ރައީސް މުޙައްމަދު ނަޝީދުގެ ޤާނޫނީ ވަކީލުންގެ ނޫސް ބަޔާން

ރައީސް މުޙައްމަދު ނަޝީދު ދެކެވަޑައިގަންނަވާ ގޮތުގައި އެމަނިކުފާނުގެ މައްޗަށް އުފުލި މިހާރު ހިނގަމުންދާ ދަޢުވާގައި އެމަނިކުފާނު ދިފާޢު ކުރައްވަންޖެހިވަޑައިގަންނަވަނީ ހަމައެކަނި އެމަނިކުފާނެއް ނޫނެވެ. ދިވެހި ދައުލަތުގެ ދިފާއީ ބާރުތަކާއި، ސިފައިންގެ އެންމެ މަތީ ވެރިޔާގެ މަޤާމްގެ ގަދަރާއި ޢިއްޒަތެވެ. ރައީސް މުޙައްމަދު ނަޝިދުގެ މައްޗަށް އުފުލާފައިވާ ދައުވާއަކީ ސިފައިންގެ އެންމެ މަތީވެރިޔާގެ މަޤާމުގައި ހުންނަވައި ޓެރަރިޒަމްގެ ޢަމަލު ހިންގެވި ކަމުގެ ދަޢުވާއެވެ.

މިދަޢުވާއަށް އެކަށީގެންވާ ގޮތުގައި ޖަވަބު ދިނުމަށް ރައީސް މުޙައްމަދު ނަޝިދު އެދިވަޑައިގަންނަވަނީ އިންސާފުވެރި ޝަރީޢަތެއް ހިންގަވައި ދެއްވުމަށެވެ. ކުށުގެ ތުޙުމަތުން ބަރީޢަވުމަށްޓަކައި އެމަނިކުފާނު އެދިވަޑައިގަންނަވަނީ އެމަނިކުފާނު އިޚްތިޔާރުކުރައްވާ ޤާނޫނީ ވަކީލުންގެ އެހީތެރިކަމަށެވެ. އެ ވަކީލުން ޝަރީޢަތުގައި ޖަވާބުދާރީވުމަށް އެކަށީގެންވާ ވަގުތާއި، ކަމަށް ބޭނުންވާ ވަޞީލަތްތައް ލިބިދިނުމަށެވެ.
ރައީސް މުޙައްމަދު ނަޝިދުގެ މައްޗަށް މިހާރު ތުޙުމަތު ކުރެވިފައިވާ ޓެރަރިޒަމްގެ ކުށުގެ ތުޙުމަތުގައި މިހާރު ހުށަހެޅިފައިވާ ހެއްކާއި ޤަރީނާއަކީ 2012 ވަނައަހަރު އެމަނިކުފާނުގެ މައްޗަށް އުފުލުނު ‘ޤާނޫނާ ޚިލާފް ގޮތަކަށް ކުށްނުކުރާ މީހާކު ހިފައި ހައްޔަރުކުރުމުގެ ކުށުގެ ދަޢުވާ’ ސާބިތުކުރުމަށް ދައުލަތުން އޭރުވެސް ހުށަހަޅާފައިވާ ހެއްކާ ޤަރީނާއެވެ. 2012 ވަނަ އަހަރުއްސުރެ، ހިނގާ މިދިޔަ 2015 ވަނަ އަހަރުގެ ފެބުރުއަރީ މަހާ ހަމައަށްވެސް، ދައުލަތުން ހުށަހެޅުއްވި ހެއްކާއި ޤަރީނާ ވަޒަންކޮށް، ދިރާސާ ކުރަމުން ގެންދިޔައީ އޭރު ކުރައްވާފައިވާ ކުށުގެ ތުޙުމަތުގެ ދިފާޢު ބިނާކުރުމަށްޓަކައި، އެ މިސްރާބުންނެވެ.

ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ‘ޤާނޫނާ ޚިލާފް ގޮތަކަށް ކުށްނުކުރާ މީހާކު ހިފައި ހައްޔަރުކުރުމުގެ ކުށުގެ ދަޢުވާ’ ކުރެވުނު ތާރީޚުން ފެށިގެން 2015 އަހަރުގެ ފެބުރުއަރީ މަހާ ހަމައަށްވެސް ރައީސް މުޙައްމަދު ނަޝީދުގެ ޤާނޫނީ ވަކީލުންގެ އަތުގައި، ރައީސް މުޙައްމަދު ނަޝިދުގެ މައްޗަށް މިހާރު އުފުލިފައިވާ ޓެރަރިޒަމްގެ ކުށުގެ ދަޢުވާއާ ގުޅޭ ލިޔުންތައް ހުއްޓެވެ. ދެންނެވުނު ލިޔުންތައް ފާއިތުވެދިޔަ 3 އަހަރު ރައީސް މުޙައްމަދު ނަޝިދުގެ ވަކީލުންގެ އަތުގައި ހުރިނަމަވެސް، ރައީސް މުޙައްމަދު ނަޝީދުގެ ވަކީލުން އެ ލިޔުންތަކާއި، ހެކިތައް ދިރާސާކުރަމުން ގެންދިޔައީ ފުރަތަމަ ކުރެވުނު ދަޢުވާގެ ދިފާޢު ބިނާކުރުމަށްޓަކައެވެ.

މިހާރު އުފުލިފައިވާ ދަޢުވާއާ ގުޅިގެން، ބޭއްވޭ ޝަރީޢަތުގެ މަޖިލީސް ތަކުގައި ހެކި ދިރާސާ ކުރުމަށާއި، މައްސަލައަށް ތައްޔާރުވުމަށް ވަގުތު ބޭނުންވާކަމަށް ފާހަގަކުރަމުން މިގެންދަނީ ޓެރަރިޒަމްގެ ދަޢުވާގެ ދިފާޢު ބިނާކުރުމަށްޓަކައި ހެކިތައް ވަޒަންކުރުމަކީ، މުޅިން އަލަށް ފަށަންޖެހޭ އައު މަސައްކަތަކަށްވާތީއެވެ. ކުރީގެ ދަޢުވާގައި ސާބިތުކުރަންޖެހޭ އުންސުރުތަކާއި، މިހާރުގެ ދަޢުވާގެ އުންސުރުތައް ތަފާތުވާތީ، ދިފާޢު ބިނާކުރަންޖެހޭނޭ އަސާސްތައްވެސް ތަފާތުވާނޭތީ، ޓެރަރިޒަމްގެ ދަޢުވާގެ ދިފާޢު ބިނާކުރުމަށްޓަކައި އެކަށީގެންވާ ވަގުތު ނުލިބި ރައީސް މުޙައްމަދު ނަޝީދަށް ޤާނޫނީ އެހީތެރިކަން ފޯރުކޮށްދެވުމަކީ މުސްތަޙީލު ކަމެކެވެ.

އަޅުގަނޑުމެންނަކީ ޤާނޫނީ ވަކީލުންގެ ޙައިސިއްޔަތުން، ޢަދުލު އިންސާފުގެ ދާއިރާގައި ވަކީލުންގެ ގޮތުގައި މަސައްކަތް ކުރުމަށް މާތްﷲ ގެ ވަޖުޙްފުޅު ގަންދީ ހުވައެއް ކޮށްގެން ދެމިތިބި ބައެއް ކަމަށްވީހިނދު، އަޅުގަނޑުމެންގެ ވާޖިބު ފުރިހަމަ ގޮތުހައި އަދާނުކެރޭފަދަ ޙާލަތެއްގައި ތިބެ އެމަސައްކަތް ކުރުމަކީ އަޅުގަނޑުމެންގެ ޟަމީރު ޤަބޫލުކުރާކަމެއް ނޫނެވެ.

އެހެކަމުން، މިހާރު އުފުލިފައިވާ ދަޢުވާއާ ގުޅިގެން އަޅުގަނޑުމެންގެ މުވައްކިލަށް ދޭންޖެހޭ ޤާނޫނީ ލަފަޔާ އިރުޝާދު ދީ، މައްސަލައިގެ ޝަރީޢަތަށް އެކަށީގެންވާ ވަރަށް ރަނގަޅަށް ތައްޔާރުވުމަށް ވަގުތު ނުލިބޭތީ، ރައީސް މުޙައްމަދު ނަޝީދުއަށް ޢަދުލުވެރި ޝަރީޢަތަކަށް ބޭނުންވާ ޤާނޫނީ އެހީތެރިކަން އިޚްލާސްތެރިކަމާއެކު ފޯރުކޮށްދެވޭނޭ ފުރުޞަތު އޮތްކަމަށް ޤަބޫލުނުކުރެވޭތީ، މިމައްސަލައިން ތަނާޒުލުވެ، ކްރިމިނަލް ކޯޓަށް އެކަން މިހާރު އަންގާފައިވާނޭ ވާހަކަ ދަންނަވަމެވެ.

ރައީސް މުޙައްމަދު ނަޝީދުގެ ޤާނޫނީ ވަކީލުން