ރައީސް ނަޝީދު ޙައްޔަރުކޮށް ޖަލު ބަންދުގައި ގެންގުޅޭތީ، އެމަނިކުފާނު ވަގުތުން ދޫކޮށްލުމަށް ސަރުކާރަށް ގޮވާލާގޮވާލުން ތަކުރާރުކުރުން

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) ގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ޙައްޔަރުކޮށް ޖަލުގައި ބަންދުކޮށްގެން ގެންގުޅޭތީ، އެމަނިކުފާނު ވަގުތުން މިނިވަންކުރުމަށް ރައީސް ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމުގެ ސަރުކާރަށް މި ޕާރޓީން ގޮވާލާގޮވާލުން ތަކުރާރުކުރަމެވެ.

ރައީސް މުޙައްމަދު ނަޝީދު 22 ފެބްރުއަރީ 2015 ވަނަ ދުވަހުގެ 15:00 ގައި ޙައްޔަރުކޮށްފައިވަނީ ރައީސް ޢަބްދުﷲ ޔާމިން ގެ ސަރުކާރުން ސިޔާސީ ވާދަވެރިން ނެތިކޮށްލައި ސިޔާސީ މަޤުސަދު ޙާޞިލުކުރުމުގެ ގޮތުންނެވެ. އެމަނިކުފާނުގެ މައްޗަށް މީގެ ކުރިން ދައުލަތުން “ހުޅުމާލެ މެޖިސްޓްރޭޓް ކޯޓް” އަށް ހުށަހެޅި ދަޢުވާ ގާތްގަނޑަކަށް 3 އަހަރަށް ފަހު އަނބުރާ ގެންދެވާފައިވުމާއި، އަދި އޭގެ ފަހުން ކުށްލިޔަކަށް ޓެރަރިޒަމްގެ ދަޢުވާއެއް އެމަނިކުފާނުގެ މައްޗަށް މިހާރު އުފުއްލަވައި، އެމިނިކުފާނު ޙައްޔަރުކޮށްފައިވަނީ ޤާނޫނު އަސާސީއާއި އަދި ޖިނާޢީ ދަޢުވާތައް އުފުލުމުގައާއި ޙައްޔަރުކުރުމުގެ އެންމެހައި އުސޫލުތަކާއި ދުނިޔެ ޤަބޫލުކުރާ އެންމެހައި ހަމަތަކާ ޚިލާފަށްކަން ފާހަގަކުރަމެވެ.

ރައީސް މުޙައްމަދު ނަޝީދަކީ ދިވެހިރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާރޓީގެ ރައީސްކަމަށްވެފައި، އަދި ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާކަން ކުރެއްވި ބޭފުޅަކަށްވުމުގެ އިތުރުން ދިވެހިރާއްޖޭގެ ރައްޔިތުންގެ އެންމެ ބޮޑު ތާޢީދާއި އިޙްތިރާމް މިހާރުވެސް ލިބިވަޑައިގެން ހުންނެވި ސިޔާސީ ލީޑަރުކަމަށްވީހިނދު، ރައްޔިތުންގެ ތާޢީދު ކުޑަ ރައީސް ޢަބްދުﷲ ޔާމިނުގެ ސަރުކާރުން އެމަނިކުފާނު ޙައްޔަރުކުރުމަކީ މި ސަރުކާރު ގޮތްހުސްވެފައިވާކަމުގެ ދަލީލެކެވެ. އަދި ސަރުކާރުގެ މި ނާތަޙުޒީބު ޢަމަލަކީ މި ސަރުކާރުގެ މަޤުބޫލުކަން އެއްކޮށް ގެއްލި، ރާއްޖޭގެ ރައްޔިތުންގެ ކުރިމަތީގައާއި ބައިނަލް އަޤުވާމީ ދުނިޔޭގެ ކުރިމަތީގައި މި ސަރުކާރުގެ އަގު ވެއްޓިގެންދާނެކަމެކެވެ. އަދި މިކަމުގެ ސަބަބުން ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޙު ހަލަނބޮލިވެ، އިޤްތިސާދީގޮތުންނާއި އެހެނިހެން ގޮތްގޮތުން ދިވެހިރާއްޖޭގެ މުސްތަޤުބަލަށް ނުހަނު ބޮޑެތި ގެއްލުންވާނޭކަމެކެވެ.

ރައީސް މުޙައްމަދު ނަޝީދަށާއި ސިޔާސީ ފަރާތްތަކަށް ބިރުދެއްކުމުގެ ގޮތުން ސަރުކާރުން ހިންގާ މިފަދަ ފިނޑި ޢަމަލުތައް ހުއްޓައިލައި، ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް އުފުލާފައިވާ ސިޔާސީ ދަޢުވާ އަނބުރާ ގެންދަވައި އެމަނިކުފާނު މިނިވަންކުރުމަށް މި ޕާރޓީން ގޮވާލާގޮވައިލުން ތަކުރާރުކުރަމެވެ. އަދި ރައީސް މުޙައްމަދު ނަޝީދު މިނިވަންކުރުމާއި، އެމަނިކުފާނު މި ޕާރޓީގެ ރައީސްގެ ގޮތުގައި ހުންނަވައި ދިވެހިރާއްޖޭއަށްޓަކައި ކުރައްވަމުންގެންދަވާ ހިތްވަރުގަދަ އަދި ހަރުދަނާ މަސައްކަތްޕުޅުތައް ކާމިޔާބުކުރުމަށްޓަކައި މި ޕާރޓީ އަބަދުވެސް ސާބިތުކަމާއެކު އޮންނާނެ ކަމުގެ ޔަޤީންކަން މި ޕާރޓީގެ މެމްބަރުންނަށާއި ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް އަރުވަމެވެ.

23 ފެބްރުއަރީ 2015
ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް