ރައީސް ނަޝީދު ދޫކޮށްލުމަށް ގޮވާލާ އެއާރޕޯޓްގައި ކުރި އިހުތިޖާޖުގައި ހައްޔަރުކުރި ހުރިހާ އަންހެން ކަނބަލުން ވަގުތުން ދޫކޮށްލުމަށް ގޮވާލުން

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ (އެމް.ޑީ.ޕީ)ގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދުގެ މައްޗަށް ރައީސް އަބްދުﷲ ޔާމިންގެ ސަރުކާރުން ނާއިންސާފުން ދައުވާ އުފުލައި އެމަނިކުފާނު ހައްޔަރުކޮށްގެން އަނިޔާވެރިވަމުން ދާތީ އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލާ އިބްރަހިމް ނާސިރު އިންޓާރނޭޝަނަލް އެއާރޕޯޓް ގައި ސުލްހަވެރިކަމާއިއެކު އިހްތިޖާޖު ކުރި ދިވެހި އަންހެނުންތަކެއް މިއަދު ހައްޔަރުކޮށްފައިވަތީ އެ އެންމެ އަންހެން ކަނބަލުން ވަގުތުން ދޫކޮށްލުމަށް މި ޕާޓީން ގޮވާލަމެވެ.
ރާއްޖޭގެ އެންމެގިނަ ރައްޔިތުންގެ ތާއީދާއި ލޯބި ލިބިވަޑައިގެން ހުންނެވި ރައީސް މުޙައްމަދު ނަޝީދު ހައްޔަރުކޮށްފައިވާތީ ގިނަ ރައްޔިތުން ދަނީ އެކަމާއި ކަންބޮޑުުވުންފާޅުކުރަމުންނެވެ. އަދި ބޮޑެތި މުޒާހަރާތަކާއި އިހްތިޖަޖްތައް ހުއްޓުމެއްނެތި ކުރިޔަށްދާކަން ފަހަގަކުރަމެވެެެ. ހަމައެފަދައިން ބައިނަލްއަޤްވާމީ އެކިފަރަތްތަކުންވެސް ވަރަށްބޮޑަށް އެކަމުގައި ކަންބޮޑުވުން ފާޅުކުރަމުންދެއެވެ.
އެފަދަ ގޮތަކަށް މިޤައުމުގެ ހާލަތު އޮތްހިދު މިސަރުކާރުން ރައްޔިތުންގެ މަސްލަހަތު އޮތްގޮތް ބައްލަވައި އަދި ރައްޔިތުންގެ އަޑުއައްސަވައި، ޤައުމުގައި ހަމަޖެހުން ޤާއިމްކުރުމަށް އިސްކަންދެއްވުމުގެ ބަދަލުގައި ރައީސް ނަޝީދު މިނިވަންކުރުމަށް ގޮވާލާ މީހުންންނާއި އަދި ޚާއްސަކޮށް އަންހެން ބޭފުޅުން ހައްޔަރުކުރަމުން ދާކަން ކަންބޮޑުވުމާއިއެކު ފާހަގަ ކުރަމެވެ.އަދި މިގޮތަށް ހައްޔަރު ކޮށްފައިވާ އެންމެހާ ފަރާތްތައް ވަގުތުން ދޫކޮށްލެއްވުމަށް ސަރުކާރަށް މިޕާޓީއިން ގޮވާލަމެވެ.
އަދި ރައީސް ނަޝީދު މިނިވަން ނުކުރާހާހިނދަކު މިފަދަ ސުލްހަވެރި ސީދާހަރަކާތުގެ އިހްތިޖާޖްތައް ހުއްޓުމެއްނެތި ރައްޔިތުން ކުރަމުން ގެންދާނއެވެ.ެ އަދި އެކަމުގައި ގިނަ ރައްޔިތުން ބައިވެރިވުމަށް ގޮވަލަމެވެ.
5 މާރޗް 2015
ބަޔާން ނެރުނީ : އެމް.ޑީ.ޕީގެ ސެކްރެޓޭރިއަޓް