އެއާޕޯޓުގައި އިއްޔެ ކުރި މުޒާހަރާގައި ހައްޔަރު ކުރި މީހުންނާއި މެދު އަމަލު ކުރި ގޮތް ބަލައިދިނުމަށް އެމްޑީޕީން ޕޮލިސް އިންޓެގްރިޓީ ކޮމިޝަނަށް ހުށަހަޅައިފި

އެމްޑިޕީގެ ސެކެރެޓަރީ ޖެނެރަލް އަނަސް އަބުދުއްސައްތާރު ވިދާޅުވީ، އެމްޑީޕީގެ މެންބަރުން އެއާޕޯޓުން ހައްޔަރު ކުރުމަށްފަހު އެމީހުންގެ އަތުގައި ކޭބަލް ޓައި އަޅުވާފައިވާ ކަމަށެވެ. އަދި ލޯންޗުގައި އެމީހުން ގެންދިޔަ އިރު ލައިފް ޖެކެޓު ނާޅުވާ ކަމަށާއި، ލޯންޗުގައި އުފުލުމުގެ ހުއްދަ އޮތް ވަރަށް ވުރެ އިތުރަށް މީހުން އަރުވާފައި ތިބި ކަމަށެވެ.

އަނަސް ވިދާޅުވީ 18 މީހުން އުފުލޭ ލޯންޗަކަށް އެތަނުން ހައްޔަރު ކުރި 15 މީހުންގެ އިތުރުން ނުވަ ފުލުހަކު ވެސް ދަތުރު ކުރި ކަމަށެވެ.

އެއާޕޯޓުން އިއްޔެ ހައްޔަރު ކުރި އެންމެން ރޭ ކްރިމިނަލް ކޯޓުންވަނީ ދޫކޮށްލާފައެވެ. އެމީހުން ކޯޓުން ދޫކޮށްލާފައިވަނީ 60 ދުވަސް ވަންދެން މުޒާހަރާއަށް ނުދިއުމަށް ޝަރުތު ކުރުމަށްފަހުއެވެ.