ރައީސް ނަޝީދު ގެ ޝަރީޢަތުގެ އަޑުއެހުންތަކަށް ރާއްޖެ ޓީވީގެ ނޫސްވެރިން ވަނުން ކޯޓުން މަނާކުރި ކުރުމާމެދު ކަންބޮޑުވުން ފާޅުކުރުން

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) ގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދުގެ ޝަރީޢަތުގެ އަޑުއެހުންތަކަށާއި އަދި ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް (ރިޓަޔަރޑް) މުޙައްމަދު ނާޒިމުގެ ޝަރީޢަތުގެ އަޑުއެހުންތަކަށް ރާއްޖެ ޓީވީގެ ނޫސްވެރިން ވަނުން ކްރިމިނަލް ކޯޓުން މަނާކުރައްވާފައިވާތީ މި ޕާރޓީން އެކަމުގެ ކަންބޮޑުވުން އިންތިހާއަށް ފާޅުކުރަމެވެ.

ނޫސްވެރިކަމުގެ މިނިވަންކަމާއި އަދި ހާމަކަން ބޮޑުގޮތެއްގައި ޝަރީޢަތްކުރެއްވުމާއި ޝަރީޢަތުގެ ޚަބަރުތައް ރައްޔިތުންނަށް ގެނެސްދިނުމަކީ ޑިމޮކްރެސީއެއްގައި ވަރަށް އަސާސީ އަދި މުޙިއްމު ކަންތައްތަކެއް ކަމަށްވާއިރު، ކްރިމިނަލް ކޯޓުގައި ހިނގަމުންދާ މި ރާއްޖޭގެ ރައްޔިތުންގެ މަސްލަޙަތާ ސީދާ ގުޅުންހުރި ދެ މައްސަލަކަމުގައިވާ ރައީސް ނަޝީދުގެ މައްސަލައާއި ކާނަލް (ރިޓަޔަރޑް) ނާޒިމް ގެ މައްސަލާގައި، ސަރުކާރުގެ ސީދާ ނުފޫޒު ނުހިނގާ ޓީވީ ޗެނަލެއް ކަމުގައިވާ ރާއްޖެ ޓީވީގެ ނޫސްވެރިން ޝަރީޢަތުގެ އަޑުއެހުންތަކަށް ވަނުން އެކޯޓުން މަނާކުރެއްވި ކުރެއްވުމަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އެޅުއްވުންކަމުގައި ދެކެމެވެ. އަދި ހާމަކަން ބޮޑުގޮތެއްގައި ޝަރީޢަތްކުރެއްވުމުގެ ޤާނޫނީ މަފުޙޫމާ ފުށުއަރާ ޢަމަލެއްކަމުގައި ދެކެމެވެ.

ރާއްޖޭގެ ނޫސްވެރިންނަށް ނުޙައްޤުން ކުރިމަތިކުރުވާ ގޯނާތަކާއި ފުރައްސާރަތަކާއި އަދި ދެމުންދާ ޙަމަލާތަކުގެ ސަބަބުންނާއި، އަދި އެފަދަ މައްސަލަތައް ދަޢުލަތުގެ ނިޒާމުގެ ތެރެއިން ބަލަމުންނުދާތީއާއި، ނޫސްވެރިންގެ ޙައްޤު ރައްކާތެރިކޮށް ނުދޭތީ، ބައިނަލް އަޤުވާމީ ނޫސްވެރިންގެ ޖަމިއްޔާތަކުން ތަކުރާރުކޮށް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މިގޮތުން ރިޕޯރޓާރސް ވިތައުޓް ބޯރޑާރސް އިން މިއަހަރު އެންމެ ފަހުން ނެރުނު ރިޕޯރޓުގައި ވެސް ފާހަގަކޮށްފައިވާގޮތުން މިރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަން ދަށަށް ވެއްޓެމުން ގޮސް މިހާރު 2008 ވަނަ އަހަރުގެ ކުރިން އޮތް ދަރަޖައާ ގާތަށް ދަށަށް ވެއްޓިފައިވާކަން ފާހަގަކޮށްފައިވެއެވެ.

ވީމާ، ނޫސްވެރިކަމުގެ މިނިވަންކަން ގެއްލޭ މިފަދަ ޢަމަލުތައް ދަޢުލަތު ބާރުތަކުން ނުކުރެއްވުމަށް މި ޕާރޓީން އިލްތިމާސްކުރަމެވެ. އަދި މި ފަދަ މައްސަލަތައް މީޑިއާ ކައުންސިލުންނާއި ބްރޯޑްކާސްޓިން ކޮމިޝަނުން ވަގުތުން ބައްލަވައިދެއްވުމަށާއި، ނޫސްވެރިންގެ އަނގަބަންދުކުރުމާއި ނޫސްވެރިކަމާ ގުޅިގެން ނޫސްވެރިން ޙައްޔަރުކޮށްގެން ފުލުސް އޮފީހަށް ޙާޟިރުކުރުމުގެ ސަޤާފަތަކަށް އެނބުރި ދިއުމުން މިންޖުކުރުމަށް މި ޕާރޓީން ގޮވާލަމެވެ.

9 މާރޗް 2015
ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް