ނޫސްވެރިންނަށް ކްރިމިނަލް ކޯޓުތެރެއިން ބޭރަށް ނުނުކުމެވޭގޮތަށް ހިސޯރު ކުރިކުރުމާއި އަދި ޝަރީޢަތުގެ އަޑުއެހުންތަކަށް ވަނުން މަނާކުރި ކުރުމާމެދު ކަންބޮޑުވުން ފާޅުކުރުން

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) ގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދުގެ ޝަރީޢަތް ކްރިމިނަލް ކޯޓުގައި ބޭއްވި އެންމެ ފަހުރޭ (ހުކުރުދުވަހުގެ ރޭ) އެ ޝަރީޢަތަށް ވަން ނޫސްވެރިން، ޝަރީޢަތް މެދުކަނޑައިލި ގަނޑީގައި ވެއިޓިންގ ރޫމުގައި ބެއިތިއްބުމަށްފަހު އެތަނުން އެނޫސްވެރިން އެނބުރި ގެއަށް ދިއުމަށް އެދުމުން ވެސް އެނޫސްވެރިން ނުކުތަނުދީ 2 ގަޑިއެއްހާއިރު ގަދަކަމަށް ހިފަހައްޓައި ހިސޯރުކޮށްފައިވާތީއާއި، އަދި އެމައްސަލަ އެ ނޫސްވެރިން ފުލުހުންނަށް ހުށަހެޅުމާގުޅިގެން ކްރިމިނަލް ކޯޓުގެ އެހެން މައްސަލަތަކުގެ އަޑުއެހުންތަކަށް އެ ނޫސްވެރިން ވަނުން ކްރިމިނަލް ކޯޓުން މަނާކޮށްފައިވާތީ، މިޕާރޓީން އެކަމުގެ ކަންބޮޑުވުން އިންތިހާއަށް ފާޅުކުރަމެވެ.

މިގޮތުން ކްރިމިނަލް ކޯޓުގެ ޝަރީޢަތްތައް އަޑުއެހުމަށް ވަނުން މަނާކުރެވިފައިވާ ނޫސްވެރިންނަކީ އެމް.ބީ.ސީ (ޓީވީއެމް) ގެ ނޫސްވެރިޔާ މުޙައްމަދު އަފުޒަލާއި، ސީ.އެން.އެމް ގެ ނޫސްވެރިޔާ މިސްބާޙު އައްބާސާއި، “އަވަސް”ގެ ނޫސްވެރިޔާ މުޢިއްޒު އިބްރާހީމެވެ. އަދި ފުލުހުންނަށް މައްސަލަ ހުށަހެޅުމާ ގުޅުމެއް ނެތްކަމުގައި ވީނަމަވެސް “ހަވީރު” ގެ ނޫސްވެރިޔާ މުރުޝިދު ޢަބްދުލްޙަކީމް ވެސް ކްރިމިނަލް ކޯޓުގެ ޝަރީޢަތްތައް އަޑުއެހުމަށް ވަނުން މިއަދު ވަނީ އެ ކޯޓުން މަނާކޮށްފައެވެ. އަދި މީގެކުރިން ރާއްޖެޓީވީގެ ނޫސްވެރިން ވެސް ކްރިމިނަލް ކޯޓުގެ ޝަރީޢަތްތައް އަޑުއެހުމަށް ވަނުން މަނާކޮށްފައެވެ.

ޝަރީޢަތް މެދުކަނޑައިލި ގަނޑީގައި ވެއިޓިންގ ރޫމުގައި ބެއިތިއްބުމަށްފަހު އެތަނުން އެނޫސްވެރިން އެނބުރި ގެއަށް ދިއުމަށް އެދުމުން ވެސް އެނޫސްވެރިން ނުކުތަނުދީ 2 ގަޑިއެއްހާއިރު ގަދަކަމަށް ހިފަހައްޓައި، އަދި ފާޚާނާއަށް ވަދެފި ނަމަ އިތުރަށް ޝަރީޢަތުގެ މަޖިލީހަށް ނުވަދެވޭނޭކަމަށް އަންގައި، ޢަމަލުކުރުމަކީ ހިސޯރުކުރުން ކަމުގައި ދެކެމެވެ. ހަމައެފަދައިން، އެ މައްސަލަ ފުލުހުންނަށް ހުށަހެޅުމުން އެ މައްސަލަ ބެލުމަށް ފުލުހުން އިންކާރުކޮށްފައިވަނީ ޤާނޫނު އަސާސީއާއި އަދި ޤާނޫނުތަކާ ޚިލާފަށްކަން ވެސް ފާހަގަކުރަމެވެ.

އަދި ނޫސްވެރިކަމުގެ މިނިވަންކަމާއި އަދި ހާމަކަން ބޮޑުގޮތެއްގައި ޝަރީޢަތްކުރެއްވުމާއި ޝަރީޢަތުގެ ޚަބަރުތައް ރައްޔިތުންނަށް ގެނެސްދިނުމަކީ ޑިމޮކްރެސީއެއްގައި ވަރަށް އަސާސީ އަދި މުޙިއްމު ކަންތައްތަކެއް ކަމަށްވާއިރު، ނޫސްވެރިން ކޯޓަށް ވަނުން މަނާކުރެއްވި ކުރެއްވުމަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އެޅުއްވުންކަމުގައި ދެކެމެވެ. އަދި ހާމަކަން ބޮޑުގޮތެއްގައި ޝަރީޢަތްކުރެއްވުމުގެ ޤާނޫނީ މަފުޙޫމާ ފުށުއަރާ ޢަމަލެއްކަމުގައި ދެކެމެވެ.

ރާއްޖޭގެ ނޫސްވެރިންނަށް ނުޙައްޤުން ކުރިމަތިކުރުވާ ގޯނާތަކާއި ފުރައްސާރަތަކާއި އަދި ދެމުންދާ ޙަމަލާތަކުގެ ސަބަބުންނާއި، އަދި އެފަދަ މައްސަލަތައް ދަޢުލަތުގެ ނިޒާމުގެ ތެރެއިން ބަލަމުންނުދާތީއާއި، ނޫސްވެރިންގެ ޙައްޤު ރައްކާތެރިކޮށް ނުދޭތީ، ބައިނަލް އަޤުވާމީ ނޫސްވެރިންގެ ޖަމިއްޔާތަކުން ތަކުރާރުކޮށް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މިގޮތުން ރިޕޯރޓާރސް ވިތައުޓް ބޯރޑާރސް އިން މިއަހަރު އެންމެ ފަހުން ނެރުނު ރިޕޯރޓުގައި ވެސް ފާހަގަކޮށްފައިވާގޮތުން މިރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަން ދަށަށް ވެއްޓެމުން ގޮސް މިހާރު 2008 ވަނަ އަހަރުގެ ކުރިން އޮތް ދަރަޖައާ ގާތަށް ދަށަށް ވެއްޓިފައިވާކަން ފާހަގަކޮށްފައިވެއެވެ.

ވީމާ، ނޫސްވެރިކަމުގެ މިނިވަންކަން ގެއްލޭ މިފަދަ ޢަމަލުތައް ދަޢުލަތު ބާރުތަކުން ނުކުރެއްވުމަށް މި ޕާރޓީން އިލްތިމާސްކުރަމެވެ. އަދި މި ފަދަ މައްސަލަތައް މީޑިއާ ކައުންސިލުންނާއި ބްރޯޑްކާސްޓިން ކޮމިޝަނުންނާއި ހިޔުމަން ރައިޓްސް ކޮމިޝަނުން ވަގުތުން ބައްލަވައިދެއްވުމަށް މި ޕާރޓީން ގޮވާލަމެވެ.

16 މާރޗް 2015
ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް