ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް އަލުން ދަޢުވާ ނުކުރެއްވުމަށް އެމް.ޑީ.ޕީން ގޮވާލަން

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ރައީސް، އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދުގެ މައްޗަށް ދައުލަތުން ކުރައްވާފައިވާ ޖިނާޢީ ދަޢުވާ 2015 ފެބުރުވަރީ 16 ވަނަ ދުވަހު އަނބުރާ ގެންދަވާފައިވާތީ އަދުލު އިންސާފުގެ ހަމަތަކުގެ މަތިން އަލުން ރައީސް ނަޝީދުގެ މައްޗަށް ދައުލަތުން އެތުހުމަތުގައި ދައުވާ ނުކުރެއްވޭނެ ކަމުގައި ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީން ޤަބޫލުކުރަމެވެ.
ރައީސް ނަޝީދުގެ މައްޗަށް 2012 ވަނަ އަހަރު ދައުލަތުން އުފުލާފައިވާ ދަޢުވާ މިހާރު އަނބުރާ ގެންދަވާފައިވާއިރު މިއީ އެތަކެއް އަހަރުތަކެއް ވަންދެން އެމަނިކުފާނަށާއި މިޕާޓީއަށް އެތައް ގޮތަކުން ނުހައްގުން ދަތިތަކާ ކުރިމަތިލާންޖެހުނު ކަމެކެވެ. ޒިންމާދާރުކަން ކުޑަކޮށް މިފަދަ ގޮތަކަށް ދައުވާ އުފުއްލަވައި މިއަދު ދައުވާ އަނބުރާ ގެންދަވާފައިވާކަމުން ރައީސް ނަޝީދުގެ މައްޗަށް ޖިނާޢީ ދައުވާއެއް ނުވަތަ ހުކުމެއް ކުރެވޭނެ ހެކިތައް ނެތް ކަމުގައި ޤަބޫލު ކުރެވެއެވެ. އަދި މިކަމުން ހާމަވަނީ މިއީ ދައުލަތުން ސިޔާސީ މަޤްޞަދެއް ޙާޞިލްކުރުމަށް ކުރެއްވި ކަމެއް ކަމުގައެވެ.
2012 ވަނަ އަހަރު ރައީސް ނަޝީދުގެ މައްޗަށް ދައުވާ ކުރެއްވި ފަހުން މިޕާޓީގެ ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި އެމަނިކުފާނު ވަނީ 2013 ވަނަ އަހަރު ބޭއްވުނު ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާފައެވެ. އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި ވާދަކުރައްވައި ކެމްޕޭންގެ ޙަރަކާތްތަކުގައި މަސައްކަތްކުރައްވަމުން ގެންދަވަނިކޮށް އެތައް ފަހަރަކުވަނީ ކެމްޕޭނަށް ހުރަސްއެޅޭ ގޮތަށް އެމަނިކުފާނު ހައްޔަރުކުރައްވައި ކޯޓަށް ހާޒިރުކުރައްވާފައެވެ. މިކަމުގެ ސަބަބުން ޕާޓީގެ ހަރަކާތްތަކަށް ދަތިވެ މުޅި ކެމްޕޭނަށް އެކަމުގެ އަސަރު ކުރިއެވެ. އަދި
ދައުލަތުގެ ފަރާތުން ރައީސް ނަޝީދުގެ މައްޗަށް އުފުއްލަވާފައިވާ ދައުވާއަކީ ސިޔާސީ ދައުވާއެއްކަމަށްވާއިރު، މި ދަޢުވާކުރުމުގައި ޢާންމު މަސްލަޙަތު އެއްވެސް ވަރަކަށް ހިމެނިފައެއް ނުވެއެވެ. މި ދަޢުވާކުރެވުނު ފަރާތްތަކުގެ ތެރެއިން އެއް ބޭފުޅަކު ދިވެހިރާއްޖޭގެ ދިފާއީ ބާރުގެ މިނިސްޓަރުގެ ގޮތުގައި ޢައްޔަނުކުރެވިފައިވާކަމީ މިމައްސަލައިގައި ސަރުކާރުގެ ވިސްނުން ހާމަވާ ކަމެކެވެ.
ރައީސް މުޙައްމަދު ނަޝީދަކީ، ދިވެހިރައްޔިތުންގެ ތެރެއިން ގިނަ ބައެއްގެ ތާޢީދާއި ލޯބި ލިބިވަޑައިގެން ހުންނެވި ސިޔާސީ ބޭފުޅެއްކަމަށްވާއިރު، މުޖުތަމަޢުގެ ޢާންމު މަސްލަޙަތާ ދެކޮޅަށް ރައިސް މުޙައްމަދު ނަޝީދުގެ މައްޗަށް އަލުން ދަޢުވާކުރައްވާނަމަ އެއީ ދިވެހިރައްޔިތުންނަށް ކުރެވޭ ފުރައްސާރައެއްކަމުގައި މެނުވީ ނުވާނޭކަމަށް މިޕާޓީގެ ފަރާތުން ދެކެމެވެ.
ޤާނޫނުއަސާސީއާއި، ޕްރޮސެކިއުޓަރ ޖެނެރަލްގެ ޤާނޫނުގެ ދަށުން ޕްރޮސެކިއުޓަރ ޖެނެރަލްގެ މަސައްކަތުގެ އަސާސް ބިނާކުރައްވަންވާނީ ހަމަހަމަކަމާ، ހާމަކަމާ ޖަވާބުދާރީވުމުގެ މައްޗަށް ކަމުގައިވާއިރު، ދަޢުވާކުރަންޖެހޭ ޚައްސާސް، އެތައް މައްސަލަތަކެއް މިހާރުވެސް ހުރިއިރު، އަދި އެމައްސަލަތަކާމެދު މިހާތަނަށް އައިއިރުވެސް ފިޔަވަޅު އަޅުއްވާފައިނުވާއިރު، ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް އަލުން ދަޢުވާކުރުމަކީ އަސާސީއާއި، ޕްރޮސެކިއުޓަރ ޖެނެރަލްގެ ޤާނޫނުގެ ރޫޙާ ޚިލާފް ކަމެކެވެ.
ރައީސް މުޙައްމަދު ނަޝިދުގެ މައްޗަށް އަލުން ދަޢުވާކުރުމަކީ ދިވެހިރައްޔިތުންގެ އަޣްލަބިއްޔަތު ނުރުހޭނޭ ކަމަކަށްވާތީ، މިދަޢުވާ އަލުން ކުރައްވާނަމަ އެކަމުގެ ސަބަބުން އުފެދިދާނޭ ހަމަނުޖެހުމާއި، ޢާންމު ނުތަނަވަސްކަމަށް ރިޢާޔަތްކުރައްވައި، މި މައްސަލައިގައިރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް އަލުން ދަޢުވާނުކުރެއްވުމަށް ޕްރޮސެކިއުޓަރ ޖެނެރަލްއަށް ގޮވާލަމެވެ.
ނޫސް ބަޔާން ނެރުނީ
އެމް.ޑީ.ޕީގެ ސެކްރެޓޭރިއެޓް