ޙާމިދު ޢަބްދުލްޣަފޫރުގެ ގެކޮޅަށް ޙަމަލާދިން މައްސަލަ ކުށްވެރިކުރުން

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) ގެ ސްޕޯކްސްޕާރސަން (އިންޓަރނޭޝަނަލް) އަދި މި ޕާރޓީގެ ފޮރިން ރިލޭޝަންސް ކޮމެޓީގެ މެމްބަރ ޙާމިދު ޢަބްދުލްޣަފޫރުގެ ގެކޮޅަށް ރޭގެ ވަގުތެއްގައި ގްރޫޕެއްގެ ބަޔަކު އައިސް މަރުގެ އިންޒާރުދީ ހަޅޭލެވުމަށްފަހު އެގެއަށް ވަންނަން ހުންނަ ދޮރަށް ޙަމަލާދީ ތަޅު ހަލާކުކޮށްލައި ބިރުވެރިކަން އުފައްދާފައިވާތީ، އެކަން މި ޕާރޓީން އެންމެ ހަރުއަޑުން ކުށްވެރިކުރަމެވެ.

މިދެންނެވި ގްރޫޕުގެ މީހުން ޙާމިދު ޢަބްދުލްޣަފޫރުގެ ގެކޮޅަށް އައިސް އެ ޖަރީމާ ހިންގިއިރު އެމަނިކުފާނު ރާއްޖެއިން ބޭރުގައި ހުންނެވިކަމުގައި ވީނަމަވެސް އެމަނިކުފާނުގެ އާއިލާގެ އެހެން ބޭފުޅުންނާއި ތުއްތު ބޭފުޅުން ގޭގައި އުޅުންވަމުން ގެންދެވިއެވެ. އަދި އެ ނުރައްކާތެރި ޢަމަލުގެ ސަބަބުން އެބޭފުޅުންނަށް ނުހަނު ބޮޑަށް ނަފުސާނީ ބިރުވެރިކަން އިޙްސާސްކުރައްވަން ޖެހިވަޑައިގެންފައިވެއެވެ.

ޙާމިދު ޢަބްދުލްޣަފޫރުގެ ގެކޮޅަށް މީގެކުރިން ވެސް ވަނީ ޙަމަލާދީ އެގޭގައި ހުޅުޖައި ރޯކޮށްލާފައިކަން ފާހަގަކުރަމެވެ. އަދި މިއިން އެއްވެސް މައްސަލައެއް މިއަދާ ހަމައަށް ވެސް ފުލުހުން ތަޙްޤީޤުކޮށް ފިޔަވަޅުއަޅާފައި ނުވާކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ.

ޙާމިދު ޢަބްދުލްޣަފޫރުގެ ގެކޮޅަށް ޙަމަލާދީ ހިންގާފައިވާ ޖަރީމާތައް ފުލުހުން ނުބަލާ މައްސަލަ ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުންނާއި ހިޔުމަން ރައިޓްސް ކޮމިޝަނުން ވަގުތުން ތަޙްޤީޤުކޮށްދެއްވުމަށް އެފަރާތްތަކަށް މި ޕާރޓީން ގޮވާލަމެވެ.

18 މާރޗް 2015
ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް