ރައީސް ނަޝީދުގެ ވަކީލުންގެ ނޫސް ބަޔާން

ކްރިމިނަލް ކޯޓުގެ ނަންބަރު 132/Cr-C/2015 ޤަޟިއްޔާގައި 13 މާރޗް 2015 ވީ ހުކުރު ދުވަހުގެ ރޭ ކްރިމިނަލް ކޯޓުން ކުރެއްވި ޙުކުމްއަކީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފް ޙުކުމެއްކަމަށް ދެކޭތީ، އެ ޙުކުމް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފްކުރުމަށް ރައީސް މުޙައްމަދު ނަޝީދު ވަނީ ނިންމަވާފައެވެ. އަދި އެމައްސަލައިގެ ރިޕޯޓު ހޯދުމަށް އެދޭ ފޯމު، ވިދިގެން އައި ރަސްމީ ދުވަހު ކްރިމިނަލް ކޯޓަށް ހުށަހެޅުމުން އެކޯޓުން އަންގަވާފައިވަނީ، ރިޕޯޓު ދޫކުރެވޭނީ 7 ދުވަހާއި، 14 ދުވަހާ ދެމެދުގެ މުއްދަތެއްގެ ތެރޭގައި ކަމަށެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2010/4 ޢާންމު ސިޓީ (21 މާރޗް 2010) ގެ 1 (ހ) ގެ ދަށުން، ކޮންމެ ކޯޓަކުންވެސް އެ ކޯޓަކުން ނިންމާ މައްސަލައިގެ ފާހަގަކުރެވިފައިވާ ނުކުތާތަކާއި، އެ މައްސަލައިގައި ކޮށްފައިވާ ޙުކުމް ހިމެނޭ ޚުލާސާ ރިޕޯޓެއް މައްސަލައިގައި ހިމެނޭ ފަރާތްތަކަށް މައްސަލައިގެ ޙުކުމްކުރާ ދުވަހު ދޫކުރަންޖެހެއެވެ. އެހެންނަމަވެސް، މިމައްސަލައިގައި، މައްސަލަ ނިންމާ ދުވަހު ދޭންޖެހޭ ޚުލާސާ ރިޕޯޓު ލިބިފައިވަނީ މިއަދު، 19 މާރޗް 2015 ތާރީޚުގައެވެ.

މައްސަލަ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓަކީ ޝަރީޢަތަށް ފާހަގަކުރެވޭ ނުކުތާތަކާއި، ޙުކުމްގެ މައްޗަށް އެކަނި ބިނާވާާ ރިޕޯޓެއްކަމަށްވާއިރު، ހެކިންގެ ބަޔާންތަކާއި، ދެ ޚަސްމުންގެ ބަޔާންތައް އެރިޕޯޓުގައި ނުހިމެނޭނޭތީ، ޝަރީޢަތަށް ފާހަގަކުރެވުނު ނުކުތާތަކާއި، ޙުކުމް ބިނާކޮށްފައިވަނީ، އެ ބަޔާންތަކުގެ މައްޗަށް ރަނގަޅަށް ރިޢާޔަތްކުރެވިގެންތޯ ބެލުމަކީ ފުރިހަމަ ރިޕޯޓު ނުލިބި ކުރެވޭނޭ ކަމެއް ނޫނެވެ.

މައްސަލަ ނިމުނު ގޮތުގެ ރިޕޯޓު ދޫކުރުން ކްރިމިނަލް ކޯޓުން ލަސްކުރަމުން ގެންދާތީ، އެކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ސަމާލުކަމަށްވެސް ވާނީ ގެނެވިފައެވެ. އެހެންނަމަވެސް، ދިވެހިރާއްޖޭގެ ހައިކޯޓުން އެކަމުގައި އަދި ވަކި ޖަވާބެއް ދެއްވާފައެއް ނުވެއެވެ.

ދަށު ކޯޓުން ނިންމާ މައްސަލަތައް، އެމައްސަލައިގައި ޙުކުމް ކުރެވޭ ތާރީޚުން ފެށިގެން، 10 ދުވަހުގެ ތެރޭގައި އިސްތިއުނާފްކުރުމަށް ހުށަހަޅަންޖެހޭއިރު، މިހާތަނަށްވެސް މިމައްސަލައިގެ ރިޕޯޓު ނުލިބި އޮތުމަކީ، ރައީސް މުހައްމަދު ނަޝީދުގެ އިސްތިއުނާފްގެ ހައްޤަށް ހުރަސްއެޅިގެންދާ ކަމަކަށްވާތީ އެއީ ރައީސް ނަޝީދުގެ ވަކީލުން ނުހަނު ކަންބޮޑުވާ ކަމެކެވެ.

19 މާރޗް 2015