ރައީސް ޔާމިނުގެ ވެރިކަމުގައި މިހާތަނަށް 11 މީހަކު މަރާލައި އަދި އިންސާފު ޤާއިމުކޮށްނުދީ ވާތީ، ކަންބޮޑުވުން ފާޅުކޮށް އެކަން ކުށްވެރިކުރުން

ރައީސް ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމު މިރާއްޖޭގެ ވެރިކަމާ ޙަވާލުވެވަޑައިގެން ފަހުން މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި ރާއްޖޭގައި 11 މީހަކު އެކި ޙާދިސާތަކުގައި މިހާރު މަރާލާފައިވާތީއާއި، އަދި އެ މައްސަލަތަކުގައި ޢާއިލާތަކަށް އިންސާފު ޤާއިމުކޮށްދީފައި ނުވާތީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން އެކަމުގެ ކަންބޮޑުވުން އިންތިހާއަށް ފާޅުކޮށް އެންމެ ހަރުއަޑުން ސަރުކާރު ކުށްވެރިކުރަމެވެ.

މިގޮތުން ވޭތުވެ ދިޔަ 2 ދުވަސް ތެރޭގައި ވަކި ވަކި 3 ޙާދިސާއެއްގައި ތޫނު އެއްޗެތިން ޙަމަލާދީ 3 މީހެއްގެ ފުރާނަ ވަނީ ދުއްވާލާފައިކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ. އަދި މި 3 މީހުންގެ ތެރެއިން އެކަކީ ދިވެއްސަކަށްވީއިރު އަނެއް 2 މީހުންނަކީ ބިދޭސީންކަން ފާހަގަކުރަމެވެ. އަދި ދާދިފަހުން މަރާލި ފަރާތްތަކުގެ ތެރޭގައި އުމުރުން އެންމެ 3 އަހަރުގެ މައުސޫމު ތުއްތު ކުއްޖަކު ހިމެނޭކަމީ މި ޕާރޓީން އިންތިހާއަށް ކަންބޮޑުވާކަމެކެވެ.

މިފަދަ މަރުތަކުގެ އިތުރުން އެތަށް ބަޔަކަށް ތޫނު އެއްޗެތިން ޙަމަލާދީ ފުރާނަ ގެއްލޭވަރުގެ ބޮޑެތި ޒަޙަމްތައް ކުރުވާފައިވާކަން ވެސް ފާހަގަކުރަމެވެ. އަދި ނޫސްވެރިޔަކު ވަގަށް ނެގުމަށްފަހު، އޭނާ ވީނުވީ ތަނެއް އަދިވެސް ނުހޯދިވާކަން ފާހަގަކުރަމެވެ.

މީހުން މެރުމުގެ ޖަރީމާތަކާއި ތޫނު އެއްޗެތިން ޙަމަލާދިނުން ނުހުއްޓި މިފަދަ ދަރަޖައަކަށް މިރާއްޖެ ފަދަ ކުޑަ މުޖުތަމަޢުއެއްގައި ޢާންމުވެ އިތުރުވަމުންދަނީ ސަރުކާރުގެ ނުކުޅެދުންތެރިކަމުންނާއި ޖިނާޢީ ޢަދުލުގެ ނިޒާމުގެ ކޮރަޕްޓްކަމުންކަމަށް ދެކެމެވެ. އަދި ހުދު ރައީސް ޔާމިން ފާޅުކަން ބޮޑުގޮތެއްގައި މިރާއްޖޭގެ ކްރިމިނަލް ގޭންގުތަކާ ބާއްވަވަމުން ގެންދަވާ ގުޅުންތަކުގެ ސަބަބުންކަމަށް ދެކެމެވެ.

24 މާރޗް 2015
ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް