އެމް.ޑީ.ޕީގެ ބައިނަލް އަޤްވާމީ ގުޅުންތަކާއި ބެހޭ ކޮމިޓީގެ މުޤައްރިރު އޮނަރަބަލް އަބްދުﷲ ޝާހިދު އިނގިރޭސިވިލާތުގެ ވެރިކަން ކުރާ ކޮންސަރވޭޓިވް ޕާޓީގެ އިންޓާރނޭޝަނަލް އޮފިސް ގެ ޗެއާރމަން އޮނަރަބަލް ޖެފްރީ ރޮބަރޓް ކްލިފްޓަން ބްރައުން (އެމް.ޕީ) އާއި ރާއްޖޭގެ ސިޔާސީ މަސްރަހާއި ބެހޭ ގޮތުން މަޢުލޫމާތު ޙިއްސާކުރައްވައިފި އެވެ.
މިގޮތުން ރާއްޖޭގެ ސަރުކާރުން ޤާނޫނު އަސާސީ އާއި ޚިލާފަށް އެތައް ކަންތައްތަކެއް ކުރަމުން ގެންދާތީ ޤާނޫނު އަސާސީގެ ދިފާއުގައި އެމް.ޑީ.ޕީ އާއި ޖޭޕީ ގުޅިގެން ނިކުމެ މަސައްކަތް ފަށާފައިވުމުގެ މަޢުލޫމާތު ދެއްވާއި ސަރުކާރުން ޤާނޫނު އަސާސީ އާއި ޚިލާފަށް ކުރަމުން ގެންދާ ކަންކަމުގެ ތަފްސީލްދެއްވިއެވެ.
ރާއްޖޭގެ ކުރީގެ ރައީސް އަދި އެމް.ޑީ.ޕީގެ ރައީސް ގެ މައްޗައް އުފުލާފައިވާ ދައުވާ އަކީ ސިޔާސީ ގޮތުން އުފުލާފައިވާ ދައުވާ އެއްކަމާއި އެދައުވާ ޕީޖީގެ އޮފީހުން އަނބުރާ ގެންގޮސް ފާއިވާތީ، އަދުލް އިންސާފްގެ ހަމަތަކުގެ މަތިން އަލުން ރައީސް ނަޝީދުގެ މައްޗަށް ދައުލަތުން އެދައުވާ ނުކުރެވޭނެކަމަށް ގަބޫލުކުރައްވާ ކަމަށް ޝާހިދު ގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
ދިވެހި ރާއްޖެއިން މިހާރު ފެންނަމުންމިދަނީ 2008ގެ ޤާނޫނު އަސާސީ ގެ ދަށުން ލިބުނު ހުރިހާ ޑިމޮކްރެޓިކް ކުރިއެރުމެއް ބޮލާލާޖަހައި ޚުދުމުހުތާރު ވެރިކަމެއް ޤާއިމްވެގެންދާތަން ކަމުގައިވެސް ޝާހިދު ގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
އޮނަރަބަލް ކްލިފްޓަން ބްރައުންގެ ވާހަކަފުޅުގައި ރާއްޖޭގެ މިއަދުގެ ޙާލަތާއި މެދު ނުހަނު ކަންބޮޑުވެވަޑައިގަންނަވަކަމަށް ވިދާޅުވިއެވެ. އަދި އިނގިރޭސި ސަރުކާރުން ރާއްޖޭގައި ޒަމާނީ ޑިމޮކްރަޓިކް ނިޒާމްތައް ޤާއިމްވެގެން ދިއުމަށް ތާއީދު ކުރައްވާ ކަމަށާއި އަދި އެކަމުގައި ދިވެހި ރައްޔިތުންނާއިއެކު ދެމިތިބައްވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.
އަބްދުﷲ ޝާހިދުގެ މި ދަތުރުފުޅުގައި އިނގިރޭސި ޕާރލިމެންޓްގެ އިތުރު އެހެން މެމްބަރުންނާއި ވެސް ގެންދަވަނީ މި މަޢުލޫމާތުތައް ޚިއްސާކުރައްވަމުންނެވެ.