ޞުލްޙަވެރި އެއްވުމުގެ ޙައްޤު ހަނިކުރުމުގެ ގޮތުން މުޒާހަރާތަކުގައި ބޭނުންކުރާ ސްޕީކަރުތަކުގެ އަޑުކަނޑައިލުމަށް ދާޚިލީ ވަޒީރު އެންގި އެންގުން ކުށްވެރިކުރުން

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ) ގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު މިނިވަންކުރުމަށް ގޮވާލައި މިޕާރޓީން ޞުލްޙަވެރިކަމާއެކު ބާއްވަމުންގެންދާ ހިނގާލުމުގައި ބޭނުންކުރަމުންދާ ސްޕީކަރުތަކުގެ އަޑު، ރޭގަނޑު 11 ޖަހާއިރު ކަނޑައިލުމަށް ދާޚިލީ ވަޒީރު ޢުމަރު ނަޞީރު ޤާނޫނާ ޚިލާފަށް ފުލުހުންނަށް އަމުރުކުރައްވައި، އެއްވެއުޅުމުގެ މިނިވަންކަން ޤާނޫނާ ޚިލާފަށް ހަނިކުރެއްވުމުގެ މަސައްކަތްކުރައްވަމުން ގެންދަވާތީ، މި ޕާރޓީން އެކަން އެންމެ ހަރުއަޑުން ކުށްވެރިކުރަމެވެ.

އެއްވެ އުޅުމުގެ މިނިވަންކަމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ސަރުކާރު ޖަވާބުދާރީ ކުރުމުގެ ގޮތުން ރައްޔިތުންގެ އަޑު ސަރުކާރަށް އިއްވުމަށް ޑިމޮކްރެޓިކް މުޖުތަމަޢުތަކުގައި ލިބިގެންވާ އެންމެ ވަރުގަދަ ވަސީލަތްކަމަށްވީހިނދު، އަދި ރާއްޖޭގެ ޤާނޫނު އަސާސީން ވެސް ކަށަވަރުކޮށްދީފައިވާ އަސާސީ މުޙިއްމު ވަސީލަތެއް ކަމަށްވީހިނދު، އެ ވަސީލަތް ހުޅުވިގެންވާ މިނިވަން ޑިމޮކްރެޓިކް މުޖުތަމަޢުތަކުގައި ބޭނުންކުރާ އެންމެ ފުޅާމިނުގައި ބޭނުންކުރުމުގެ ޙައްޤު ޤާނޫނު އަސާސީން ކަށަވަރުކޮށްދީފައިވީ ނަމަވެސް، ސަރުކާރުން އެ ޙައްޤު ތަކުރާރުކޮށް ހަނިކުރަމުންދާކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ. އަދި މިކަން މިގޮތަށް ދިމާވެފައި މިވަނީ ޑިމޮކްރެޓިކް ވެލިޔޫސް ތަކެއްގެ މައްޗަށް އެކުލެވޭ ޤާނޫނު އަސާސީއެއް މާނަކޮށް އަދި ތަންފީޒުކުރުމަށް ޚުދުމުޚުތާރު އަތްތަކެއްގެ މައްޗަށް ދިއުމުގެ ނަތީޖާކަމަށް ދެކެމެވެ.

އެމް.ޑީ.ޕީ ގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ ކޮންމެ މުޒާހަރާއަކަށް ނުވަތަ އިޙްތިޖާޖަކަށް މި ސަރުކާރުގެ އެންގުމުގެ މަތިން ފުލުހުންދަނީ ތަކުރާރުކޮށް އިންޒާރުދީ އަދި ބިރުދައްކައި، އެއްވެ އުޅުމުގެ ޙައްޤާއި ޚިޔާލުފާޅުކުރުމުގެ ޙައްޤު ނިގުޅައިގަންނަމުންކަން ފާހަގަކުރަމެވެ. އަދި އެފަދަ އެއްވުންތަކުގެ ބައިވެރިން ޤާނޫނާ ޚިލާފަށް ހައްޔަރުކުރަމުންދާއިރު، އެ އެއްވުންތަކަށް ފާޅުގައި ހަމަލާދީ ތަކެތި ހަލާކުކުރަމުންދާ އެއްވެސް ފަރާތެއް ހައްޔަރުކޮށް ފިޔަވަޅުއަޅަމުން ނުދާކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ.

އަދި މިކަން މިހެން އޮތްއިރު، މި ސަރުކާރުން ބޭނުންނުވާ ފަރާތަކަށް ﷲ ގެ ޙަޟުރަތުގައި ހެޔޮދުޢާ ކުރުމަށް މިސްކިތްތަކުގެ ބޭނުން ހިފުން ވެސް އެއީ މަނާކަމެއްކަމުގައި ދާދިފަހުން ދާޚިލީ ވަޒީރު ޢުމަރު ނަޞީރު ވަނީ ހައްދަވާފައިކަން ފާހަގަކުރަމެވެ.

އެއްވެ އުޅުމުގެ މިނިވަންކަމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޙައްޤު ދިފާޢުކުރުމުގައި މި ޕާރޓީ އަބަދުވެސް ސާބިތުކަމާއެކު ދެމިއޮންނާނޭކަމުގެ ޔަޤީންކަން ރައްޔިތުންނަށް ކަށަވަރުކޮށްދެމެވެ.

22 މާރޗް 2015
ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް