ދުޢާކުރުމަށް މިސްކިތް ބޭނުންކުރުމުން ދާޚިލީ ވަޒީރު ފިޔަވަޅު އެޅުމުގެ އިންޒާރުކުރިކުރުން ކުށްވެރިކުރުން

noosbayan1-220x39

ދިވެހި ރައްޔިތުންކުރެ ޙައްޤަކާނުލައި އަނިޔާ ލިބެމުންދާ ފަރާތްތައް އަނިޔާވެރިކަމުން މިންޖުކުރެއްވުމަށް އެދި މިސްކިތަށް ނަމާދަށް ގޮސް މާތް ﷲ ގެ ޙަޟުރަތުގައި ދުޢާ ދެންނެވުމުން، ދާޚިލީ ވަޒީރު ޢުމަރު ނަޞީރު އެފަރާތްތަކާމެދު ފިޔަވަޅު އެޅުމުގެ އިންޒާރުކުރައްވާފައިވާތީ އެކަމުގެ ކަންބޮޑުވުން އިންތިހާއަށް ފާޅުކޮށް އެކަން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން އެންމެ ހަރުއަޑުން ކުށްވެރިކުރަމެވެ.

އިސްލާމީ މަރުކަޒަށް މިއަދު ހުކުރު ނަމާދަށް ދިއަ ގިނަ ރައްޔިތުންތަކެއް، ނަމާދަށްފަހު މި ޕާރޓީގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދާއި އަދި އެނޫންވެސް ފަރާތްތަކަށް ނުޙައްޤުން ލިބެމުންދާ އަނިޔާއާ މެދު ހިތާމަކޮށް، އެފަދަ އަނިޔާތަކުން އެންމެހައި މުސްލިމުން ރައްކާތެރިކުރައްވައި މިންޖުކޮށްދެއްވުމަށް އެދި ﷲ ހެ ޙަޟުރަތުގައި ދުޢާ ދެންނެވުމާގުޅިގެން، އެގޮތަށް މިސްކިތްތަކުގެ ބޭނުން ނުހިފުމަށް ގޮވާލައި އަދި އެކަމާމެދު ފިޔަވަޅު އެޅުމަށް ދާޚިލީ ވަޒީރު ޢުމަރު ނަޞީރު ފުލުހުންނަށް އަމުރުކުރައްވާފައިވާކަމީ ސިއްސައިގެންދާވަރުގެ ކަމެކެވެ.

އަނިޔާއަކީ މާތް ﷲ ޙަރާމްކުރައްވާފައިވާ ކަމަކަށްވީހިނދު، އަނިޔާއިން ސަލާމަތްވުމަށް ދުޢާ ދެންނެވުމަކީ ވާޖިބެއްކަމަށް ވީހިނދު، އަދި އެއީ މުޢުމިނުންގެ އެންމެ ބާރުގަދަ ހަތިޔާރުކަމަށްވީހިނދު، އަދި މިސްކިތަކީ އަޅުކަންކުރުމާއި ދުޢާދެންނެވުމަށް ޙާއްޞަ ތަނަކަށްވީހިނދު، މުސްލިމު ޤައުމެއްގެ ރައްޔިތުންގެ ގިނަ ބަޔަކު މިސްކިތުގައި ދުޢާދެންނެވުމުން އެކަމަށް ހުރަސްއަޅުއްވައި އިންޒާރުކުރެއްވުމަކީ ސަރުކާރުގެ އަނިޔާވެރިކަން އިތުރު ދަރަޖައަކަށް ދިއަދިއުމެއްކަމަށް ދެކެމެވެ.

އެއްވެއުޅުމުގެ މިނިވަންކަމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ޤާނޫނު އަސާސީއާ ޚިލާފަށް ސަރުކާރުން އަރައިގަންނަމުންދާދިއުމުގެ އިތުރަށް، ސަރުކާރުން ބޭނުން ނުވާ ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ދެއްވުމަށް ﷲ ގެ ޙަޟުރަތުގައި ދުޢާދެންނެވުން ވެސް މިއަދު މިވަނީ ސަރުކާރުން މަނާކުރާ ނުވަތަ އިންޒާރުކުރުވާ ކަމަކަށްވެފައިކަން ފާހަގަކުރަމެވެ.

މާތް ﷲ މިރާއްޖޭގެ ރައްޔިތުންނާއި އެންމެހައި މުސްލިމުން އަނިޔާވެރިންގެ އަނިޔާތަކުން މިންޖުކުރައްވާށިއެވެ. އާމީން!

20 މާރޗް 2015
ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް