ރައީސް ނަޝީދުގެ މައްޗަށް ކްރިމިނަލް ކޯޓުގައި ހިންގި ޝަރީޢަތާއި އަދި އިއްވި ޙުކުމް ބަލައިނުގަތުން

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) ގެ ރައީސް އަދި ކުރީގެ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ކުށުގައި 13 އަހަރު ދުވަހުގެ މުއްދަތަށް އެމަނިކުފާނު ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން 13 މާރޗް 2015 ވަނަ ދުވަހުގެ ރޭ އިއްވާފައިވާ ޙުކުމަކީ އިންސާފުކަމަށް މި ޕާރޓީން ބަލައިނުގަންނަމެވެ.

ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ރައީސް ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމުގެ ސަރުކާރުން އުފުލާފައިވާ ޓެރަރިޒުމުގެ ދަޢުވާއާއި، އަދި 13 އަހަރު ދުވަހަށް އެމަނިކުފާނު ޖަލަށްލުމަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ޙުކުމަކީ ރައީސް ޢަބްދުﷲ ޔާމިނާ ވާދަވެރި އަދި ރައްޔިތުންގެ މެދުގައި އެންމެ މަޤުބޫލު ސިޔާސީ ލީޑަރ ނެތިކޮށްލުމުގެ ގޮތުން ހިންގާފައިވާ ނާއިންސާފު އަދި ދަށުދަރަޖައިގެ ޢަމަލެކެވެ.

ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދަޢުވާ އުފުލާފައިވަނީ އެމަނިކުފާނުގެ މައްޗަށް އޭގެ ކުރިން ހުށަހަޅާފައިވާ އެއަށްވުރެ ކުޑަ އަދަބެއް އަންނަ ދަޢުވާއެއް އަނބުރާ ގެންދިއުމަށް ފަހުގައެވެ. ކުރިން ހުށަހެޅި ދަޢުވާ އަނބުރާ ގެންދިއުމަށްފަހު، އެއް ތަޙުޤީޤެއްގެ މައްޗަށް 15 އަހަރު ދުވަހުގެ ޖަލުގެ ޙުކުމެއް އަންނަ ޓެރަރިޒަމުގެ ބޮޑު ދަޢުވާއެއް އުފުލުމަކީ ބައިނަލްއަޤުވާމީ ގޮތުން ޤަބޫލުކުރާ މިންގަނޑުތަކާ ޚިލާފުކަމެއްކަން ފާހަގަކުރަމެވެ.

އަދި ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދަޢުވާ އުފުލުމާއެކު، އެންމެ ފުރަތަމަ ދުވަހުން ފެށިގެން ރައީސް މުޙައްމަދު ނަޝީދު ޖަލުގައި ޙައްޔަރުކޮށްގެން ގެންގުޅެފައިވަނީ ޤާނޫނު އަސާސީއާއި ޤާނޫނުތަކާ ޚިލާފަށެވެ. އަދި ޤާނޫނު އަސާސީން އެމަނިކުފާނަށް ކަށަވަރުކޮށްދީފައިވާ އިސްތިޢުނާފުގެ ޙައްޤަށް ކްރިމިނަލް ކޯޓުން ހުރަސްއަޅާފައިވާކަން ފާހަގަކުރަމެވެ. ހަމައެފަދައިން ވަކީލުން ގެ އެހީތެރިކަން ހޯއްދެވުމުގެ ޙައްޤުން އެމަނިކުފާނު މަޙުރޫމުކޮށްފައި ވެއެވެ. އަދި ހެކި ހުށަހެޅުމުގެ ފުރުސަތު ނުދިން ނުދިނުމާއި، ދިފާޢު ހުށަހެޅުމުގެ ފުރުސަތު ނުދިން ނުދިނުމާއި ތައްޔާރުވުމުގެ ފުރުސަތު ނުދިން ނުދިނުން ވެސް ފާހަގަކުރަމެވެ. އަދި އެ މައްސަލާގައި ހެކިބަހުގެ ގޮތުގައި ބަޔާން ދީފައިވާ ޕްރޮސިކިޔުޓަރ ޖެނެރަލާއި އަދި މައްސަލަ ބަލާ 3 ފަނޑިޔާރުންކުރެ 2 ފަނޑިޔާރަކު މައްސަލަ ހުށަހެޅުމުގައާއި މައްސަލަ ބެލުމުގައި ޝާމިލުވުމާއި، މިފަދަ އެތަކެއް ޢަމަލުތަކެއް ކްރިމިނަލް ކޯޓުން ހިންގާފައިވާކަން ފާހަގަކުރަމެވެ.

އަދި އެ މައްސަލައިގެ ޝަރީޢަތުގެ އަޑުއެހުންތައް ކޮންމެ ދުވަހަކު ބާއްވަމުންގެންދިއުމާއި، ރޭގަނޑުގެ ވަގުތުތަކުގައި ބާއްވަމުން ގެންދިއުމާއި، ދެނަމާދު ދޭތެރޭގައި ބާއްވަމުން ގެންދިއުމާއި، އަދި ހުކުރުދުވަސް ފަދަ ބަންދު ދުވަސްތަކުގެ ރޭގަނޑުގެ ވަގުތު ތަކުގައި ބާއްވަމުން ގެންދިއުން ފަދަ އާދަޔާ ޚިލާފު ގޮތްތަކަށް ރައީސް ނަޝީދުގެ މައްސަލާގައި ޢަމަލުކޮށްފައިވާކަން ފާހަގަކުރަމެވެ.

ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ޓެރަރިޒްމްގެ ދަޢުވާކޮށް ޝަރީޢަތް ހިންގައި 13 އަހަރު ދުވަހަށް އެމަނިކުފާނު ޖަލަށްލުމަށް ޙުކުމްކޮށްފައިވަނީ ރާއްޖޭގެ ޤާނޫނު އަސާސީއާއި އަދި ޤާނޫނު ތަކާއި، އިސްލާމީ ޝަރީޢަތުގެ އެންމެހައި ހަމަތަކާއި އުސޫލުތަކާއި، ބައިނަލްއަޤުވާމީ މިންގަނޑުތަކާ ކަނޑައެޅިގެން ޚިލާފަށް އިންސާފުން އެއްކިބާވެ، އަދި ހަސަދަވެރިވެގެންކަން ފާހަގަކުރަމެވެ.

ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް މި އުފުލި ދަޢުވާއާއި، ޝަރީޢަތް ހިންގި ގޮތާއި، އިއްވި ޙުކުމުގެ ސަބަބުން މުޅި ދުނިޔޭގެ ކުރިމަތީގައި ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމުގެ އަގު އިތުރަށް ވެއްޓިފައިވާކަން ފާހަގަކުރަމެވެ. އަދި މިނާއިންސާފު ޝަރީޢަތަށް ދުނިޔޭގެ ޑިމޮކްރެޓިކް ބޮޑެތި ޤައުމުތަކުންނާއި ޖަމާޢަތްތަކުންނާއި ރާއްޖޭގެ ރައްޔިތުންނާއި ޖަމިއްޔާތަކުން އިންތިހާއަށް ފާޑުކިޔާފައިވާކަން ފާހަގަކުރަމެވެ.

14 މާރޗް 2015
ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް