އެމް.ޑީ.ޕީ ގެ ޤައުމީ މަޖިލީހުގެ 129 ވަނަ ބައްދަލުވުން ބާއްވައިފި

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) ގެ ޤައުމީ މަޖިލީހުގެ 129 ވަނަ ބައްދަލުވުން 10 ފެބްރުއަރީ 2015 ވަނަ ދުވަހުގެ ރޭ ބާއްވައިފިއެވެ. މި ބައްދަލުވުން އޮތީ މާލޭ ސިޓީ ހޯލުގައެވެ.

ރޭގައި ބޭއްވުނު ޤައުމީ މަޖިލީހުގެ ބައްދަލުވުމުގައި، ރާއްޖޭގެ ސިޔާސީ މަޝްރަހަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީގެ ޤައުމީ މަޖިލީހުން ކަނޑައަޅާނެ ގޮތެއް މަޝްވަރާކޮށް އެކަށައެޅުމަށް އެމް.ޑީ.ޕީ ގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސުލް ޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ހުށަހެޅުއްވި މައްސަލައަށް ފުޅާ ދާއިރާއެއްގައި ބަހުސް ކުރެވިފައިވެއެވެ. އަދި އެމް.ޑީ.ޕީ ސީދާ ޙަރަކާތަށް ނުކުތުމަށް ތާއީދުކުރައްވައި ޤައުމީ މަޖިލީހުގެ ގިނަ މެމްބަރުން ވާހަކަފުޅު ދައްކަވާފައިވެއެވެ.

މި ބައްދަލުވުމުގައި އެމް.ޑީ.ޕީ ގެ ހުސްވެފައިވާ ސެކްރެޓަރީ ޖެނެރަލް ގެ މަޤާމަށް އަލްއުސްތާޛު އަނަސް ޢަބްދުއްސައްތާރު އައްޔަނުކުރައްވާފައިވެއެވެ.

ހަމަ އެފަދައިން، ރޭގެ ބައްދަލުވުމުގައި އެމް.ޑީ.ޕީ ޕާރލަމެންޓްރީ ގްރޫޕުގެ ވިޕްލައިނާ ޚިލާފުވެވަޑައިގަތް މައްސަލާގައި އެންމެ ފަހުން ސަސްޕެންޝަން ފިޔަވަޅު އެޅުނު މެމްބަރުނަށް ޤައުމީ މަޖިލީހުގައާއި ޤައުމީ ހިންގާ ކޮމެޓީގައާއި އަދި ޕާރލަމެންޓްރީ ގްރޫޕުގައި ވަކި މުއްދަތެއް ވަންދެން ވޯޓު ނުލެވޭގޮތަށް ސަސްޕެންޑްކުރި ކުރުން އަނބުރާ ގެންދަވައި އެގޮތަށް ނިންމަވާފައިވެއެވެ. މި ހުށަހެޅުން ޤައުމީ މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ވިލިމާލޭ ދާއިރާގެ ރައީސް މުޙައްމަދު އިބްރާހިމް މަނިކެވެ. އަދި މި ހުށަހެޅުމަށް ތާއީދުކުރައްވާފައިވަނީ ރައީސް މުޙައްމަދު ނަޝީދެވެ.

މީގެ އިތުރުން، އެމް.ޑީ.ޕީ ދިއްދޫ ދާއިރާ އޮފީހުގެ ނަމުގައި ބޭންކް އެކައުންޓެއް ހުޅުވުމަށް ހުށަހެޅުނު ޤަރާރު ވެސް ޤައުމީ މަޖިލީހުން ވަނީ ފާސްކޮށްފައެވެ.

ރޭގައި ބޭއްވުނު ޤައުމީ މަޖިލީހުގެ ބައްދަލުވުމުގައި ޤައުމީ މަޖިލީހުގެ ގިނަ އަދަދެއްގެ މެމްބަރުން ބައިވެރިވެވަޑައިގެންފައިވެއެވެ. މި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ އެމް.ޑީ.ޕީ ގެ ޗެއަރ ޕާރސަން ޢަލީ ވަޙީދެވެ.