މެމްބަރ ފައްޔާޒު އިސްމާޢިލާއި ޢަލީ ޢާޒިމު ގެ ޙައްޔަރުގެ މައްސަލަ އިމްތިޔާޒު ކޮމެޓީން ބެލުމުގައި ޕީޕީއެމް ގެ މެމްބަރުން ހުރަސް އަޅައިފި.

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) ގެ ޕާރލަމެންޓްރީ ގްރޫޕުގެ މެމްބަރުން ކަމުގައިވާ ގަމު ދާއިރާގެ މެމްބަރ ފައްޔާޒު އިސްމާޢީލާއި ހެންވޭރު މެދު ދާއިރާގެ މެމްބަރ ޢަލީ ޢާޒިމު ސުލްޙަވެރި މުޒާހަރާގެ ތެރެއިން ފުލުހުން ޙައްޔަރުކުރި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒު ކޮމެޓީއަށް ހުށަހަޅާފައި ވަނިކޮށް، އެ ދެ މެމްބަރުން ޙައްޔަރުކުރި މައްސަލަ ސަރުކާރުގެ އަޣްލަބިއްޔަތު އޮންނަ އެ ކޮމެޓީން ރަނގަޅަށް ބެލުމަށް ޕީ.ޕީ.އެމް. ގެ މެމްބަރުން ހުރަސްއަޅުއްވައިފިއެވެ.

އިމްތިޔާޒު ކޮމެޓީގެ މެމްބަރ ހެންވޭރު އުތުރު ދާއިރާގެ މެމްބަރ އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް ޢަބްދުﷲ ޝާޙިދު ވިދާޅުވިގޮތުގައި ފައްޔާޒު އިސްމާޢީލާއި ޢަލީ ޢާޒިމު ފުލުހުން ޙައްޔަރުކުރި މައްސަލާގައި، ފައްޔާޒު އިސްމާޢީލުގެ ޙާލުކޮޅު ބެއްލެވުމަށް ކޮމެޓީގެ މެމްބަރުން ޖަލަށް ޒިޔާރަތްކުރެއްވުމަށާއި އަދި އެކަމުގައި އެ މެމްބަރ އަރިހުން ކަންހިނގާދިއަ ގޮތް ސާފުކުރުމަށް ހުށަހެޅުނު ހުށަހެޅުން ޕީ.ޕީ.އެމް ގެ މެމްބަރުން ވޯޓު ނުދެއްވުމުގެ ސަބަބުން ފާސްނުވިކަމަށެވެ. ހަމަ އެފަދައިން ޢަލީ ޢާޒިމު ކޮމެޓީއަށް ވަޑައިގެން އޭނާގެ ހައްޔަރުގެ މައްސަލާގައި ކަންހިނގާ ދިއަގޮތް ވިދާޅުވެދެއްވުމަށް ކޮމެޓީން ނިންމުމަށް ހުށަހެޅުނު ހުށަހެޅުމަށް ވެސް ޕީ.ޕީ.އެމް ގެ މެމްބަރުން ވޯޓު ނުދެއްވުމުގެ ސަބަބުން ފާސްނުވިކަމަށެވެ.

ޢަލީ ޢާޒިމު ކޮމެޓީއަށް ވަޑައިގެއް އޭނާގެ ޙައްޔަރުގެ މައްސަލާގައި ކަންހިނގާ ދިއަގޮތް ކޮމެޓީން އޮޅުން ފިލުވުމުގެ ބަދަލުގައި ފުލުހުން ތައްޔާރުކޮށްފައިވާ، ތާރީޚު ވެސް ލިޔެފައި ނެތް ރިޕޯރޓަކަށް ބުރަވެ މައްސަލަ ނިންމުމަށް ޕީ.ޕީ.އެމް ގެ މެމްބަރުން ތާޢީދުކުރައްވައި ފާސްކޮށްފައިވެއެވެ. މި ދެންނެވި ރިޕޯރޓުގައި ފުރިހަމަ ވާންޖެހޭ ތާރީޚު ފަދަ މުޙިއްމު މަޢުލޫމާތު ހިމަނާފައި ނެތުމުގެ ސަބަބުން އެ ރިޕޯރޓުގެ މައްޗަށް ބަރޯސާ ނުވުމަށް ހުށަހެޅުއްވުމުން ވެސް ޕީ.ޕީ.އެމް ގެ މެމްބަރުން އެކަމާމެދު ފަރުވާލެއް ބަހައްޓަވާފައި ނުވާކަމަށް ޢަބްދުﷲ ޝާޙިދު ވިދާޅުވިއެވެ.
އެހެންކަމުން ފައްޔާޒު އިސްމާޢީލާއި ޢަލީ ޢާޒިމު ސުލްޙަވެރިކަމާއެކުގައި އިޙްތިޖާޖުކުރައްވަމުން ގެންދަވަނިކޮށް ފުލުހުން ޤާނޫނު އަސާސީއާއި އަދި ޤާނޫނުތަކާ ޚިލާފަށް އެ ދެބޭފުޅުން ޙައްޔަރުކޮށް އެ ދެބޭފުޅުންގެ އިމްތިޔާޒަށް އުނިކަން އަންނަގޮތަށް ފުލުހުން ޢަމަލުކުރި މައްސަލަ، ކޮމެޓީން ބެލުމުގައި ހުރަސްތައް ކުރިމަތިވެފައިވާކަން ޢަބްދުﷲ ޝާޙިދު ފާހަގަކުރެއްވިއެވެ.