އުސްފަސްގަނޑު ސަރަޙައްދުގެ މުޒާހަރާގެ ތެރެއަށް ރޭގައި ކަތިވަޅި ހިފައިގެން ގްރޫޕެއް ވަދެ ހަމަލާދިން މައްސަލަ ކުށްވެރިކުރުން

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) ގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު މިނިވަންކުރުމަށް ގޮވާލައި، މި ޕާރޓީގެ ފަރާތުން އިންތިޒާމުކޮށްގެން ރޭގައި އުސްފަސްގަނޑު ސަރަޙައްދުގައި މުޒާހަރާ ފެށުމަށް ތައްޔާރުވަމުން ދަނިކޮށް އެ މުޒާހަރާގެ ތެރެއަށް ކަތިވަޅި ހިފައިގެން ގްރޫޕެއްގެ ބަޔަކު ވަދެ، މުޒާހަރާގެ ބައިވެރިންނަށް ކަތިވަޅިން ބިރުދައްކައި، ސައުންޑް ސިސްޓަމް ބަހައްޓާފައިހުރި ޕިކަޕުގެ ބިއްލޫރިތައް ތަޅާލައި އަދި ސައުންޑް ސިސްޓަމް ހަލާކުކޮށްލާފައިވާތީ، އެމް.ޑީ.ޕީ އިން އެ ޖަރީމާ އެންމެ ހަރުއަޑުން ކުށްވެރިކުރަމެވެ.

ސުލްޙަވެރި މުޒާހަރާތައް ބޭއްވުމުގައި އެއްބާރުލުންދީ މުޒާހަރާ ކުރާފަރާތްތައް ހިމާޔަތްކޮށްދީ ރައްކާތެރިކޮށްދިނުމަކީ ފުލުހުންގެ މައްޗަށް ޤާނޫނީ ގޮތުން ލާޒިމު ކަމަކަށްވީހިނދު، އެމް.ޑީ.ޕީ އިން ބާއްވާ މުޒާހަރާތަކުގެ ތެރެއަށް މިގޮތަށް ގްރޫޕުތަކުން ތަކުރާރުކޮށް ވަދެ މީހުންނަށް ޙަމަލާދީ ތަކެއްޗަށް ގެއްލުންދެމުންދާއިރު، ފުލުހުން އެފަދަ ފަރާތްތައް ޙައްޔަރުކޮށް ފިޔަވަޅުއަޅަމުން ނުދާކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ. އަދި އެބަޔަކު މިފަދަ އެންމެހައި ޖަރީމާތަކެއް ހިންގަމުންދަނީ އެންމެންގެ ކުރިމަތީގައިކަމާއި އަދި ފޮޓޯއާއި ވީޑިއޯގެ މަންޒަރުތަކުން އެމީހުން އެ ޖަރީމާތައް ހިންގާތަން ފެންނަން ހުންނަކަން ވެސް ފާހަގަކުރަމެވެ.

އެހެންކަމުން އެފަދަ ޖަރީމާތައް ހުއްޓުވައި އެފަރާތްތަކާމެދު ފިޔަވަޅުއެޅުމަށް ފުލުހުންނަށް ތަކުރާރުކޮށް ގޮވާލާހިނދު، ޕޮލިސް އިންޓެގްރިޓީ ކޮމިޝަނާއި ހިޔުމަން ރައިޓްސް ކޮމިޝަނުން މި މައްސަލަތައް ބައްލަވައިދެއްވުމަށް ވެސް މި ޕާރޓީން ގޮވާލަމެވެ.

16 މާރޗް 2015
ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް