ސަރުކާރުގެ އެންގުމަށް ރައީސް ނަޝީދަށް ފުލުހުންއަނިޔާކުރިކުރުން އެންމެ ހަރުއަޑުން ކުށްވެރިކުރުމާއެކު އެމައްސަލަ ބެލުމަށް ގޮވާލުން

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) ގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ޙައްޔަރުކޮށް މިއަދު ކްރިމިނަލް ކޯޓަށް ގެންދިއުމުގައި ރައީސް ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމުގެ ސަރުކާރުގެ އަމުރަށް ފުލުހުން އެމަނިކުފާނަށް ޖިސްމާނީ އަނިޔާކޮށްފައިވާތީ، އެކަން މި ޕާރޓީން އެންމެ ހަރުއަޑުން ކުށްވެރިކުރަމެވެ.

ސިޔާސީ ވާދަވެރިން ނެތިކޮށްލުމުގެ ގޮތުން ރައީސް ޔާމިނުގެ ސަރުކާރުންރައީސް ނަޝީދުގެ މައްޗަށް މިހާރު އުފުލާފައިވާ ސިޔާސީ ދަޢުވާއާ ގުޅިގެން ޤާނޫނު އަސާސީއާއި އަދި ޙައްޔަރުކުރުމުގެ އެންމެހައި އުސޫލުތަކާއި ދުނިޔެ ޤަބޫލުކުރާ އެންމެހައި ހަމަތަކާ ޚިލާފަށްކަން އެމަނިކުފާނު ޙައްޔަރުކޮށްގެން މިއަދު ކްރިމިނަލް ކޯޓަށް ގެންދިއުމުގެ ތެރޭގައި ރައީސް ޔާމިނުގެ ސަރުކާރުގެ އެންގުމުގެ މަތިން ފުލުހުން އެމަނިކުފާނަށް ޖިސްމާނީ އަނިޔާކޮށް ވަރަށް އިހާނެތިކޮށް ހިތާފައިވެއެވެ. އަދި އެމަނިކުފާނަށް ލިބިވަޑައިގަތް އަނިޔާއަށް ފަރުވާ ހޯއްދެވުމުގެ ފުރުސަތަކަށް ތަކުރާރުކޮށް އެދިވަޑައިގަތުމުން ވެސް ކޯޓުން އެމަނިކުފާނަށް އެފުރުސަތު ދިނުމަށް އިންކާރުކޮށް އެފުރުސަތު ދީފައިނުވެއެވެ.

އަދި ރައީސް ނަޝީދާމެދު ތަފާތުކަން ބޮޑުގޮތެއްގައި ކޯޓުން ޢަމަލުކޮށް، ކޯޓަށް ހުށަހެޅުނު މައްސަލަ ނިމެންދެން އެމަނިކުފާނު ޖަލު ބަންދުގައި ބެހެއްޓުމަށް މިއަދު ކޯޓުން ނިންމާފައިވާކަން ފާހަގަކުރަމެވެ.

ރައީސް ނަޝީދަށް ފުލުހުން އަނިޔާކޮށް އަދި އިހާނެތިކޮށްހިތާފައިވާ މައްސަލަ މިހިނދުން މިހިނދަށް ބައްލަވައި،އެ ޢަމަލު ހިންގި ފަރާތްތަކާމެދު ފިޔަވަޅުއެޅުމަށް ދައުލަތުގެ ކަމާބެހޭ އެންމެހައި ފަރާތްތަކަށް މި ޕާރޓީން ގޮވާލަމެވެ.

23 ފެބްރުއަރީ 2015
ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް