންދަނީ އެމަނިކުފާނަށް އެކި ގޯނާކޮށް އަދި ފުރާނައިގެ ނުރައްކާ ކުރިމަތިކުރުވަމުންކަން ފާހަގަކުރަމެވެ.

ޢަހްމަދު މަޙުލޫފްގެ އިތުރުން ރޭގެ މުޒާހަރާގައި ސުލްޙަވެރިކަމާއެކު ބައިވެރިވި އިތުރު ފަރާތްތަކެއް ވެސް ފުލުހުން ވަނީ ޙައްޔަރުކޮށްފައެވެ. މުޒާހަރާގައި ބައިވެރިވި ޢާންމުންގެ އިތުރުން، މުޒާހަރާ ކަވަރުކުރަމުން ދިއަ ރާއްޖެ ޓީވީއަށް ނިސްބަތްވާ ކެމެރާމަނަކާއި ވީޑިއޯ ޖާރނަލިސްޓަކު ވެސް ޙައްޔަރުކޮށްފައިވެއެވެ. އަދި އެއީ ރާއްޖެޓީވީ އަށާއި ނޫސްވެރިކަމަށް ދިން ޙަމަލާއެއްކަމުގައި މި ޕާރޓީން ދެކެމެވެ.

ފުލުހުން އެފަދައިން މީހުން ޙައްޔަރުކޮށްފައި ވަނީ ސުލްޙަވެރި މުޒާހަރާއެއްގައި ބޭނުންކުރަމުން ގެންދިއަ ލައުޑް ސްޕީކަރު ކަނޑައިލުމަށް އަމުރުކުރުން ފަދަ ޣައިރު ޤާނޫނީ އަމުރުތައް ކުރުމަށްފަހު، ޤާނޫނު އަސާސީއާއި އަދި ޤާނޫނާ ޚިލާފަށް މުޒާހަރާއަށް ހުރަސް އަޅައި ޕެޕަރ ސްޕްރޭ ޖެހުމާއެކުގައެވެ.