އެމް.ޑީ.ޕީގެ އިސްވެރިން އަމާޒުފަތްގަނޑަކަށް ހަދައިގެން ހައްޔަރުކުރަމުންދާދިއުން ވަގުތުން ހުއްޓާލާ

ރައީސް ނަޝީދު ހައްޔަރުކުރުމާއި ގުޅިގެން އެމަނިކުފާނު މިނިވަން ވަންދެން ކުރިއަށްގެންދާ ތަފާތު ހަރަކާތުގެ ތެރެއިން ކޮންމެ ރެޔަކު ކުރިއަށްދާ އިންޒާރުގެ މުޒާހަރާތަކުގެ ތެރެއަށް ފުލުހުން ވަދެ ދަނީ ނުހަނު ބޮޑަށް ބާރުގެ ކުރަމުންނެވެ. ރޭގެ މުޒާހަރާ ލީޑްކުރައްވަން ހުއްނެވި އެމް.ޑީ.ޕީގެ ޒުވާނުންގެ ހިއްވަރުގެ ރައީސް މުޙައްމަދު އަޒްމީލްގެ އިތުރުން ކަނޑިތީމު ދާއިރާގެ ރައީސް މުހައްމަދު ޝަހީމް ވަނީ ރޭގެ ސުލްހަވެރި މުޒާހަރާގައި ސަލާމަތީ ބާރުތަކުން ހައްޔަރު ކޮށްފައެވެ. އަދި މިދިޔަ ހުކުރު ދުވަހުގެ ރޭ ވަނީ އެމް.ޑީ.ޕީގެ މައްޗަންގޯޅި އުތުރު ދާއިރާގެ ރައީސް އިބްރާހިމް އަޙުމަދު (މާލިމީ އިބްރާހިމް) ވަނީ ހައްޔަރުކޮށް ޓެރަރިޒަމްގެ ތުހުމަތު ކޮށްފައެވެ.

ދިވެހި ރައްޔިތުންނަށް ސުލްހަވެރިކަމާއިއެކު އެއްވެ އުޅުމުގެ މިނިވަންކަން ޤާނޫން އަސާސީން ލިބިގެން ވީހިނދު ހައްޔަރީން ކޯޓަށް ހާޒިރުކުރުމަށްފަހު ދޫކޮށްލަނީ ގިނަ ފަހަރު 2 މަސް ދުވަސް މުޒާހަރާތަކުން ދުރުގައި ހުރުމަށް ޝަރުތުކޮށްފައެވެ. މިފަދަ ޝަރުތުތަކަކީ ދިވެހި ރައްޔިތުންނަށް ދިވެހި ރާއްޖޭގެ ޤާނޫން އަސާސީން ލިބިދީފައިވާ އަސާސީ މިނިވަންކަމުގެ މައްޗަށް ނަހަމަ ގޮތުގައި ސަރުކާރާއި ސަލާމަތީ ބަރުތަކުގެ އިތުރުން ފަނޑިޔާރުގެއިން އަރައިގަނެ އަސާސީ ހައްގެއް ރައްޔިތުންގެ ކިބައިން ނިގުޅައިގަތުމެވެ.
ރޭގެ މުޒާހަރާވެސް ފެށިގެން ދިޔައީ ސުލްހަވެރިކަމާއި ޤާނޫނީ އިމުގެ ތެރޭން ނަމަވެސް ސަލާމަތީ ބާރުތަކުން ރައްޔިތުންގެ ގިނަ ބަޔަކު ހައްޔަރުކޮށް ރޭގެ މުޒާހަރާ ރޫޅާލުމަށްވަނީ އެތައްފަހަރަކު މަސައްކަތްކޮށް ގިނަ ރައްޔިތުންތަކަކަށް ނަފްސާނީ އަދި އެކިވަރުގެ ހާނިއްކަ ވާފަދަ ގޮތަކަށް އަމަލުތައް ބަހައްޓާފައެވެ.