ރައީސް މުޙައްމަދު ނަޝީދަށް އެމްއެންޑީއެފްގެ ހިމާޔަތާއި ރައްކާތެރިކަން ދިނުމަށް ކަނޑައަޅުއްވައިދެއްވުމަށް އެދެފި

ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާ ޢިނާޔަތްތަކާބެހޭ ޤާނޫނުގެ 5 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް އެކަށީގެންވާ ރަނގަޅު ފެންވަރަކަށް ޙިމާޔަތާ ރައްކާތެރިކަން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްއިން ދޭންޖެހޭނެކަމަށް ކަނޑައަޅުއްވައިދެއްވުމަށް އެދި މިއަދު މެންދުރުފަހު ދިވެހިރާއްޖޭގެ ސިވިލް ކޯޓަށް ހުށަހަޅުއްވައިފިއެވެ.

ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދަޢުވާކޮށް، ޕްރޮސެކިއުޓާރ ޖެނެރެލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅިގެން އެމައްސަލައިގެ ޝަރީޢަތް ނިމެންދެން ރައީސް ނަޝީދު ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކޮށްފައިވާތީ، މޯލްޑިވްސް ޕޮލިސް ސަރވިސަސްގެ ފަރާތުން އެމަނިކުފާނު ދޫނިދޫގައި ބަންދުކޮށްފައި ހުރިނަމަވެސް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްއިން އެމަނިކުފާނަށް ޙިމާޔަތާ ރައްކާތެރިކަން ދޭންޖެހޭނެކަމަށް ކަނޑައަޅުއްވައިދެއްވުމަށް ސިވިލްކޯޓުގައި ވަނީ އެދިފައެވެ. އަދި ސިވިލް ކޯޓުން ފައިސަލާ ކުރަނިވި ޙުކުމެއް ކުރެއްވުމާ ހަމައަށް ރައީސް ނަޝީދަށް އެމްއެންޑީއެފްގެ ޙިމާޔަތާ ރައްކާތެރިކަން ދެމުން ގެންދިއުމަށް އެމްއެންޑީއެފްއަށް އަންގަވައި ވަގުތީ އަމުރެއް ނެރެދެއްވުމަށްވެސް ސިވިލް ކޯޓުގައި ވަނި އެދިފައެވެ.

ފުލުހުންގެ ބަންދުގައި ހުރިކަމުގައިވީނަމަވެސް މިޤާނޫނުގެ ދަށުން ދޭންޖެހޭ ރައްކާތެރިކަމަކީ ޤައިދުކުރެވޭނެ ކަމެއް ނޫންކަމުގައިވެސް ސިވިލް ކޯޓަށް ހުށަހެޅުއްވި މައްސަލައިގައިވެއެވެ.