އެމް.ޑީ.ޕީ ޕާރލަމެންޓްރީ ގްރޫޕްގެ މެމްބަރ މުހައްމަދު ނާޡިމްގެ އަނގަކޮޅު މަތީގައި ވިލުފުށި ދާއިރާގެ މެމްބަރ ރިޔާޒް ރަޝީދު ޖެއްސެވި މައްސަލަ ކުށްވެރިކުރުން

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ހިނގަމުންދަނިކޮށް މަޖިލީހުގެ ތަޅުމުގައި، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) ގެ ޕާރލަމެންޓްރީ ގްރޫޕުގެ މެމްބަރ އަދި ވައިކަރަދޫ ދާއިރާގެ މެމްބަރ މުހައްމަދު ނާޡިމްގެ އަނގަކޮޅު މަތީގައި ވިލުފުށި ދާއިރާގެ މެމްބަރ ރިޔާޒް ރަޝީދު އަތުން ޖައްސަވައި މާރާމާރީ ހިންގަވާފައިވާތީ، އެމް.ޑީ.ޕީ އިން އެކަން އެންމެ ހަރުއަޑުން ކުށްވެރިކުރަމެވެ.

ރާއްޖޭގެ ސިޔާސީ މަސްރަޙް އޮތްގޮތުން މަޖިލީހުގައި ސިޔާސީ ކޯޅުން ބޮޑުވެފައި ވީނަމަވެސް އެއް މެމްބަރަކު އަނެއް މެމްބަރެއްގެ ހަށިކޮޅަށް އަތް އިސްކުރައްވައި މާރާމާރީ ހިންގަވައި އަނިޔާވެރިވުމަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ޢަމަލެއް ނޫންކަމާއި އަދި އެއީ ވަރަށް ނާތަޙުޒީބު ޢަމަލެއްކަމުގައި ދެކެމެވެ.

މިކަން މެދުވެރިވުމަށް ދިމާވެފައިވާ ސަބަބަކީ، ރައްޔިތުންގެ މަޖިލީހުގެ ނިޒާމުގެއްލިފައިވާއިރު އެކަމަށް ޙައްލެއް ނުހޯއްދަވައި މަޖިލިސް ކުރިއަށް ގެންދެވުމަކީ މަޖިލީހުގެ ޤަވާޢިދާ ކަނޑައެޅިގެން ޚިލާފުކަމަކަށް ވީނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީޙް މުޙައްމަދު ޤަވާޢިދާ ޚިލާފަށް މަޖިލިސް ކުރިއަށް ގެންދެވުންކަމުގައި ދެކެމެވެ. އެހެންކަމުން މަޖިލީހުގައި މާރާމަރީ ހިންގެވި މެމްބަރެކޭ އެއްފަދައިން މަޖިލީހުގެ ރައީސް އަބްދުﷲ މަސީޙް މުޙައްމަދު ވެސް އެކަމުގެ ފުރިހަމަ ޒިންމާ ނަންގަވަން ޖެހިވަޑައިގަންނަވާނެ ކަމުގައި ދެކެމެވެ.

16 މާރޗް 2015
ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް