ޢަލީ ޢާޒިމް މިނިވަން ކުރުމަށާއި އަދި އިބްރާހިމްދީދީ ގެ މައްޗަށް އުފުލާފައިވާ ދަޢުވާ އަނބުރާ ގެންދިއުމަށް ގޮވާލުން

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) ގެ ޕާރލަމެންޓްރީ ގްރޫޕުގެ މެމްބަރ، މެދުހެންވޭރު ދާއިރާގެ މެމްބަރު ޢަލީ ޢާޒިމު ޙައްޔަރުން ދޫކޮށްލުމަށާއި، އަދި އެމް.ޑީ.ޕީ ގެ ޕާރލަމެންޓްރީ ގްރޫޕުގެ މެމްބަރ،ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާޙިމް މުޙައްމަދު ދީދީގެ މައްޗަށް ދައުލަތުން އުފުލާފައިވާ ސިޔާސީ ދަޢުވާ އަނބުރާ ގެންދިއުމަށް މި ޕާރޓީން ސަރުކާރަށް ގޮވައިލަމެވެ.

ފުލުހުން ޢަލީ ޢާޒިމް ޙައްޔަރުކޮށްފައިވަނީ އެމް.ޑީ.ޕީ ގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ޙައްޔަރުކުރުމާ ގުޅިގެން މަގުމަތީގައި ރައްޔިތުން ކުރަމުން ގެންދިއަ ސުލްޙަވެރި އިޙްތިޖާޖުގެ ތެރެއިން އެމަނިކުފާނު ސުލްޙަވެރިކަމާއެކު އިޙްތިޖާޖުކުރަމުން ގެންދަވަނިކޮށް ފުލުހުން ޤާނޫނު އަސާސީއާއި ޤާނޫނާ ޚިލާފަށް އެ އިޙްތިޖާޖަށް ހުރަސްއެޅުމުގެ ތެރެއިންކަން ފާހަގަކުރަމެވެ.

އިބްރާޙިމް މުޙައްމަދު ދީދީގެ މައްޗަށް ދައުލަތުން އުފުލި ދަޢުވާއަކީ،އެމަނިކުފާނުގެ މައްޗަށް މީގެ ކުރިން ދައުލަތުން “ހުޅުމާލެ މެޖިސްޓްރޭޓް ކޯޓް” އަށް ހުށަހެޅި ދަޢުވާއަށް ގާތްގަނޑަކަށް 3 އަހަރުވީ ފަހުންއެ ދަޢުވާ އަނބުރާ ގެންދެވުމާއެކު،އަލުން ކުށްލިޔަކަށް ހުށަހެޅި ޓެރަރިޒަމްގެ ދަޢުވާއެކެވެ.ދައުލަތުން މި ދަޢުވާ އިބްރާޙިމް މުޙައްމަދު ދީދީގެ މައްޗަށް އުފުލާފައިވަނީޖިނާޢީ ތުޙުމަތެއްކޮށް ދަޢުވާއުފުލުމުގެ އެންމެހައި އުސޫލުތަކާއި ދުނިޔެ ޤަބޫލުކުރާ އެންމެހައި ހަމަތަކާ ޚިލާފަށްކަން ފާހަގަކުރަމެވެ.

ރައީސް ނަޝީދު ޙައްޔަރުކުރުމާގުޅިގެން ރައްޔިތުން ކުރަމުންގެންދާ ސުލްޙަވެރި އިޙްތިޖާޖުގެތެރެއިން ފުލުހުން ޤާނޫނު އަސާސީއާއި ޤާނޫނާ ޚިލާފަށް ޙައްޔަރުކުރި ފަރާތްތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެމްބަރ އަދި މި ޕާރޓީގެ ޤައުމީ މަޖިލީހުގެ މެމްބަރ އަޙްމަދު ޢީސާ ވެސް ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން ވެސް ސުލްޙަވެރިކަމާއެކު އިޙްތިޖާޖުކުރަމުންދިއަ އެތައް ރައްޔިތުންނެއް އަނިޔާވެރިގޮތުގައި ވަނީ ޙައްޔަރުކޮށްފައެވެ. މިއީ ޤާނޫނު އަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ އެއްވެއުޅުމުގެ މިނިވަންކަމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށްފުލުހުން އަރައިގަތް އަރައިގަތުމެއްކަން ފާހަގަކުރަމެވެ.

ވީމާ، ސުލްޙަވެރި އިޙްތިޖާޖުގެ ތެރެއިން ޤާނޫނު އަސާސީއާ ޚިލާފަށް ހައްޔަރުކޮށްފައިވާ އެންމެން ވަގުތުން ދޫކޮށްލުމަށާއި ޤާނޫނު އަސާސީއާއި،ދަޢުވާކުރުމުގެ ހަމަތަކާ އުސޫލުތަކާ ޚިލާފަށް ކުރަމުންގެންދާ ދަޢުވާތައް ހުއްޓައިލުމަށް މި ޕާރޓީން ސަރުކާރަށް ގޮވައިލަމެވެ.
23 ފެބްރުއަރީ 2015
ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް