އެމްޑީޕީގެ އެސްޖީގެ މަޤާމަށް އަނަސް އައްޔަންކޮށްފި

mdp_logo-750x500

އެމްޑީޕީގެ ހުސްވެފައިވާ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ޤާނޫނީ ވަކީލު އަނަސް އަބްދުއްސައްތާރު އައްޔަންކޮށްފިއެވެ.
މ މަޑިކުޅިމާގޭ އަނަސް އަބްދުއްސައްތާރު އެމަޤާމަށް އައްޔަންކޮށްފައިވަނީ މިރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ 129 ވަނަ ޖަލްސާގައެވެ.
އެސްޖީގެ މަޤާމަށް އަނަސް އައްޔަން ކުރުމަށް ނެގިވޯޓްގައި އެވަގުތު ޤައުމީ މަޖިލީހަށް ހާޒިރުވެވަޑައިގެން ތިއްބެވި 57 މެމްބަރުންގެ ތެރެއިން 55 މެމްބަރުން ވޯޓް ދެއްވިއެވެ.

އެމް.ޑީ.ޕީގެ ސެކްރެޓަރީ ޖެނެރަލް ގެ މަޤާމަށް އައްޔަން ކުރެއްވި އަނަސް އަބްދުލް ސައްތާރު އަކީ ބެޗެލާރސް އިން ލޯ އަދި ޝަރީއާ އެންޑް ލޯ ޕާކިސްތާނުގެ އިސްލާމްއާބާދުގެ އިންޓާރނޭޝަނަލް އިސްލާމިކް ޔުނިވާރސިޓީއިން ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އަނަސް އަބްދުލް ސައްތާރު އަކީ ކުޅަދާނަ ޤާނޫނީ ވަކީލެކެވެ.

އަނަސް އަބްދުލް ސައްތާރު އަކީ ދިވެހިރާއްޖޭގައި އުފެދުނު ފުރަތަމަ މީޑިއާ ކައުންސިލް ގެ މެމްބަރުކަމާއި ޤާނޫނީ ލަފާ ތިލަފިށީ ކޯޕަރޭޝަން، ދިވެހިރާއްޖޭގެ ޕޯރޓްސް ލިމިޓެޑް، މިނިސްޓްރީ އޮފް އެޑިއުކޭޝްން، ލޭބަރ ރިލޭޝަންސް އޮތޯރިޓީ، ބްރޯޑްކާސްޓިންގް ކޮމިޝަން ގެ އިތުރުން އައްޑޫ އިންޓަރނޭޝަނަލް އެއާރޕޯޓް ލިމިޓެޑްގެ ސެކްރެޓަރީކަންވެސް ކުރަށްވާފައިވާ ބޭފުޅެކެވެ.

އަދި ލާމަރުކަޒީ ގާނޫންގެ 151ވަނަ މާއްދާއާއި ގުޅޭ 25 ގަވައިދެއް އެކުލަވާލުމުގައި ހަރަކާތްތެރިވެ ވަޑައިގެންނެވި ބޭފުޅެކެވެ. އަދި 2014ވަނަ އަހަރާއި ހަމަޔަށް މޯލްޑިވްސް ބާރ އެސޯސިއޭޝަންގެ ސެކްރެޓަރީ ޖެނެރަލް ކަމާއި ޕާކިސްތާނުގެ މޯލްޑިވްސް ސްޓުޑެންޓްސް އެސޯސިއޭޝަންގެ ރައީސްކަންވެސް ކުރައްވާފަިވާ ބޭފުޅެކެވެ.