އިސްތިޢުނާފު ކުރުމުގެ ޙައްޤުންނާއި ވަކީލުންގެ އެހީތެރިކަން ހޯދުމުގެ ޙައްޤުން ކްރިމިނަލް ކޯޓުން ރައީސް ނަޝީދު މަޙުރޫމުކުރިކުރުމާމެދު ކަންބޮޑުވުން ފާޅުކުރުން

ިދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) ގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދުގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރެލް އުފުއްލަވާފައިވާ ޓެރަރިޒަމްގެ ދަޢުވާއާ ގުޅިގެން ޝަރީޢަތް ނިމެންދެން އެމަނިކުފާނު ބަންދުގައި ބެހެއްޓުމަށް 23 ފެބްރުއަރީ 2015 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ކުރައްވާފައިވާ އަމުރު، ދިވެހިރާއްޖޭގެ ހައި ކޯޓުގައި އިސްތިއުނާފުކުރުމަށް ކްރިމިނަލް ކޯޓުން ހުރަސް އަޅުއްވައި، ރައީސް މުޙައްމަދު ނަޝީދަށް ޤާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ އިސްތިއުނާފުކުރުމުގެ ޙައްޤު ނިގުޅައިގަނެފައިވާކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ.

މިދެންނެވި އަމުރު އިސްތިއުނާފްކުރުމަށް އެމަނިކުފާނުގެ ޤާނޫނީ ވަކީލުން ހުށަހަޅުއްވާފައިވަނީ 24 ފެބްރުއަރީ 2015 ވަނަ ދުވަހުކަން ފާހަގަކުރަމެވެ. ނަމަވެސް އިދާރީގޮތުން ކްރިމިނަލް ކޯޓުން ފޯރުކޮށްދެއްވަން ޖެހިވަޑައިގަންނަވާ ފޯމުތައް ފޯރުކޮށްދެއްވުމުގައި ލަސްކުރައްވައި، އަދި އެފަހުން މިއަދާ ހަމައަށް ވެސް ކްރިމިނަލް ކޯޓުން އިސްތިއުނާފްގެ މައްސަލައިގެ ލިޔެކިޔުންތައް ހައި ކޯޓަށް ހުށަހަޅުއްވާފައިނުވާކަން ކަންބޮޑުވުމާއެކު ފާހަގަ ކުރަމެވެ.

ހަމަ އެފަދައިން ޤާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ، ޤާނޫނީ ވަކީލުންގެ އެހީތެރިކަން ހޯއްދެވުމަށް ބޭނުންފުޅުވާކަމަށް ރައީސް ނަޝީދު ތަކުރާރުކޮށް ކްރިމިނަލް ކޯޓުގައި އެދިވަޑައިގެންފައި ވީނަމަވެސް، އަދި އެމަނިކުފާނުގެ ވަކީލުން އެގޮތުގައި އައްޔަނުވުވެވަޑައިގަތުމަށް އެބޭފުޅުން ވެސް އެދިވަޑައިގަންނަވަމުން ގެންދެވި ނަމަވެސް، އެމަނިކުފާނު ޙައްޔަރުކޮށްގެން ކްރިމިނަލް ކޯޓަށް ގެންގޮސް ދަޢުވާ އުފުއްލަވައި، އަދި މައްސަލަ ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކުރައްވާފައިވަނީ ޤާނޫނީ ވަކީލުންގެ އެހީތެރިކަން ބޭނުންކުރެއްވުމުގެ ޙައްޤުން، ޤާނޫނު އަސާސީއާ ޚިލާފަށް އެމަނިކުފާނު މަޙުރޫމުކުރައްވައެވެ.

ޤާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (ބ) އަދި (ޅ) އާއި 53 ވަނަ މާއްދާ އާއި 48 ވަނަ މާއްދާގެ (ށ) އިން ރައީސް ނަޝީދަށް ކަށަވަރުކޮށްދީފައިވާ ޤާނޫނީ ވަކީލުންގެ އެހީތެރިކަން ހުރިހައި މަރުޙަލާއެއްގައި ފުރިހަމައަށް ހޯއްދެވުމުގެ ޙައްޤުން އެމަނިކުފާނު މަޙުރޫމުކުރައްވައި، އަދި ޤާނޫނު އަސާސީގެ 56 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ އިސްތިޢުނާފުކުރުމުގެ ޙައްޤުން ވެސް އެމަނިކުފާނު މަޙުރޫމުކުރައްވާފައި ވަނީ، ކްރިމިނަލް ކޯޓުން ޤާނޫނު އަސާސީއާ ޚިލާފަށް އިދާރީ ދަތިތައް އެމަނިކުފާނަށް ކުރިމަތިކުރުވައިގެންކަން ފާހަގަކުރަމެވެ.

ޤާނޫނީ ވަކީލުންގެ އެހީތެރިކަން ބޭނުންކުރުމުގެ ޙައްޤާއި އިސްތިއުނާފުކުރުމުގެ ޙައްޤަކީ އިންސާފުވެރި ޝަރީޢަތަކަށް ބޭނުންވާ އެންމެ އަސާސީ ޙައްޤުތަކެވެ. އަދި މި ޙައްޤުތަކުން ރައީސް ނަޝީދު މަޙުރޫމުކުރުމަކީ ޤާނޫނު އަސާސީއާއި ޝަރީޢަތްކުރުމުގެ ހަމަތަކާއި ބައިނަލްއަޤުވާމީ މިންގަނޑުތަކާ ކަނޑައެޅިގެން ޚިލާފުކަމެއްކަން ފާހަގަކުރަމެވެ.

އެހެންކަމުން ރައީސް ނަޝީދަށް އިންސާފުވެރި ޝަރީޢަތެއް ލިބިވަޑައިގަތުމުން މިހާރުވެސް މަޙުރޫމްކުރައްވާފައިވާކަން ކަންބޮޑުވުމާއެކު މި ޕާރޓީން ފާހަގަކުރަމެވެ.

1 މާރޗް 2015
ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް