އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހީމް ދީދީ ހައްޔަރުން މިނިވަންކުރުމަށް ގޮވާލުން

ދިވެހި ރާއްޖޭގެ އިސް ސިޔާސީ ލީޑަރެއް ކަމުގައިވާ އަދި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) ގެ ކުރީގެ ރައީސް ޑރ. އިބްރާހީމް ދީދީ، ރައީސް ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމްގެ ސަރުކާރުން ޤާނޫނު އަސާސީއާ ޚިލާފަށް ޖަލުގައި ޙައްޔަރުކޮށްފައިވާތީ އެމަނިކުފާނު މިހާރުން މިހާރަށް މިނިވަންކުރުމަށް ސަރުކާރަށް އެމް.ޑީ.ޕީ އިން ހަރުއަޑުން ގޮވައިލަމެވެ.

ޑރ. އިބްރާހީމް ދީދީ ޙައްޔަރުކޮށްފައިވަނީ މި ސަރުކާރުން ހިންގާ ޤާނޫނު އަސާސީއާ ޚިލާފު ޢަމަލުތައް ހުއްޓައިލުމަށާއި އަދި ރައީސް މުޙައްމަދު ނަޝީދާއި އެހެނިހެން ސިޔާސީ ބޭފުޅުން ހައްޔަރުން ދޫކޮށްލުމަށް ގޮވާލައި 27 ފެބްރުއަރީ 2015 ވަނަދުވަހުގެ ރޭ މަޖީދީމަގުގައި ބޭއްވި ސުލްޙަވެރި އިޙްތިޖާޖުގެތެރެއިންކަން ފާހަގަކުރަމެވެ. ޤާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ އެއްވެއުޅުމުގެ މިނިވަންކަމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ޤާނޫނު އަސާސީއާ އެއްގޮތްވާގޮތުގެ މަތިން ބޭނުންކުރައްވަމުން ގެންދަވަނިކޮށް އެމަނިކުފާނު ޙައްޔަރުކުރުމަށްފަހު ކްރިމިނަލް ކޯޓުން އެމަނިކުފާނުގެ ބަންދުގެ މުއްދަތު މިހާރު 10 ދުވަހަށް އިތުރުކޮށްފައިވަނީ ވަރަށް ނާއިންސާފުންކަން ފާހަގަކުރަމެވެ.

ޑރ. އިބްރާހީމް ދީދީ ޖަލުގައި ޙައްޔަރުކޮށް ބަންދުގެ މުއްދަތު އެގޮތަށް އިތުރުކޮށްފައިވާއިރު އެރޭގެ އިޙްތިޖާޖުގެ އެއްވުމުގެ ތެރެއަށް ދަގަނޑު ހޮޅިބުރިތައް ހިފައިގެން ވަދެގަނެ މާރާމާރީ ހިންގައި އަދި ތަކެއްޗަށް ގެއްލުން ދެނިކޮށް އަތުލައި ފުލުހުންނާ ޙަވާލުކުރެވުނު އެންމެން، މި ސަރުކާރުގެ އަމުރަށް ވަގުތުން ހަމަ އެރޭ ދޫކޮށްލާފައިވާކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ. އަދި ހަމައެފަދައިން ދާދި އިހަކަށްދުވަހު ސަރުކާރުން އިންތިޒާމުކޮށްގެން ރައީސް ޔާމިނާއި އަދި ސަރުކާރުގެ ވެރިން ބައިވެރިވެވަޑައިގެން މާލޭގައި ބޭއްވި މުޒާހަރާގައި ކަނޑައެޅިގެން ޤާނޫނާ ޚިލާފަށް މޫނު ނިވާކޮށް އަދި ލަޓިބުރިފަދަ ތަކެތި ހިފައިގެން މުޒާހަރާ ކުރި އެއްވެސް ފަރާތަކާމެދު މި ސަރުކާރުން އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާކަން ފާހަގަކުރަމެވެ. އަދި އެ މުޒާހަރާ އިންތިޒާމުކުރި ސަރުކާރުގެ އެއްވެސް ވެރިޔަކާމެދު ވެސް ވިޔަވަޅެއް އަޅާފައި ނުވާކަން ފާހަގަކުރަމެވެ.

ދިވެހި ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ އެމް.ޑީ.ޕީ ގެ ރައީސްކަން ކުރައްވާފައިވާ ޑރ. އިބްރާޙީމް ދީދީ އަކީ އަބަދުވެސް ޞުލްޙްވެރި ސިޔާސީ ހަރަކާތާއި، ސުލްޙަ މަސަލަސްކަން ދެމެހެއްޓުމަށް މަސައްކަތް ކުރައްވަމުންގެންދަވާ ޑިމޮކްރެޓިކް ސިޔާސީ ބޭފުޅެކެވެ.

ސިޔާސީ ވާދަވެރިން ބަލިކުރުމުގެ ބޭނުމުގައި އަނިޔާވެރިކަން އިސްކުރައްވައި، ދިވެހި ރާއްޖޭގެ އިސް ސިޔާސީ ލީޑަރުން ނާއިންސާފުން ހައްޔަރުކުރައްވައިގެން ސަރުކާރުން އުޅުއްވާ އުޅުއްވުމަކީ ސިޔާސި ފިނޑި ޢަމަލެއްކަމުގައި ދެކެމެވެ. އެހެންކަމުން ޖަލުގައި ނާއިންސާފުން ޙައްޔަރުކޮށްފައިވާ ހުރިހައި ސިޔާސީ ބޭފުޅުންނާއި އަދި ސުލްޙަވެރި އިޙްތިޖާޖުގެތެއިން ޙައްޔަރުކޮށްފައިވާ އެންމެން ވަގުތުން މިނިވަންކުރުމަށް މި ޕާރޓީން ސަރުކާރަށް ހަރުއަޑުން ގޮވައިލަމެވެ.

3 މާރޗް 2015
ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް