ޚާރިޖީ ވަޒީރުގެ ވާހަކަފުޅު ކުށްވެރިކުރުން

ރައީސް މުޙަންމަދު ނަޝީދުގެ ހައްޔަރުކުރުމާ ގުޅޭގޮތުން ބައިނަލްއަޤްވާމީ ފަރާތްތަކުން ކަންބޮޑުވުން ފައުޅުކުރުމާ ވިދިގެން ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ދުންޔާ މައުމޫން އަންގާރަ ދުވަހު ފައުޅުކަން ބޮޑުގޮތެއްގައި ދެއްކެވީ ޙަޤީޤަތާ ޚިލާފު ވާހަކަތެއްކަން ރައީސް މުޙަންމަދު ނަޝީދުގެ އޮފީހުން ހިތަމަޔާއެކު ފާހަގަކޮށް ކުށްވެރިކުރަމެވެ.

ރައީސް ނަޝީދަށް ޢާންމު އުސޫލުގެ މަތިން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގު ތަނަވަސްކޮށްދީފައިވާނެކަމަށް އަންގާރަ ދުވަހު ދިވެހި ޚާރިޖިއްޔާއިން ޢާންމުކުރި ބަޔާނެއްގައި ބުނެފައިވެއެވެ.

އެހެންނަމަވެސް ރައީސް މުޙަންމަދު ނަޝީދު ކޯޓަށް ޙާޒިރުކުރެވިފައިވަނީ ހައްޔަރުކުރެވުނުތާ 24 ގަޑިއިރުގެ ތެރޭގައި ކަމުގައި ޚަރިޖީ ވަޒީރު ވިދާޅުވިނަމަވެސް އެމަނިކުފާނު ކޯޓަށް ހާޒިރުކޮށްފައިވަނީ 26 ގަޑިއިރު ފަހުންނެވެ. މިއާއެކު އެމަނިކުފާނަށް ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ދިނުމަކާއިނުލާ ޝަރީޢަތުގެ ފުރަތަމަ އަޑުއެހުން ކުރިއަށްގެންގޮސްފައިވެއެވެ. ކްރިމިނަލް ކޯޓުން ރައީސް ނަޝީދުގެ ޤާނޫނީ ޓީމަށް އަންގާފައިވަނީ އަޑުއެހުން އޮންނަ ދުވަހުގެ 2 ދުވަސްކުރިން ޤާނޫނީ ވަކީލުން ޢައްޔަންކުރުމަށް އެދި ކޯޓަށް ހުށަހަޅާންޖެހޭނެކަމަށެވެ. ކޯޓަށް ހުށަހަޅަން ޖެހޭ ލިޔުންތައް ހުށަހަޅައި ތަކުރާރުކޮށް ކޯޓުގައި އެދުމުންވެސް ވަކީލުންނަށް ރައީސް ނަޝީދުގެ ފަރާތުން ވަކާލާތު ކުރުމުގެ ފުރުޞަތު ދިނުމަކާނުލައި ޝަރީޢަތުގެ އަޑުއެހުން ކުރިއަށްގެންދިޔައެވެ. ރައީސް ނަޝީދަށް ދައުވާ ކުރުމާއި، ހައްޔަރުކުރުމާއި، ޝަރީޢަތުގެ ފުރަތަމަ އަޑުއެހުން ބޭއްވުން 26 ގަޑިއިރުގެ ތެރެއަށް ކުރުގަޅުވާލެވިފައިވީ ހިނދުގައިވެސް ޝަރީޢަތުގެ ފަރާތުން އެކަމަށް ރިޢާޔަތްކުރެއްވުމެއްނެތި މަސްއަލަ އަޑުއެހުން ކުރިއަށްގެންދިޔައީ އެމަނިކުފާނުގެ ވަކީލުންނަށް ފުރުސަތުދެއްވުމަކާ ނުލައެވެ. މިއީ ދުސްތޫރީގޮތުން އެމަނިކުފާނަށް ލިބިވަޑައިންނަވާ ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ޙައްޤާ ޚިލާފު ޢަމަލެއްގައިކަމުގައި ފާހަގަކުރަމެވެ.

މިއާއެކު ޝަރީޢަތުގެ ފަރާތުން ޤާޟީވަނީ ޝަރީޢަތް ފެށޭ ގަޑިއަށް ޙާޒިރުވެވަޑައިނުގަތްކަމަށް ވިދާޅުވެ، ރައީސް ނަޝީދަށް ފާޑުވިދާޅުވެފައެވެ. އެހެންނަމަވެސް ރައީސް ނަޝީދު ކޯޓަށް ވެއްދިއިރުގައި ފުލުހުން އޮފިސަރުން އެމަނިކުފާނުގެ ގައިކޮޅުގައި، ހިފައިގަނެ، ބިންމައްޗަށް ވައްޓާލައި، ގަމީސްކޮޅުވެސް އިރާލައި، ބިންމަތީ ކޫއްތާ ދަމާ ހެދިކަމުގެ ނިޝާން ސާފުކޮށް ފެންނާން ހުއްޓެވެ.

މީގެއިތުރުން ކޯޓަށް ވެއްދުމުގައި ފުލުހުން ޢަމަލުކުޅަ ގޮތުގެ ސަބަބުން ރައީސް ނަޝީދަށް ވެފައިހުރި ހާނިއްކައާއި، އަނިޔާއަށް ފަރުވާހޯއްދެވުމަށް އެތައްފަހަރެއްގެ މަތިން އެދިވަޑައިގަތުމުންވެސް އަވަސް މަގަކުން އެކަށީގެންވާ ވަގުތެއްގެ ތެރޭގައި ސިއްޙީ ފަރުވާ ލިބޭނެ އިންތިޒާމުވެސް ހަމަޖައްސައިދީފައިނުވާކަމަށް ފާހަގަކުރަމެވެ. އަދި ސިއްޙީ ފަރުވާ ދިނުމަކައިނުލައި، އަޑުއެހުން ނިންމިގޮތަށް އެމަނިކުފާނު ދޫނިދޫއަށް ގެންގޮސް، ދޫނިދޫގައި ޑޮކްޓަރަށް ދެއްކުމަށްފަހު ޑޮކްޓަރު އެކްސްރޭ ނެގުމަށް ލަފާ އެރުވުނުތާ އެތައް ގަޑިއިރެއްފަހުންވެސް ފަރުވާ ދިނުމަކާ ނުލައި، އަނގާރަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި މާލެ ގެނެސް، ޕްރައިވެޓް ކްލިނިކެއްގައި ޑަކްޓަރަށްދައްކާފައިވެއެވެ. އެކުލިނިކް ހުރި ހިސާބު މުޅިން ބެރިކޭޑުޖަހާ ބަންދުކޮށްގެންނެވެ. މިއާއެކު އެމަނިކުފާނު މާލެގެނައިކަންވެސް ރައީސް ނަޝީދުގެ ޢާއިލާއަށާއި، ޤާނޫނީ ވަކީލުންނަށް އަންގާފައިނުވެއެވެ.

އަދި ހަމައެހެންމެ، ރައީސް ނަޝީދުއާ ބައްދަލުކޮށް ހެދުމުގައި ފުލުހުން މެދުވެރިކޮށްފައި ހުރި ހުރަސްތަކުގެ ސަބަބުން އެމަނިކުފާނުގެ ދިފާޢުގައި ކުރާންޖެހޭ ޤާނޫނީ މަސައްކަތްތަކަށް ދަތިތަކާ ކުރިމަތިވާކަމަށް އެމަނިކުފާނުގެ ޤާނޫނީ ވަކީލުންގެ ޓީމުން ވިދާޅުފައިވާއިރު، ބައިނަލްއަޤްވާމީ ފަރާތްތަކުން ފާހަގަކޮށްފައިވާ ފަދައިން ރައީސް ނަޝީދަށް އެކަށީގެންވާ ޤާނޫނީ ޙިމާޔަތާއި، ރައްކާތެރިކަން އަދި ތަފާތުކުރުމެއްނެތި އިންސާފުވެރިކަމާއެކު ޢަމަލުކުރެވެންޖެހޭނެކަންވެސް އެމަނިކުފާނުގެ ޤާނޫނީ ވަކީލުންގެ ޓީމުން ފާހަގަކުރެއެވެ.