ރައީސް ނަޝީދުގެ ގާނޫނީ ޓީމުން ބޭނުންވި އަމުރު ނެރެދެވޭކަށް ނެތް – ސިވިލް ކޯޓް

DSC_0073

ހުޅުމާލެ ކޯޓް ބެންޗް ބަދަލުކުރުން ހުއްޓުވުމަށް އެދި ރައީސް ނަޝީދުގެ ފަރާތްޕުޅުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ ވަގުތީ އަމުރު ނެރެ ދެވެން ނެތް ކަމަށް ދާދި ދެންމެއަކު ކަނޑައަޅައިފިއެވެ.

މި މައްސަލާގައި އެންމެ ފަހުން ބޭއްވި ޝަރީއަތުގައި ޖޭއެސްސީގެ ވަކީލް ވިދާޅުވީ ރައީސް ނަޝީދުގެ މައްސަލަ ބަލާ ބެންޗަށް ބަދަލުތަކެއް ގެނެސްފައި ނުވާނެކަމަށާއި ނަމަވެސް އެ ބެންޗުގައި ހިމެނި ވަޑައިގެންނެވި ދެ ފަނޑިޔާރަކު އެހެން ދެ ކޯޓެއްގެ ފަނޑިޔާރު ކަމަށް ވަޑައިގެންފައިވާކަމަށެވެ.

ރައީސް ނަޝީދުގެ ގާނޫނީ ޓީމުން ވިދާޅުވީ އެ ބެންޗްގައި ހިމެނޭ ދެ ފަނޑިޔާރަކު އެހެން ދެ ކޯޓަކަށް ބަދަލުވެފައިވާކަމަށް، ޖޭއެސްސީގެ ވަކީލު ވިދާޅުމަށް ފަހު، ބެންޗަށް ބަދަލެއް ނުގެންނަކަމަށް ވިދާޅުވުމުން އޮޅުން އަރާކަމަށެވެ.

ރައީސް ނަޝީދުގެ ފަރާތްޕުޅުން ވަގުތީ އަމުރަކަށް އެދިފައިވަނީ އެމަނިކުފާނުގެ މައްސަލަ ބެއްލެވި ދެ ފަނޑިޔާރަކު އެހެން ދެ ކޯޓަކަށް ހަމަޖައްސަވާފައިވާތީ ސިވިލް ކޯޓަށް ހުށަހެޅި މައްސަލަަ ވަކިގޮތަކަށް ނިމެންދެން އިތުރު ބެންޗެއް އެކުލަވާ ނުލެވޭނެ ކަމަށް ކަނޑައަޅައިދިނުމަށް އެދިއެވެ.

ނަމަވެސް ސިވިލް ކޯޓުން މިއަދު ނިންމާފައިވަނީ ރައީސް ނަޝީދު ގާނޫނީ ވަކީލުންގެ ޓީމުން ބޭނުންވި އަމުރު ނެރެ ދެވެން ނެތް ކަމަށެވެ. ސިވިލް ކޯޓުގެ ނިންމުމުގައި ވަނީ ޖޭއެސްސީ އިން ބެންޗަށް ބަދަލު ގެންނަށް ނޫޅޭ ކަމަށް ބުނެފައިވާ ކަމަށާއި އެފަދަ ބަދަލެއް ގެންނަން އުޅޭނަމަ ފަހުން ވަގުތީ އަމުރަކަށް އެދުމުގެ ފުރުސަތު ރައީސް ނަޝީދަށް ލިބިފައިވާ ކަމަށެވެ.